މިއަދުވެސް މާދަމާވެސް އަދި ހާލަތު ތަންދިން އެންމެ ބޮޑަކަށް އާޒިމާ އިސްކުރާނީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމެވެ. ސަރުކާރާއި ގުޅިގެން މަސައްކަތްކޮށް ރައްޔިތުންނަށް ފެހި ފަހި މާދަމާއެއް ހޯދާދިނުމަށް އާޒިމާ ހޮވަން ޖެހެ އެވެ.
މާލެސިޓީގެ މޭޔަރު ކަމަށް އުސްތާޒާ އާއިޝަތު އާޒިމާ ޝަކޫރު ހޮވަންވީ ކީއްވެ ހެއްޔެވެ. ޖަވާބު ވަރަށް ސާފެވެ. އެއީ ދިވެހިރާއްޖޭގެ ބަންޑާރަ ނައިބުކަން ތިން ސަރުކާރެއްގައި ކޮށްފައިވާ އުސްތާޒާ އާއިޝަތު އާޒިމާ އަކީ ފާއިތުވި ދުވަސްތަކުގައި ދިވެހި ގައުމަށް އެންމެ މުހިންމު ވަގުތުތަކުގައި ގައުމުގެ ދިފާއުގައި ތެދުވެދިން ހިތްވަރުގަދަ ކަނބަލަކަށްވީމައެވެ.
ފުރުސަތަކަށް ބޭނުންވެ ނަމަވެސް ކުރިއަށްދާނެ ގޮތެއް ނެތިފައި ތިބި އެތައް އަންހެނުންނެއްގެ އަތުގައި ހިފައިގެން މަގުދައްކާ ކުރިއަށް ދާންވީ ގޮތްތައް ހޯދައިދިން ނަމޫނާ ކަނބަލަކަށް ވީމައެވެ. އާޒިމާ ހޮވަންވީ ވޭތުވެދިޔަ ތަނުގައި ދެއްކި ހިތްވަރާއި، ކެރުންތެރި ކަމާއި ދިވެހި ގައުމަށްޓަކައި ކޮށްދީފައިވާ މިންނެތް މަސައްކަތުން ދެންވެސް ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ކަމެއް ކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އާޒިމާ އަށް އޮތުމުންނެވެ.
ދިވެހިރާއްޖޭގެ މައިދޮރާށި ދިވެހިންގެ އެއަރޕޯޓް ދިވެހިންނަށް އަނބުރާ ހޯދައިދިނުމަށް އާޒިމާ ކުރެއްވީ ވަރުގަދަ ޖިހާދެކެވެ. އެތައް ފައިދާތަކެއް ރައްޔިތުންނަށް ވަމުންދިޔަ އެއަރޕޯޓް ބޭރުގެ ބަޔަކަށް ދިނުމުން ރައްޔިތުން ގެއްލެމުންދިޔަ އެތައް މިލިއަން ރުފިޔާއެއް އަނބުރާ ދިވެހިންނަށް ލިބެންފެށީ އާޒިމާގެ މިންނަތާއި މަސައްކަތުންނެވެ.
މިފަހުން ދިވެހިންގެ މަސްކަނޑުން ގެއްލުނުބައި އަނބުރާ ހޯދަންވެސް އާޒިމާގެ ގާބިލިއްޔަތު ތަންދިން އެންމެ ބޮޑަކަށް ދަނީ މަސައްކަތްކުރަމުންނެވެ. މީގެން ކޮންމެ ކަމަކުންވެސް އެނގިގެންދަނީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމަށް އެކަމަނާގެ ހިތުގައި އޮތް ލޯތްބެވެ.
އާޒިމާއަކީ ނިމިގެންދިޔަ ތިން ވެރިކަމެއްގައި ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގެން ރާއްޖޭގެ ފުރަތަމަ އަންހެން އެޓާނީ ޖެނެރަލް ވެސް މެއެވެ. އެތައް ތަޖުރިބާއަކާއެ ކު މިއަދު މާލެ ސިޓީގެ މޭޔަރު ކަމަށް އާޒިމާ ހޮވަން ޖެހެނީ ގާނޫނީ ގޮތުން ރައްޔިތުންނަށް ލިބެންޖެހޭ ހުރިހާ ހައްގުތަކާއި ގައުމާއި ރައްޔިތުންގެ ހާލަތު އާޒިމާއަށް ރަނގަޅަށް އެނގޭނެތީ އެވެ.
އާޒިމާ ހޮވަންވީ ނިގާބުއަޅާ އަންހެނުންނަށް ކިޔެވުމާއި ވަޒީފާ އަދާކުރުމުގެ ހައްގު ހޯދައިދިނުމަށް މީގެކުރިންވެސް ކޮށްދީފައިވާ މަސައްކަތް ފެނިފައިވާތީ އެވެ. ރައްޔިތުންނާއި ގާތުން މަސައްކަތްކުރުމުގައި އާޒިމާގެ ކެރުންތެރިކަމާއި ތަޖުރިބާއާއި މަސައްކަތުގެ އަހުލާގަކީ މާލެ ސިޓީގެ މޭޔަރަކަށް ހޮވަން ޖެހޭ ސަބަބެވެ.
މިއަދުވެސް މާދަމާވެސް އަދި ހާލަތު ތަންދިން އެންމެ ބޮޑަކަށް އާޒިމާ އިސްކުރާނީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމެވެ. ސަރުކާރާއި ގުޅިގެން މަސައްކަތްކޮށް ރައްޔިތުންނަށް ފެހި ފަހި މާދަމާއެއް ހޯދާދިނުމަށް އާޒިމާ ހޮވަން ޖެހެ އެވެ.