އެކަމަށް ބޭނުންވާ ހާއްސަ ޓިނު ލިބެނީ ބޭރުން ކަން ފާހަގަ ކުރައްވާ ޝަހީމް ވިދާޅުވީ މުޅި މަސައްކަތަށް ދެ މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށެވެ.
އިސްލާމީ މަރުކަޒުގެ ފުރާޅުގެ ހުރިހާ ފަރާތެއްގެ ޓިނުތައް ހަލާކުވެފައިވާތީ ޓިނުތައް ބަދަލު ކުރުމުގެ މަަސައްކަތް ފަށާފައިވާ ކަަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވި ގޮތުގައި މަރުކަޒުގެ ފުރާޅުގެ ހުރިހާ ފަރާތެއްގެ ޓިނުތައް ވަނީ ހަލާކުވެފައެވެ. އަދި އިމާރާތުގެ ތެރެއަށް ވާރޭވެހޭތީ ވިއްސާރަ ދުވަސް ދުވަހު ވަރަށް ގިނަ ތަންތާގައި ހުންނަނީ ބާލިދީ ބަހައްޓާފައެވެ.
މިނިސްޓަރު ވިދާޅުވީ ފުރާޅުގެ ޓިނުތައް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެކަމަށް ބޭނުންވާ ހާއްސަ ޓިނު ލިބެނީ ބޭރުން ކަން ފާހަގަ ކުރައްވާ ޝަހީމް ވިދާޅުވީ މުޅި މަސައްކަތަށް ދެ މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށެވެ.
އިސްލާމީ މަރުކަޒަކީ ވެރިރަށުގައި ހުރި އެންމެ ހާއްސަ އެއް ބިނާ އެވެ. މިވަގުތު ވެރިރަށުގައި އެންމެ ރީތި އެއް މިސްކިތަކީ ވެސް އެއީ އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ސައުދީ ރަސްގެފާނުގެ އެހީގައި ހެންވޭރުކޮޅު ގައި އިމާރާތް ކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ފިޔަވާ މިވަގުތު ވެސް ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް މިސްކިތަކީ މިއީ އެވެ.
އިސްލާމީ މަރުކަޒު މަރާމާތު ކުރުމުގައި މިދިޔަ ދިހަ ވަރަކަށް އަހަރު އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވި ދިޔަނަމަވެސް 2022 ވަނަ އަހަރު ވަނީ މަރުކަޒު އާބާތުރަ ފިލުވުމުގެ ބޮޑު މަޝްރޫއުއެއް ކުރިއަށް ގެންގޮސްފައެވެ.
މަރުކަޒު ބެލެހެއްޓުމަށް ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ވަރަށް ހާއްސަ ސަމާލު ކަމެއް ދިނެވެ. ނަތީޖާއެއްގެ ގޮތުން އެ މިސްކިތުގެ ރީތިކަން އެ ގޮތުގައި ދެމެހެއްޓުނެވެ.
މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ޝަހީމް ގެންދަވަނީ މިސްކިތްތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެ ގޮތުން ސަލްމާން މިސްކިތުގެ މެއިންޓަނެންސް މަސައްކަތް ނުހިނގާ ގިނަ ދުވަސްތަކެއް ވުމުން މިސްކިތުގެ އޭސީ ސިސްޓަމުން ބޮޑު ބައެއް ހަލާކުވެފައި ހުންނަތާ ދުވަސްތަކެއް ވެފައި ވަނިކޮށް ބޭރުގެ ކޮންސަލްޓެންޓުންގެ އެހީގައި ސިސްޓަމުން ބައެއް މަރާމާތުކޮށް ނަމާދު ކުރަން ހާއްސަ ފަންގިފިލާތައް މިހާރު ވަނީ ފިނިކޮށްފައެވެ.