ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި ޕައިލެޓް ކުރުމަށް މިނިސްޓްރީން ނިންމާފައިވާ މިމަޝްރޫއު ކުރިއަށް ގެންދިއުމަށް މިއަދު ސޮއިކޮށްފައި ވަނީ ވިސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި އެކުގަ އެވެ.
ރާއްޖޭގައި "ވާޓިކަލް ފާމިން" ފުޅާ ދާއިރާއެއްގައި ކުރެވިދާނެތޯ ބެލުމަށްޓަކައި ޕައިލެޓް ޕްރޮޖެކްޓެއް ހިންގުމުގެ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާއިން ބަޔަކާއެކު ސޮއިކޮށްފި އެވެ.
މިއީ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމެނޭ ދަނޑުވެރިކަމާއި ގުޅޭ އެންމެ މުހިއްމު އެއް މަޝްރޫއު އެވެ. ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި ޕައިލެޓް ކުރުމަށް މިނިސްޓްރީން ނިންމާފައިވާ މިމަޝްރޫއު ކުރިއަށް ގެންދިއުމަށް މިއަދު ސޮއިކޮށްފައި ވަނީ ވިސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި އެކުގަ އެވެ.
މިނިސްޓްރީން ބުނީ، މިއީ ރާއްޖެފަދަ ބިން ކުޑަ ގައުމެއްގެ ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް، މިފަދަ ގައުމެއްގައި އެންމެ އެކަށީގެންވާ ގޮތަށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރެވޭނެ ޒަމާނީ ގޮތްތައް ތައާރަފްކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރާ މަސައްކަތުގެ ތެރެއިން މިނިސްޓްރިން ފަށާ މަސައްކަތެއް ކަމަށެވެ.
"މި މަޝްރޫއުގެ ދަށުން ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި ތިން ވައްތަރެއްގެ ވާޓިކަލް ހައިޑްރޮޕޯނިކްސް ސެޓަޕް ގާއިމްކުރެވޭނެ. އޭގެ ތެރޭގައި ހިމެނެނީ މިހާރު ވެސް ރާއްޖޭގެ ދަނޑުވެރިންނަށް ތައާރަފްކޮށްދީފައިވާ ނިއުޓްރިއެންޓް ފިލްމް ޓެކްނިކް ބޭނުންކޮށްގެން ވާޓިކަލް އޭ ފްރޭމް ސްޓްރަކްޗާގައި ގަސް ހައްދާ ނިޒާމު ޕައިލެޓްކުރުމާއި، ޕައިން އެޕަލް ޓަވާ ސިސްޓަމް އަދި އޭރޯޕޯނިކްސް ޓަވާ ސިސްޓަމްތަކުގެ ޕައިލެޓް ޓެސްޓްތައް ކުރިއަށް ގެންދިއުން،" މިނިސްޓްރީން މައުލޫމާތު ދިނެވެ.
މި ސިސްޓަމްތަކުގައި އެންމެ ފުރަމަ ޓެސްޓު ކުރުމަށް ހަމަޖެހިފައި ވަނީ ފަތް ތަރުކާރީ އާއި ތަފާތު ހާބްސްގެ ބާވަތްތަކެވެ. މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން، އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 34 ވަނަ ދުވަހުގެ ކުރިން ސެޓަޕްތައް އިންސްޓޯލްކޮށް، ސިސްޓަމްތަކުގައި ގަސްތައް ރުވަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި، މި ޕައިލެޓް މަޝްރޫއުގެ ދަށުން ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި މަސައްކަތް ކުރާ އެ ނިސްޓްރީގެ ފަންނީ މުވައްޒަފުންގެ ޓީމުން އެއްކުރާ މައުލޫމާތުތަކުގެ އަލީގައި ރާއްޖެއަށް އެންމެ އެކަށީގެންވާ ވާޓިކަލް ސިސްޓަމްތައް ދެނެގަނެ، އެ ސިސްޓަމްތައް ދަނޑުވެރިންނަށް ތައަރަފްކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީގެ ކުރިއަށްހުރި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމަނައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.