ސަރުކާރުން ވަނީ ފައިނޭންސް ހޯދަން އެކި މޮޑެލްތައް ބޭނުން ކުރަމުންނެވެ. މިގޮތުން ބޮންޑު މެދުވެރިކޮށް މާލީ ވަސީލްތައް ހޯދަން ދަނީ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގައި ތަރައްގީގެ މަޝްރޫއު ހިންގާ ކުންފުނިތަކަށް ޓްރެޒަރީ ބޮންޑް ގަނެވޭނެ އުސޫލެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
ރާއްޖޭގެ މަޝްރޫއުތަކުގައި ހަރަކާތްތެރިވާ ކުންފުނިތަކުން މިހާތަނަށް ޓީބިލް ނުވަތަ ޓްރެޒަރީ ބޮންޑް ގަނެފައެއް ނުވެ އެވެ. މިހާތަނަށް ރާއްޖޭގެ އެތެރޭގައި ވިއްކާ ޓީބިލް ގަންނަނީ ބޭންކްތަކާއި ރާއްޖޭގައި ހުރި ބޮޑެތި ފަންޑުތަކުންނެވެ. މި ފަހުން ސަރުކާރުން ވަނީ ޓީބިލް ވަކިވަކި ފަރުދުންނަށް ގަނެވޭނެ ގޮތަށް ލޯކަލް ހިއްސާގެ ބާޒާރުގައި ލިސްޓު ކުރަން ވެސް ނިންމާފަ އެވެ. ނަމަވެސް މިހާތަނަށް ބޮންޑް ގަނެވޭނެ އިންތިޒާމެއް ހަމަޖައްސާފައެއް ނެތެވެ.
ސަރުކާރުން ހިންގާ މަޝްރޫއު ތަކަށް ފައިސާ ހޯދަން މިހާރުހުރި ދަތިތައް ދުއްވާލުމުގެ ގޮތުން ގެންނަ މި ބަދަލުގެ މައުލޫމާތު ދެއްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގައި އިންވެސްޓް ކުރާ ކުންފުނިތަކަށް އިންވެސްޓް ކުރެވޭ ގޮތަކަށް ޓްރެޒަރި ބޮންޑް އެކުލަވާލަން މަޝްވަރާ ކުރެވުނު ކަމަށެވެ.
"މި ފަދަ ކުންފުނިތައް [ޓްރެޒަރީ ބޮންޑް] ގައި އިންވެސްޓްކުރާ ފަރާތްތަކަށް އިންވެސްޓްކުރަން އިސްކަން ދިނުން،" ނާޒިމް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ރާއްޖޭގެ ބޭރުގެ ދަރަނި ހުރީ 51 ބިލިއަން ރުފިޔާގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 68 ބިލިއަން ރުފިޔާގަ އެވެ.