ރާއްޖޭގެ ބާޒާރުގައި ވަކި މުދަލެއްގެ އަގު މަތިވެއްޖެނަމަ އަގު ހިފެހެއްޓުމަށް ވެސް އެސްޓީއޯއިން އެކަށީގެންވާ ފިޔަވަޅު އަޅަމުން ގެންދެ އެވެ.
ފިޔާ، ބިސް، އަލުވި ހިމެނޭ ގޮތަށް ކެއިންބުއިމުގެ ޒަރޫރީ ބާވަތްތައް ހުސް ނުވެ އަންނަ ރޯދަ މަހު ފޯރު ކޮށްދޭން އެސްޓީއޯއިން މަސައްކަތް ފަށާފައިވާ ކަމަށް މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޕީއެސްމަށް ދެއްވި އިންޓަވިއުއެއްގައި ޝިމާދު ވިދާޅުވީ ފިޔާ އާއި އަލުއްވާއި ބިސް ހިމެނޭ ގޮތަށް ކާބޯތަކެތީގެ ޒަޒޫރީ ހުރިހާ ބާވަތްތަކެއް ފޯރުކޮށް ދޭން ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެ ކުންފުނިން ކުރާނެ ކަމަށާއި އެ ކަމުގައި މައްސަލައެއް ކުރިމަތިވިޔަ ނުދެއްވާނެ ކަމަށެވެ.
"މިދިޔަ އަހަރު އަޅުގަނޑުމެންނަށް އައި އިޝޫއެއް ލުނބޯ އާއި ކާށީގައި މި އަހަރު އިރާދަ ކުރެއްވިއްޔާ އެ އިޝޫއެއް ނާންނާނެ ކަމަށް މި ބަލަނީ. އައި ނަމަވެސް އެފަދަ މުދާތައް ސަޕްލައި ޗެއިން އިންޓަރަޕްޓް ނުވެ ގެނެވޭނެ މެކޭނިޒަމެއް ގާއިމް ކުރުމުގެ މަސައްކަތް މިހާރު މި ކުރަނީ." ޝިމާދު ވިދާޅުވި އެވެ.
ޝިމާދު އަދި ވިދާޅުވީ މުދާ ރަނގަޅު އަގާއި ރަނގަޅު ކޮލިޓީގައި އެތެރެ ކުރެވޭނީ ކޮން ގައުމުތަކަކުންތޯ ބަލައި، އެ ގައުމުތަކުން މެދުނުކެނޑި ތަކެތި ގެނައުމަށް ވެސް މަސައްކަތް ކުރާ ކަމަށާއި ރާއްޖޭގެ ބާޒާރުގައި ވަކި މުދަލެއްގެ އަގު މަތިވެއްޖެނަމަ އަގު ހިފެހެއްޓުމަށް ވެސް އެސްޓީއޯއިން އެކަށީގެންވާ ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.
އެމްޑީ ވިދާޅުވީ ފުޑް ސެކިއުރިޓީ ގާއިމްކުރަން މުހިންމު އެއް މަސައްކަތަކީ ރަނގަޅު ވެއާ ހައުސްތައް ގާއިމްކޮށް އެކި ރަށްރަށަށް ދެމެހެއްޓެނިވި ގޮތެއްގައި ކެނޑިނޭޅި މުދާ ފޯރުކޮށްދިނުންކަމަށާއި އެސްޓީއޯގެ ސަބްސިޑަރީ، މޯލްޑިވްސް ސްޓޭޓް ޝިޕިން މެދުވެރިކޮށް މިހާރު ވެސް އެފަދަ ބައެއް އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.