ޕްރޮގްރާމްތައް ހިންގަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ޕްރޮސިކިއުޓާ ޖެނެރަލް ފުލުހަށް ދެއްވާފައި ވެ އެވެ.
ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ އާއި ހައްގު ނޫން މުއްސަނދިކަން ހުއްޓުވަން އަޅާނެ ފިޔަވަޅުތަކާބެހޭ ގޮތުން އާ ފުލުސް ކޮމިޝަނަރު އަލީ ޝުޖާއު އާއި ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް މަޝްވަރާ ކުރައްވައިފި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލާއި ކޮމިޝަނާ އޮފް ޕޮލިސްގެ ބައްދަލުވުމާ ބެހޭ މައުލޫމާތު ހިމަނައި ޕީޖީ އޮފީހުން އާންމު ކުރި ލިޔުމެއްގައި ބުނަނީ ދެ ބޭފުޅުންގެ ބައްދަލު ކުރައްވާ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިކަން ފޯރު ކޮށްދިނުމާއި ކުށްކުރާ މީހުނާއި ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާއާ ހައްގު ނޫން މުއްސަނދިކަން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކާބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
އަދި ބުނެފައި ވަނީ މުވައްޒަފުން ތާޒާ ކުރާ ޕްރޮގްރާމްތަކާއި އިންޓާންޝިޕް ޕްރޮގްރާމްތައް ހިންގުމާ ބެހޭ ގޮތުންނާއި
ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރަން ދެ އިދާރާއިން ގުޅިގެން ކުރާން ހުރި ކަންކަމާބެހޭ ގޮތުން ފުޅާކޮށް މަޝްވަރާ ކުރި ކަމަށެވެ.
އެ ބައްދަލުވުމުގައި ފުލުސް ކޮމިޝަނަރު ދެއްކެވި ވާހަކަފުޅުގައި، މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، އެތަކެތީގެ ވިޔަފާރިކުރާ މީހުނާ ދެކޮޅަށާއި ގޭންގުތަކުން ހިންގާ ކުށުގެ އަމަލުތަކާއި މަގުމަތީގެ އަމާންކަން ގެއްލޭ ގޮތަށް މީހުން ހިންގާ ކަންކަން ހުއްޓުވުމަށް ފުލުހުން ހިންގަވަން ގަސްދުކުރާ ޕްރޮގްރާމްތަކާބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރެއްވި އެވެ. އަދި އެ ޕްރޮގްރާމްތައް ހިންގަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ޕްރޮސިކިއުޓާ ޖެނެރަލް ދެއްވި އެވެ.