ބޯހިޔާވަހިކަމާއި އިޖްތިމާއީ މައްސަލަތަކުން ސަލާމަތްވެފައިވާ ރައްޔިތަކު އުޅޭ ސިޓީ އަކަށް ހެދުމަށެވެ. އެ ގޮތުން ބަލާއިރު މާލޭގެ މޭޔަރު ކަމަށް މިވަރުގެ ކެންޑިޑޭޓެއް މި ފަހަރު ނެތެވެ.
މާފަންނު، އާސްތާނާ އައިޝަތު އާޒިމާ ޝަކޫރު ގައުމީ ހިދުމަތަށް ނިކުންނެވީ އުމުރުން އެންމެ 17 އަހަރު ގައެވެ. ދިވެހި ހާރިޖިއްޔާ އިން ސަރުކާރުގެ ހިދުމަތް ފެެއްޓެވުމަށް ފަހު މިވީ ދިގު މުއްދަތު ގައި ސަރުކާރުގެ ވަރަށް އިސްކަން މަގާމުތައް ވަނީ ފުރުއްވާފައެވެ. ތިން ރައީސަކާ އެކު ސަރުކާރުގެ އެކި މަގާމުތަކުގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވެ އެވެ. މަގާމުގެ މަސްއޫލިއްޔަތުގެ ތެރެއިން ފަސް ޖެހުމެއް ނެތި ގައުމީ ބޮޑެތި ނިންމެވުންތަކެއް ނިންމަވާ ތާރީހުން ފަހުރުވެރި ޖާގައެއް ވަނީ ހޯއްދަވާފައެވެ.
ރައީސް މައުމޫންގެ ސަރުކާރު ގައި އެކަމަނާ ވަނީ ބަންޑާރަ ނާއިބު ކަމުގެ މަގާމު އަދާ ކުރައްވާފައެވެ. އެއީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތް އެންމެ ހަލުވި ކޮށް ހިނގަމުން ދިޔަ ދުވަސްވަރެވެ. އޭގެ ކުރީން ހޯމް މިނިސްޓްރީގެ އިސް މަގާމެއް ފުރުއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެންބަރެއްގެ ގޮތުގައި ގާނޫނު އަސާސީ އެކުލަވާލި މަޖިލީހު ގައި ހިމެނިވަޑައިގެން މުހިންމު މަސައްކަތްތަކެއް ވަނީ ކުރައްވާފައެވެ.
ބަންޑާރަ ނާއިބުގެ މަގާމުން ޑރ. ހަސަން ސައީދު އިސްތިއުފާ ދެއްވާ އޭރުގެ އިދިކޮޅު ސަފުތަކާ ގުޅިވަޑައިގަތުމުން ބަންޑާރަ ނާއިބުގެ މަގާމަށް ރައީސް މައުމޫން އައްޔަނު ކުރެއްވީ އާޒިމާ އެވެ. އާ ގާނޫނު އަސާސީގެ މަސައްކަތް ނިމި ފާސް ކޮށް ތަސްދީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވެވުމުން ގާނޫނު އަސާސީގައި ހުރި މައްސަލަތަކާއި އުނި ކަންތައްތަކާއި އިތުރަށް ފުރިހަމަ ކުރަންވީ ކަންކަން ހޯއްދަވާ ފުރިހަމަ ރިޕޯޓެއް އެކުލަވާލައްވާ ރައީސް މައުމޫނަށް އެރުއްވި އެވެ. އަދި އެ ކަންކަން އިސްލާހު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދެވުމަށް ލަފާ ދެއްވާ ރާއްޖެ އަށް ޑިމޮކްރެޓިކް އިސްލާހީ އެތައް ބަދަލެއް ގެނެވި ފެހި ގާނޫނު އަސާސީ ތަސްދީގު ކުރެއްވުމަށް ރައީސަށް ލަފާ އެރުއްވި އެވެ.
އޭގެ ފަހުން މުހިންމު އެތައް ގާނޫނުތަކެއް ވުޖޫދު ކުރެއްވުމުގެ މަސައްކަތް ސީދާ އެކަމަނާގެ ބެއްލެވުމުގެ ދަށުން ކުރެއްވި އެވެ. މުހިންމު އެތައް ގާނޫނެއް ފަރުމާ ކުރެއްވީ އާޒިމާ އެވެ.
