ރައީސްގެ މެސެޖު މާލޭ ބިންވެރީންނަށް: ގޯތި އަތެއް ނުލާނެ، އުޅެވޭނެ ގޮތް ހަދައިދޭނެ

ގޯތި ލިބުނު ތަންތަން ބަދަލު ނުކުރާނެ ކަމަށާ އެއްވެސް މީހެއްގެ އަތުން ގޯތި އަތުނުލާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ތަކުރާރުކޮށް ދެއްވާފައިވާ ކަމަށް ޖަމިއްޔާތަކުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލްވުމެއް ގައި ބައިވެރިވެވަޑައިގަންނަވަނީ

މާލެ ސަރަހައްދުން ގޯތި ލިބިފައިވާ އެއްވެސް މީހެއްގެ އަތުން ގޯތި އަތުނުލާނެ ކަމަށާ ގޯތި ލިބުނު ތަން ވެސް ބަދަލު ނުކޮށް އެ ތަންތަނުގައި ދިރިއުޅެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން މާލޭ ބިންވެރީންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.

ރައީސް މުއިއްޒު މި ޔަގީންކަން ދެއްވިކަން މާލެ ސަރަހައްދުން ބިން ލިބުނު މީހުންނަށް ހާއްސަކޮށްގެން މިރޭ ބޭއްވި މާލޭ ބިންވެރީންގެ ސައްލާ ގައި ވަނީ ހާމަ ކޮށްފައެވެ. މާލެ ބިންވެރީންގެ ސައްލާ ބާއްވަަނީ ހަތަރު ޖަމިއްޔާ އެއް ގުޅިގެންނެވެ. އެއީ ގިރާވަރު މާލެ ސިޓިޒަންސް އެސޯސިއޭޝަން އާއި ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނާއި މަލެ ރަށްވެހީންގެ ޖަމިއްޔާ އަދި ހުޅުމާލެ ރައްޔިތުންގެ ކޮމެޓީ ގުޅިގެންނެވެ.

މި ހަތަރު ޖަމިއްޔާގެ ފަރާތުން ހާއްސަ މަންދޫބެއް ކަނޑައަޅާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ވަނީ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުތައް މިރޭގެ ބައްދަލްވުމުގައި ވަނީ ހާމަ ކޮށްފައެވެ. އަދި އެމަނިކުފާނުގެ މެސެޖު ވަނީ ހިއްސާ ކޮށްފައެވެ.

ރައީސް ވަނީ ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބެއް ބައްލަވާނެ ކަމަށާ ވީހާވެސް އަވަހަށް ރަޖިސްޓްރީ ދޫކޮށް ނިމޭނެ ގޮތްތަކެއް ހޯއްދަވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި އަންނަ ހަފްތާގައި އެކަމާއި ގުޅޭ މައުލޫމާތު ހާމަ ކުރުމަށް ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވާނެ ކަމަށް ހައުސިން މިނިސްޓްރީން އަންގާފައިވާ ކަމަށް ޖަމިއްޔާތަކުން ބުނެފައިވެއެވެ.

މީގެ އިތުރުން ކުރީ ސަރުކާރުން ގޯތި ދޫޫކުރި ބައެއް ސަރަހައްދުތައް އަދިވެސް ނުހިއްކި ހުރުމުން އެތަންތަނާމެދު އަމަލު ކުރާނެ ގޮތެއް ނިންމަވާ އެކަމުގެ ތަފްސީލް ވެސް ދެއްވާނެ ކަމަށެވެ. އަދި ގޯތި ލިބުނު ކަމަށް ގެޒެޓް ކުރި މީހުންނަށް ރަޖިސްޓްރީ ދިނުމުގެ ކުރީން އެކަމުގެ ލިޔުމެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނާވާ ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް އެ ޖަމިއްޔާތަކުން އިއްވި މެސެޖުގައި ބުނެފައިވެ އެވެ.

އަދި ގޯތި ލިބުނު ތަންތަން ބަދަލު ނުކުރާނެ ކަމަށާ އެއްވެސް މީހެއްގެ އަތުން ގޯތި އަތުނުލާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ތަކުރާރުކޮށް ދެއްވާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ރަޖިސްޓްރީ ހަވާލު ކުރުމާއި ބިން ހިއްކާ ނިންމާ ގޯތި ދިނުމާއި އަސާސީ ހިދުމަތް ގާއިމުކޮށް ފަސޭހައިން ދަތުރު ފަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސާ އެތަންތަނުގައި ދިރިއުޅެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވާފައެވެ.

