ކަޅުއޮށްފުންމި މާލެ ގެނެސް މަރާމާތުގެ މަސައްކަތްތަކަށް ފަހު އާއްމުންނަށް ޒިޔާރަތް ކުރެވޭގޮތަށް ހުޅުވާލާނީ ރަސްމިއްޔާތަކާއެކު އެވެ.
ކަޅުއޮށްފުންމި މާލެ ގެނައުމުގެ މަސައްކަތް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ މިނިސްޓްރީން ފަށައިފި އެވެ.
މިހާރު ކަޅުވަކަރު މިސްކިތް ހުރި މައިދާނަށް ގެންނަނީ މީލާދީން 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި އަލިރަސްގެފާނު ޝަހީދު ކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތި ކުރުމުން އެމީހުންގެ އަތުން ރާއްޖެ މިނިވަން ކުރަން އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅުގެ ނަކަލެކެވެ.
ކަޅުއޮށްފުންމި މާލެ ގެންނަނީ އުތީމު ބޮޑުތަކުރުފާނު ކުރެއްވި މިނިވަންކަމުގެ ޖިހާދާ ބެހޭ މައުލޫމާތު ލިބޭނެ އިންތިޒާމުތަކާއެކު ގިނަބަޔަކަށް ފެންނާނެ ގޮތަށް ބޭއްވުމަށެވެ. އެކަން ކުރަނީ ކަޅުއޮށްފުންމީގެ ނަކަލު މާލޭގައި ބެހެއްޓުމަށް ތިން ސަރަހައްދެއްގެ ސާވޭ ކުރުމަށް ފަހު އެވެ.
ކަޅުއޮށްފުންމީގެ ނަކަލު ބަނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގަ އެވެ. އެ ނަކަލު ބަނީ އުތީމު މަހާރަދުންގެ ގައުމީ ޖިހާދާއި ކަޅުއޮއްފުންމިއާބެހޭ ގޮތުން ލިބެން ހުރި ތާރީހީ މައޫލޫމާތު، ފަންނީ ޓީމަކުން ދިރާސާ ކުރުމަށް ފަހު އެވެ. ކަޅުއޮށްފުންމީގެ ދިގުމިނުގައި 51 ފޫޓު ހުރެ އެވެ. އަލަށް ބަތން ނަކަލު މޫދަށް ބާލާފައި ވަނީ ޑިސެންބަރު 2، 2015 ގައެވެ. މިނިވަން ފަންސާހުގެ ރަސްމިއްޔާތަށް ފަހު އެ އޮޑި އޮތީ އާ ރަށަށް އެހެލާފަ އެވެ.
މިނިސްޓްރީން ބުނީ އެ މަސައްކަތް ކުރާއިރު އުޅަނދުގެ މަރާމާތަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި، މާލެ ގެނައުމަށް އަމަލު ކުރާނެ ގޮތެއް ހަމަޖައްސާނެ އެވެ. އަދި ކަޅުއޮށްފުންމި މާލެ ގެނެސް މަރާމާތުގެ މަސައްކަތްތަކަށް ފަހު އާއްމުންނަށް ޒިޔާރަތް ކުރެވޭގޮތަށް ހުޅުވާލާނީ ރަސްމިއްޔާތަކާއެކު އެވެ. މަސައްކަތްތައް ކުރިއަށް އޮތް ތިން ހަފްތާއެއްހާ ދުވަސް ތެރޭ ނިންމާނެ އެވެ.