ރައީސްގެ އިލްތިމާސް: އާ އަހަރަކީ އިވޭ އަޑުތަކުގެ ދޮގުތެދު ވަކިކުރާ އަހަރަކަށް ހަދަމާ

"އާ އަހަރަކީ ތިމާގެ އަމިއްލަ ނަފުސު ތެދުވެރިކަމުގެ މައްޗަށް ބިނާކުރާ އަހަރަކަށް ހަދަމާތޯ އެވެ. އާ އަހަރަކީ އިވޭ އަޑުތަކާއި ލިބޭ މައުލޫމާތުން ދޮގުތެދު ވަކިކުރާ އަހަރަކަށް ހަދަމާތޯ އެވެ"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

އާ އަހަރަކީ އިވޭ އަޑުތަކާއި ލިބޭ މައުލޫމާތުން ދޮގުތެދު ވަކިކުރާ އަހަރަކަށް ހެދުމަށް ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިިފި އެވެ. 

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ މިއަދު ފެށުނު މީލާދީ އައު އަހަރުގެ ތަހުނިޔާ ފޮނުއްވާ އާންމު ކުރެއްވި ހިތާބު ގައެވެ.

ރައީސްގެ ހިތާބު ގައި ތަރައްގީއަށްޓަކައި ވިސްނުންތެރިކަމާއި ހަމަޖެހުމާއި ތެދުވެރިކަމާއި އިހްލާސްތެރިކަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

"އާ އަހަރަކީ ތިމާގެ އަމިއްލަ ނަފުސު ތެދުވެރިކަމުގެ މައްޗަށް ބިނާކުރާ އަހަރަކަށް ހަދަމާތޯ އެވެ. އާ އަހަރަކީ އިވޭ އަޑުތަކާއި ލިބޭ މައުލޫމާތުން ދޮގުތެދު ވަކިކުރާ އަހަރަކަށް ހަދަމާތޯ އެވެ. އާ އަހަރަކީ ހަގީގަތް ގަބޫލުކޮށް އާ އުންމީދުތަކާއި އާ ކުރިއެރުންތަކާ އެކު ހަލުވިކޮށް ކުރިޔަށްދާ އަހަރެއް ކަމުގައި ހަދަމާތޯ އެވެ. އަޅުގަނޑުމެން ދިވެހީންނަކީ އެއް ގައުމެކެވެ. އެއް ބައެކެވެ،" ރައީސްގެ ހިތާބު ގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފާއިތުވި އަހަރަކީ ދިވެހީން ވަރަށް މުހިންމު ނިންމުންތަކެއް ނިންމާ ވަރަށް ކުލަގަދަ ތަސައްވުރު ތަކެއް ކުރެހި އަހަރެއް ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގައި ބޭރުގެ އެއްވެސް އަސްކަރީ ބާރެއް އޮވެގެން ނުވާނެ ކަމާއި ދުނިޔޭގެ އެހެން ގައުމުތައް ހާސިލުކުރާ ފަދަ ކުރިއެރުމާއި ތަހުޒީބާއި ތަރައްގީ ބޭނުންކަން ނިންމި ކަމަށެވެ.

އެ ކަމަށްޓަކައި ފިކުރީ ގޮތުން ޖީލުތައް އިސްލާމީ ދިވެހި ގައުމީ ސިފަތަކާއެކު ބިނާކުރަން ވެއްޖެ ކަމަށް ދިވެހީން އެއްބަސްވި ކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި އުމްރާނީ ގޮތުން އެންމެ ޒަމާނީ ގެދޮރުވެރިކަމާއި ރަށްވެހިކަމަށް ތައްޔާރުވި ކަމަށް ވިދާޅުވި އެވެ.

"ދިވެހީންގެ މި ނިންމުންތައް ހަގީގަތަކަށް ހެދުމަށްޓަކައި އާ ސަރުކާރެއް ހޮވައި އެ ސަރުކާރާ މި އަމާނާތް ހަވާލުކުރި އެވެ. އާ އަހަރަށް ދިވެހީން ދެކޭ ހުވަފެންތައް ބިނާވެފައި ވަނީ މި އުންމީދުތަކާއި ތަސައްވުރުތަކުގެ މައްޗަށެވެ،"

ރައީސްގެ ހިތާބު ގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ތަރައްގީ ފެށިގެން އަންނަން ވާނީ ތިރިން މައްޗަށްކަން ފާހަގަ ކުރައްވާ ތަރައްގީގެ ވިސްނުންތައް އުފަންވާން ވާނީ ރައްޔިތުންގެ ސިކުނޑިތަކުގައި ކަމަށް ވިދާޅުވި އެވެ. އަދި އެ ރައްޔިތުން އެކަމުގެ މަސްއޫލިއްޔަތު ހަވާލުކުރާ ފަރާތްތަކުގެ ވާޖިބަކަށް ވާންވާނީ މާތް ﷲއަށް ބިރުވެތިވެ ތެދުވެރިކަމާއި ވަފާތެރިކަމާ އެކު އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ފުރިހަމަ އަށް އަދާކުރުން ކަމަށް ވިދާޅުވި އެވެ.

"ދިވެހި މަސްއޮޑިއެއް އެކުލެވިގެން ވަނީ އޭގެ ފަށަނުގެ ދެ ފަރާތަށް އިންދޭ ގެތިގެންވާ މަޑޫ ތަކަކުންނެވެ. ހަމަ އެފަދައިން، ގައުމެއް ތަރައްގީ ވުމުގައި ވެސް ދެ ފަރާތެއްގެ މި ދެންނެވި ބަދަހި ގުޅުން ހިމެނިގެންވެއެވެ. އެއީ ރައްޔިތުންނާއި ވެރީންނެވެ. ވެރީން ރައްޔިތުންނަށް ރަހުމު ހުރި ބަޔަކަށްވުމެވެ. ވައުދަށް ކަމޭހިތުމެވެ. ރައްޔިތުން ވެރީންނަށް ކިޔަމަންވުމެވެ. އެއްބާރުލުން ދިނުމެވެ. ގައުމެއްގެ ތަރައްގީގެ ބިންގަލަކީ އަދި ކުރިބޯށްޓަކީ ވެސް މިއެވެ،"

ނިމިދިޔަ އަހަރުގެ ފަހު ހަފުތާ ތަކާއި މި ފެށުނު އަހަރުގެ ފުރަތަމަ ހަފުތާ ތަކަކީ ތަރައްގީގެ ވަރަށް ހާއްސަ މޫސުމެއް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިއީ ސަރުކާރުގެ ހަފުތާ ސާދައިގެ ތެރޭގައި ގިނަގުނަ ވައުދުތަކެއް އަކުރުން އަކުރަށް ސީދާ ސުންގަޑިއަށް ފުއްދަމުންދާ ދުވަސްތަކެއް ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.