"މިއީ އަޅުގަނޑުމެންނަށް މި ހުރިހާ ދުވަހަކު ނުލިބޭފަދަ ކުރިއެރުމެއް ކަމަށް އަޅުގަނޑުމެންގެ ހުރިހާ ޖަމިއްޔާތަކުން ދެކެނީ،" ޖަމިއްޔާތަކުގެ މަންދޫބެއްގެ ގޮތުގައި ބައިވެރިވީ ސުނާދު ލަތީފް މިރޭ ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ވަނީ މާލެ ސަރަހައްދުން ގިނަ ބަޔަކަށް ގޯތި ދޭން ނިންމާފައެވެ. ހުޅުމާލެ އާއި ގުޅީފަޅާއި ގިރާވަޅުފަޅުން ގޯތި ދޭން ނިންމި އެވެ. ނަމަވެސް ސަރުކާރު ބަދަލުވީއިރު ގިނަ ގޯތިތައް ދޭން ނިންމި ސަރަހައްދު އޮތީ ނުހިއްކަ އެވެ. އެ މަަސައްކަތް މި ސަރުކާރުން ދަނީ ކުރަމުންނެވެ. އެ ގޮތުން ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަޅުފަޅު ދަނީ ހިއްކަމުންނެވެ. ސަރުކާރުން ވަނީ ގުޅިފަޅާއި ގިރާވަޅުފަޅުން ކުރީން ހިއްކަން ހަމަޖެހިފައި އޮތް ސަރަހައްދަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކަން މިހާރު ނިންމާފައެވެ.

މާލެ ރައްޔިތުންނަށް ގޯތި ދިނުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެއް ނަަމަވެސް އެ ވައުދު ފުއްދުމުގެ މަސައްކަތް ފެށީ ދައުރުގެ އެންމެ ފަހުކޮޅު އެވެ. ގޯތި ދިނުމުގެ މަސައްކަތް ނުނިމި އާ ސަރުކާރަށް އެ މަސައްކަތް ލައްވާލީ އެ ސަބަބާއި ގުޅިގެންނެވެ.

ރައީސް މުއިއްޒު ވަނީ މުޅި އާ ޝަހަރެއްގެ ގޮތުގައި ފުށިދިއްފަރުފަޅު ތަރައްގީ ކުރުމުގެ މަަސައްކަތް ފައްޓަވާފައެވެ. ހުޅުމާލޭގެ ތިން ގުނަ ބޮޑު ބިމެއް ހިއްކާ "ރަސްމާލެ" ނަމުގައި އެ ޝަހަރު ތަރައްގީ ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެ ފައެވެ. ވެރިކަމުގެ ފުރަތަމަ މަސް ދުވަސް ތެރޭ ބިން ހިއްކުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ޕްލޭން ގައި އޮތީ އަށް މަސް ތެރޭ ބިން ހިއްކާ ނިންމުމެވެ.

ދިވެހީންގެ ތަރައްގީގެ އެންމެ މުހިންމު ބައިވެރިޔާ -- ޗައިނާއާ އެކު ފުށިދިއްގަރު ތަަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުއެއް ގައި މިހާރު ވަނީ ސޮއިވެސް އަޅާފައެވެ. އެގޮތުން ޗައިނާގެ އެހީގައި އެ ޝަހަރު ގައި 30،000 ގެދޮރު އިމާރާތް ކުރުމުގެ ބިޔަ މަޝްރޫއުއެއް ހިންގަން ދެ ގައުމުން ވަނީ އެއްބަސް ވެފައެވެ. ރަސްމާލޭގެ ފެނާއި ނަރުދަމާ އަދި މަގުހެދުމާއި އެ ނޫން ވެސް އަސާސީ މަސައްކަތްތައް ކުރަން ވެސް ޗައިނާއާ އެކު އެއްބަސްވުމެއް އެބަ އޮތެވެ.

ކޮމެންޓް

1
450
މަރިޔަމް މަނިކެ
7 months ago

ކޮބާހޭ ލ.ގަމުން ދިން ގޯތި ތައް؟؟ ޔާމީން ސަރުކާރުން ދިން ގޯތި ތަކެއް. އިބޫ ސަރުކާރު ނިމުން އިރު ވެސް ހަވާލެއް ނުކުރެ. ދެން މިސަރުކާރުގައި މިކަން ނިނޭމެބާ؟؟ ހީވާ ކަހަލަ ހަމަ އެކަނި އުޅެންޖެހެނީ މާލޭ މީހުންނޭ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.