ރައީސް މައުމޫންގެ ވެރިކަމުގައި އާޒިމާ ވަނީ ޖެންޑާ މިނިސްޓްރީ ވެސް ހިންގަވާފައެވެ. ޖެންޑާ މިނިސްޓަރަކަށް ހުންނަވާ މިނިސްޓްރީގެ މެންޑޭޓް އޮތް އެކި ދާއިރާތަކުން މުހިންމު ބަދަލުތައް ގެނެސް ދެއްވި އެވެ. އެންމެ ފާހަގަކޮށްލެވޭ ކަމަކީ ރަސްމީ ކޮންމެ ދުވަހެއްގެ މަަސައްކަތުގެ ތެރޭގައި ހިމަނުއްވައިގެން ކުޑަކުދީންގެ ހިޔާއަށް ވަޑައިގަތުމެވެ. ހަމަ ކޮންމެ ދުވަހަކު އެތަނަށް ޒިޔާރަތް ކުރައްވާ ކަންކަން ހުރި ނެތް ގޮތް ސީދާ ބެއްލެވުމެވެ.
ރައީސް ވަހީދުގެ ސަރުކާރު ގައި ނިންމި އެންމެ ބޮޑު އެއް ނިންމުމަކީ ދިވެހީންގެ މައި އެއާޕޯޓް ދިވެހީންގެ ފުލް ކޮންޓްރޯލްގެ ދަށަށް ގެންނެވުމުގެ މަސައްކަތެވެ. އެ މަސައްކަތް ސަރުކާރުން ކުރެއްވިއިރު އެކަމުގައި ވެސް އެންމެ އިސް ދައުރެއް އަދާ ކުރައްވަން ޖެހިވަޑައިގަތީ އާޒިމާ އަށެވެ.
އިންޑިއާގެ ޖީއެމްއާރުގެ އަތުން އެއާޕޯޓް އަތުލާން ނިންމާ އެކަމުގެ ނޯޓިސް ދިނުމާއެކު ސިންގަޕޫރުގެ އާބިޓްރޭޝަނަށް މައްސަލަ ހުށައަޅާ އެއާޕޯޓުން ބޭލުން ހުއްޓުވުމުގެ އަމުރެއް އެ ކުންފުނިން ހޯދި އެވެ. ހަމަ އެރޭ ވަގުތުން ސިންގަޕޫރަށް ވަޑައިގެން ޖެހިގެން އައި ދުވަހު ހެނދުނު ދިވެހި ސަރުކާރުގެ އިސްތިއުނާފު ހުށައެޅުއްވި އެވެ. އާޒިމާ އިސްވެ ވަކާލާތު ކުރައްވާ އެކަމަނާ ރާއްޖެ ވަޑައިގެންނެވީ މައްސަލަ ރާއްޖެ ކޮޅަށް އަނބުރާލައްވާ ކާމިޔާބު ހޯއްދަވައިގެންނެވެ.
އެއާޕޯޓް ހޯއްދެވުމުގައި ދިވެހީންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ ކޮބައިތޯ ބައްލަވާ އެ ގޮތް ހޯއްދެވި މާލީމީ އަކީ އާޒިމާ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގެ އިގްތިސާދީ އެންމެ ބޮޑު މަޝްރޫއު އަކީ ވީއައިއޭގެ ތަރައްގީގެ މަޝްރޫއު އެވެ. މިއަދު 25 މިލިއަން މީހުންނަށް ހިދުމަތް ދެވޭ އެއާޕޯޓެއްގެ ގޮތުގައި އެ ތަން ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުގެ ފުުރުސަތު ހުޅުވިފައި އޮތީ އެ ދުވަހު އެއާޕޯޓް ހޯދުމަށް ކުރި ވަރުގަދަ ގައުމީ ޖިހާދުގެ ސަބަބުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ގައިވެސް އާޒިމާގެ މުހިންމު ހިދުމަތްތަކެއް ފެނިގެން ދިޔަ އެވެ. ރައީސް ޔާމީނާއި އާއިލާ އަދި ސަރުކާރުގެ އިސްވެރީން ދަތުރުފުޅު ކުރެއްވި "ފިނިފެންމާ ލޯންޗު" ކޮޅު ގައި އެއްޗެއް ގޮއްވާލާ ހިނގި ނުރައްކާތެރި ހާދިސާއަށް ފަހު ސީދާ ރައީސްގެ އެދިވަޑައިގަތުމަކަށް އެކަމަނާ ވަނީ ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ވަޑައިގެން ރައީސަށް ލަފާ ދެއްވުމުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.
އާޒިމާ އަކީ މާލޭގެ ހިދުމަތްތެރީންގެ ތެރެއިން ބޭފުޅެކެވެ. ރައީސް މައުމޫންގެ ވެރިކަމުގައި މާފަންނު އަވަށު އޮފީހުގައި ހިދުމަތް ކުރެއްވި އެވެ. އަވަށުގެ ތަރައްގީއަށް ކުރެވުުނު ވަރަށް ގިނަ މަސައްކަތްތަކުގައި އެކަމަނާގެ ދައުރު ބޮޑެވެ. އެ މަސައްކަތްޕުޅު ކުރެއްވީ ވަރަށް ބޮޑު ޝައުގުވެރިކަމަކާ އެކު އެވެ.
މާލެ ސިޓީގެ ފުރަތަމަ އިންތިހާބީ މޭޔަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. 2021 ވަނަ އަހަރު އޮތް ލޯކަލް ކައުންސިލް އިންތިހާބު ގައި މާލެ ސިޓީގެ މޭޔަރުގެ މަގާމަށް ރައީސް މުއިއްޒު ކުރިމަތިލެއްވީ މާލެއާ މެދު ގުޅުއްވާ ވަރަށް ބޮޑު ތަސައްވުރަކާ އެކު އެވެ.
ސަރުކާރުގެ އެއްބާރުލުން ނުލިބުމާއި އެ ނޫން ވެސް ވަރަށް ގިނަ ސަބަބުތަކާ ހުރެ ރައީސްގެ އެ ތަސައްވުރު އަކުރުން އަކުރަށް ތަންފީޒު ކުރެވޭ ގޮތެއް ނުވި އެވެ. ނަަމަވެސް ކިތަންމެ ގިނަ ގޮންޖެހުންތައް ހުރި ނަމަވެސް މުހިންމު ގިނަ މަސައްކަތްތަކެއް ކުރެެއްވި އެވެ. ހާއްސަކޮށް މާލެ ސާފު ކުރުމާއި މިސްކިތްތައް ބެލެހެއްޓުމާއި އިސްލާމީ މުނާސަތުތަކަށް މާލެ ޒީނަތްތެރި ކުރުން ފަދަ ކަންކަމުގައި ނަތީޖާ ނެރުއްވާ ދެއްކެވި އެވެ.
މިއަދު ރައީސް މުއިއްޒު ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައެވެ. އެމަނިކުފާނު ހުންނެވީ ގާނޫނުގައި އޮތް ހަގީގީ ލާމަރުކަޒީ ނިޒާމަށް ފުރުސަތު ދެއްވަން ތައްޔާރަށެވެ. ވެރިކަމަށް ވަޑައިގެން މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އެކަމުގެ އަމަލީ މިސާލު ވެސް ދައްކަވައިފި އެވެ. ކުރީ ސަރުކާރަށް ދޫކޮށްލަން ނުކުރެވުނު ހުޅުމާލެ މުނިސިޕަލް ހިދުމަތްތައް އެޗްޑީސީން ނަގާ ސިޓީ ކައުންސިލާ ވަނީ ހަވާލުކޮށްފައެވެ.
މޭޔަރުގެ ރޭހަށް އާޒިމާ ނިކުންނެވީ ރައީސް މުއިއްޒުގެ ތަސައްވުރު ހަގީގަތަކަށް ހެއްދެވުމަށެވެ. އެކަމަނާގެ މެނިފެސްޓޯ ގައި ޖުމްލަ އަށް ބައެއް ހިމަނާފައިވެއެވެ.
މި ދާއިރާތަކުން ކުރައްވާނެ މުހިންމު ވަރަށް ގިނަ ކަންކަން ވަނީ މެނިފެސްޓޯ ގައި ތަފްސީލު ކޮށް ލިޔެފައެވެ.
ލިބިވަޑައިގެން އިލްމާއި ގައުމީ ހިދުމަތުގެ ސާފު ޓްރެކް ރެކޯޑަކާ އެކު އާޒިމާ މާލެ ސިޓީގެ މޭޔަރު ކަމަށް ނިކުންނަވާ ހުންނެވީ ގާބިލް މާލިމީ އެއް ކަން ސާބިތުކޮށް ދެއްވުމުގެ ވަރުގަދަ އަޒުމު ގައެވެ. އެކާވީސްވަނަ ގަރުނަށް ފެތޭ ވެރިރަށަކަށް މާލެ ސިޓީ ބަދަލުކޮށްލުމަށެވެ. ފެހި، ފަހި، ފަރި މާލެ އަކަށް މާލެ ސިޓީ ބަދަލުކޮށްލާށެވެ. ސަރުކާރާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވުމަށެވެ.
ބޯހިޔާވަހިކަމާއި އިޖްތިމާއީ މައްސަލަތަކުން ސަލާމަތްވެފައިވާ ރައްޔިތަކު އުޅޭ ސިޓީ އަކަށް ހެދުމަށެވެ. އެ ގޮތުން ބަލާއިރު މާލޭގެ މޭޔަރު ކަމަށް މިވަރުގެ ކެންޑިޑޭޓެއް މި ފަހަރު ނެތެވެ.