ކުއްޖާ ވިހެއީ ފާހާނާ ތަށިތެރެއަށް، ފޫޅުދަނޑި ބުރިކޮށް ކުއްޖާ އެއްލާލީ

ބިދޭސީ މީހާ ވިހެއީ ޝަބްނަމްގޭގެ ކޮޓަރިއެއްގައި ހުންނަ ފާހާނައެއްގެ ތެރޭގަ އެވެ. ވިހެއީ ފާހާނާ ތަށި ތެރެއަށެވެ.

އދ. ދިގުރަށުގައި ވިހެއުމަށް ފަހު ކޮތަޅަކަށްލާ އެއްލާފައި އޮތް ކުއްޖަކު ފެނުނީ މިދިޔަ މަހުގެ ތިންވަނަ ދުވަހު އެވެ. އެއީ މުޅި ދިގުރަށާއި ރާއްޖެއަށް ވެސް ސިހުން ގެނައި ބިރުވެރި ދުވަހެވެ. ރަހުމެއް ނެތް އެ އަމަލު ހިންގީ އެ ރަށަށް ފަތުރުވެރިއެއްގެ ގޮތުގައި އައިސް އުޅުނު ލަންކާއަށް ނިސްބަތްވާ އަންހެކެވެ.

ނަމަކީ ހިރަންޏާ ކުމުދުމާލި ޑި އަލްވިސް އެވެ. އޭނާ ހައްޔަރު ކުރީ އެކަން ކުރުމަށް ފަހު ފިލައިގެން ލަންކާއަށް ފުރާން ވީއައިއޭ ގައި ހުއްޓައެވެ. ފުލުހުން ވަނީ އެ ހާދިސާއާ ގުޅިގެން ވަރަށް ވަރުގަދަ އެހާމެ އަވަސް ތަހުގީގެއް ހިންގާ ނަތީޖާއާ ހަމައަށް ވާސިލްވެފައެވެ.

ފުލުހުންގެ ފުރިހަމަ ތަހުގީގު އެގޮތުގައި ކުރިއަށް ނުގެންދެވުނު ނަމަ އަންހެން މީހާ ފިލައިގެން ލަންކާއަށް ދިޔައީ ހެވެ. 

މިދިޔަ މަހެއްހާ ދުވަހު ފުލުހުން ވަނީ އަންހެން މީހާއާ ސުވާލުކޮށް ތަހުގީގުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އަދި މައްސަލަ ނިންމާ ޕްރޮސެކިއުޓަރު ޖެެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވުމުން މިހާރު ވަނީ ދައުވާ ކުރަން ނިންމާފަ އެވެ. އެ މައްސަލަ މިއަދު ކްރިމިނަލް ކޯޓަށް ވައްދާނެ އެވެ.

އަންހެން މީހާގެ މައްޗަށް ތިން ދައުވާއެއް

  • 1.އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ
  • 2.ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތަކަށްވެ ހުރެ، ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ގަސްދުގައި ހިންގުމުގެ ކުށުގެ ދައުވާ
  • 3.އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދައުވާ

ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ވަނީ ތަހުގީގަށް ހާމަވި ބައެއް މައުލޫމާތުތައް ހިއްސާ ކޮށްފަ އެވެ. ހިރަންޏާ އުޅުނީ ބަލިވެ އިންކަން ވެސް ސިއްރު ކޮށްގެންނެވެ. އޭނާ ވިހެއީ ޝަބްނަމްގޭގެ ކޮޓަރިއެއްގައި ހުންނަ ފާހާނައެއްގެ ތެރޭގަ އެވެ. ވިހެއީ ފާހާނާ ތަށި ތެރެއަށެވެ. އަދި ފާހާނާތަށި ތެރެއިން ކުއްޖާ ނަގައި، ކުއްޖާގެ ފޫޅު ދަނޑި ބުރިކޮށްލި އެވެ. އެކަމަކު ފޫޅުގައި ގޮށް ނުޖަހައި، ކޮތަޅުތަކަކަށް ލި އެވެ. އެއީ ކުއްޖާ ގަސްތުގައި މަރާލަން ކޮށްފައިވާ ކަމެކެވެ.

އަދި އެ ރަށު ފަރީދީ މަގަށްވާ ގޮތަށް ހަދާފައި ހުންނަ ފަން ކޮށިގަނޑުގެ ބޭރުގައި ހުރި ކުނިވާ ބާވަތުގެ ކުނި އެޅުމަށް ހާއްސަ ކޮށްފައިވާ ފެހި ޑަސްބިނަށް ކުއްޖާގެ ހަށިގަނޑު އެއްލާލި އެވެ. އޭގެ ފަހުން ދެން އޭނާ މަސައްކަތް ކުރީ އަވަހަށް ފުރައިގެން މާލެ އަންނާށެވެ. މާލެ އައިސް މާލޭގައި ވަގުތުކޮޅަކު މަޑުކުރުމަށް ފަހު ފުރައިގެން ހުޅުލެއަށް ދިޔަ އެވެ. ހުޅުލެއަށް ފުރަން ގޮސް ޗެކިން ވެސް ވި އެވެ. ފުލުހުން އޭނާ ހިފެހެއްޓީ އެހާ ހިސާބުންނެވެ. އަދި ކޯޓް އަމުރެއް ހޯދާ ހައްޔަރު ކުރި އެވެ.

އަންހެން މީހާގެ މައްޗަށް ވަނީ ތިން ދައުވާއެއް އުފުލަ އެވެ. އެއީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއްކަމުގައި ވެ ހުރެ އެ ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ގަސްދުގައި ހިންގުމުގެ ކުށުގެ ދައުވާ އާއި އެނގިހުރެ މަރެއް ފޮރުވުމުގެ ދައުވާ އެވެ.

އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލީ ކުއްޖާގެ ފުރާނައަށް ގެއްލުންވާނެހެން ކުއްޖާއާމެދު އަމަލުކޮށް ކުއްޖާ މަރާލާފައިވާތީ އެވެ. ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރު ކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެ ހުރެ އެ ކުއްޖާގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ގަސްދުގައި ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެހުރެ އެކުއްޖާގެ ސިއްހަތާއި، ރައްކާތެރިކަމާއި، މަސްލަހަތަށް އުނިކަން އަންނާނެ އަމަލުތައް ގަސްދުގައި ހިންގައިފައިވާތީ އެވެ.

އެނގިހުރެ މަރެއް ފޮރުވުމުގެ ދައުވާ އުފުލީ ކުއްޖާ ވިހެއުމަށް ފަހު ޑަސްބިނަށް ކުއްޖާގެ ހަށިގަނޑުލައި ކުއްޖާ މަރުވިކަން އެނގި ހުރެ އެކަން ފޮރުވާފައިވާތީ އެވެ.

މިއީ ބިދޭސީ އަކާއި ގުޅުން ހުރި މިފަދަ މައްސަލައެއް ރާއްޖޭގައި މި ފަހުން ހިނގި ފުރަތަމަ ފަހަރެވެ. އޭނާގެ މައްޗަށް ކުރާ ތިން ދައުވާގެ ތެރެއިން ފުރަތަމަ ދައުވާގެ ކުށް ސާބިތުވެއްޖެ ނަމަ 10 އަހަރަށް ޖަލަށް ލުމުގެ އަދަބު ލިބޭނެ އެވެ. ދެވަނަ ދައުވާ ސާބިތު ވެއްޖެ ނަމަ ތިން އަހަރަށް ޖަލަށްލާނެ އެވެ. ތިންވަނަ ދައުވާ ސާބިތު ވެއްޖެނަމަ ނުވަ މަހަ 18 ދުވަހުގެ ހުކުމެއް ޖަހާނެ އެވެ.

ކޮމެންޓް

1
450
އައްޑޫކުއްޖާ
8 months ago

ބައެއް މީހުން ގަބޫލު ކުރާ ގޮތުން ނަމަ 3 މަސް ނުވަނީސް އެބޯޓު ކުރީމަ އެއީ މަރާލި ކަމައް ނުވާނެ ސަބަބެއް ގޮތުގައި އެމީހުން ބުނަނީ ކުއްޖާ ފުރާނަ ނުލައްވަނީސް އެހެން ހެދޭނެ ކަމައް.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.