ރައްޔިތުން ބޭނުންވާ ކަންކަމުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދެއްވައިގެން މާލެ ސިޓީ ކައުންސިލުން މަސައްކަތް ކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
މާލެ ސިޓީގެ މޭޔަރު ކަމަށް އިންތިހާބުވެ ވަޑައިގަތް އާދަމް އާޒިމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި މަރްހަބާ ވިދާޅުވެއްޖެ އެވެ.
މޭޔަރު ހޮވުމުގެ އިންތިހާބު މިއަދު ބޭއްވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑަައިގަތުމަށް ރައީސް މުއިއްޒު މާލެ ސިޓީގެ މޭޔަރުގެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
މިއަދު އޮތް އިންތިހާބު ގައި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓާއި ވާދަ ކުރައްވާ އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އިންތިހާބުން ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދެންނެވުމަށް ރައީސް މުއިއްޒު، އާޒިމަށް ގުޅުއްވި ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މާލެ ސިޓީ ކައުންސިލަށާ އަދި މޭޔަރަށް ދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ.
އަދި ރައްޔިތުން ބޭނުންވާ ކަންކަމުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދެއްވައިގެން މާލެ ސިޓީ ކައުންސިލުން މަސައްކަތް ކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށެވެ.