ޝަމީމް ވިދާޅުވީ އެ ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުމެއް ނެތް ހާލަތުގައި އެކަމެއް ކޯޓުގެ ސަމާލުކަމަށް ގެންނަން ވެސް ލިޔެފައިވާ ކަމަށެވެ. މީގެ ކުރީގައި، ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުމެއް ނެތްނަމަ އެ ފޯމު ކޯޓަށް ބަލައެއް ނުގަނެ އެވެ.
ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރަކަށް އެދޭއިރު، އެ ފޯމު ބަލައިގަތުމަށް ފެމިލީ ކޯޓުން ނަގަމުންދާ ފީ ނެގުން ހުއްޓާލައިފި އެވެ.
ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރެއް ހޯދުމަށް އެދި ހުށަހަޅާއިރު، ފެމިލީ ކޯޓުން އެމައްސަލައެއް ބަލައިގަތުމަށް 25 ރުފިޔާގެ ފީއެއް ނަގަ އެވެ. ފެމެލީ ކޯޓުން އެ ފީ ނުނަގަން ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.
މިކަމާ ގުޅޭ ބައެއް ތަފްސީލުތައް ހިއްސާ ކުރައްވައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ ބްލޮގުގައި ލިޔުއްވާފައި ވަނީ، އެ ފީ ދައްކަން ޖެހެނީ ބަނޑޭރި ޕޯޓަލް މެދުވެރިކޮށްކަމަށްވާތީ، އެކަމަށް އިންޓަނެޓާއި އެނޫންވެސް ވަސީލަތްތައް ބޭނުންވާ ކަމަށެވެ.
"ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ އަމުރެއް ހޯދުމަށް އެދި ހުށަހަޅާ މީހާ އާންމުކޮށް ހުންނާނެ ނިކަމެތި ހާލަތަށް ވިސްނައި، މި 25 ރުފިޔާ ނުދައްކާ ގޮތަށް ބަދަލުކުރުމަކީ މުހިންމު ކަމެއްކަމަށް ހުރިހާ އިދާރާތަކަށް ވެސް ފެނު. މިކަމާ ފެމިލީ ކޯޓަށް ހިނގުމާ ހަވާލުވީ އަޅުގަނޑާ،" ޝަމީމް ލިޔުއްވާފައިވެ އެވެ.
އެކަމާ ގުޅިގެން ފެމެލީ ކޯޓާ ވާހަކަ ދެއްކި އިރު، 25 ރުފިޔާގެ ފީ ކަނޑާލަން ފަނޑިޔާރުންގެ މަޖިލީހުން ކުރީން ވެސް ނިންމާފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"މިދިޔަ ބުރާސްފަތި ދުވަހު އެކޯޓުން އާންމު ކުރެއްވި ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރަށް އެދި ހުށަހަޅާ ފޯމުގައި 25 ރުފިޔާ ދެއްކުމުގެ ވާހަކައެއް ނެތް. މީގެ އިތުރުން، ކުރިން 14 ސަފްހާއަށް އޮތް ފޯމު، މިހާރު އޮތީ ފަސޭހަކޮށްދީ، ހަ ސަފްހާއަށް މަދުކޮށްފަ،" ކޯޓަށް ޝުކުރު އަދާ ކުރައްވަމުން ޝަމީމް ލިޔުއްވާފައިވެ އެވެ.
ޝަމީމް ވިދާޅުވީ އެ ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުމެއް ނެތް ހާލަތުގައި އެކަމެއް ކޯޓުގެ ސަމާލުކަމަށް ގެންނަން ވެސް ލިޔެފައިވާ ކަމަށެވެ. މީގެ ކުރީގައި، ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުމެއް ނެތްނަމަ އެ ފޯމު ކޯޓަށް ބަލައެއް ނުގަނެ އެވެ. ދެން އޮތީ އެ ފޯމު ފުރުން ފަސޭހަކޮށްދިނުމުގެ މަސައްކަތް ކަމަށް ވެސް ފާހަގަކުރައްވާފައިވެ އެވެ.