ސީޕީ ޝުޖާއު ވިދާޅުވީ ހޯމްލޭންޑް ސެކިއުޓީގެ ދަށަށް ގިނަ އިދާރާތަކެއް ގެނައުމަކީ ޑްރަގްފަދަ ބޮޑެތި ކުއްތައް ހުއްޓުވަން ވުޒާރާތައް ގުޅިގެން މަސައްކަތް ކުރަން ބާރަކަށް ވެގެންދާނެ ކަމަށެވެ.
އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ފިޔަވަޅު އެޅުން އަވަސް ކުރުމަށް އިސްކަން ދެއްވާނެ ކަމަށް އައު ފުލުސް ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވި އެވެ.
ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރެއްވުމާއެކު އިސްކަންދަރު ކޮށީގައި މިއަދު ދެއްވި ބަޔާނެއްގައި ޝުޖާއު ވިދާޅުވީ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭނަށް މި އަހަރު މުއްދަތު ހަމަވާތީ، އަންނަ އަހަރުން ފެށިގެންއާ ސްޓްރެޓެޖިކް ޕްލޭނެއް ހަދާނެ ކަމަށާ އެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފައްޓަވާނެ ކަމަށެވެ.
މީގެ އިތުރުން އިސްލާމް ދީނަށް ފުރައްސާ ކުރާ މީހުންގެ މައްސަލަތައް އެއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި މިހާރު ވެސް ކަނޑައަޅާފައިވާ ކަމަށާ އެފަދަ އެ މައްސަލަތަކަށް ހާއްސަ ސަމާލުތަކެއް ދީގެން މަސައްކަތް ކުރާތަން މި ދައުރުގައި ފެންނާނެ ކަމުގެ ޔަގީންކަން ސީޕީ ދެއްވި އެވެ.
ސީޕީ ޝުޖާއު ވިދާޅުވީ މީގެ އިތުރުން ސްޕާތަކުގެ ނަމުގައި ހިންގާ ފާހިޝް އަމަލުތައް ހުއްޓުވުމުގެ މަސައްކަތް މިހާރުވެސް ފެއްޓިފައިވާ ކަމަށެވެ.
"މީހުން އުޅޭ ރަށްރަށަށް އެތެރެކުރާ ބަނގުރާ ހުއްޓުވުމަށް ވެސް ހާއްސަ މަސައްކަތްތަކެއް ކުރަން ވަނީ ހަމަޖެހިފަ. މި ކަމަށް އަބަދުވެސް ފުލުހުން މަސައްކަތް ކުރޭ. އެކަމަކު މީގެ ނަތީޖާ ރަނގަޅުނޫންކަން އެނގޭ. މިކަމުގައި އުޅޭ ކުޑަކުދިން ނަގައި އެ ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުން ރިހިބިލިޓޭޓް ކުރެވޭނެ. މިގްރޫޕްތައް ހިނގާ ބޮޑުންނާ ހަމައަށް ވާސިލްވާތަން ފެނިގެންދާނެ،" ޝުޖާއު ވިދާޅުވި އެވެ.
ސީޕީ ޝުޖާއު އިތުރަށް ވިދާޅުވީ ޓެރެރިޒަމަށް ހިތްވަރުދީ، ތިމާ ގަބޫލުކުރާ ފިކުރު ނޫން އެހެން ފިކުރުގެ މީހުންނަކީ ދުނިޔޭގައި ތިބެން ޖެހޭ ބައެއް ނޫންކަމަށް ދެކޭ މީހުނާމެދު ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުން ކުރާނެ ކަމަށެވެ. މިއީ ކުރީ ސަރުކާރުން ހަރުކަށި ފިކުރު ފަތުރާ މީހުންގެ ގޮތުގައި ލޭބަލް ކުރި މީހުންނެވެ.
ސީޕީ ޝުޖާއު ވިދާޅުވީ މަސްތުވާ ތަކެއްޗާއި ކުށްކުރާ ގްރޫޕްތަކުން ގައުމު ސަލާމަތް ކުރަން ވަށައިޖެހޭ ގޮތަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.
"މިކަމަކީ ކޮންމެ ފަހަރުވެސް ޕްލޭން ކުރެވިގެން މަސައްކަތް ކުރެވޭ. އެކަމަކު މީގެން ރައްޔިތުން ބޭނުންވާ ނަތީޖާއެއް ނުނިކުމޭ. އެހެންވެ ވަށައިޖެހޭ ގޮތަކަށް ކޮށްގެން ނޫނީ މިކަމަށް ހައްލެއް ނާންނާނެ. މި މަސައްކަތް ކާމިޔާބުވާން ބޭނުންވާ އެންމެ މުހިންމު އެއްކަން ވަނީ ކޮށްދީފަ. އެއީ ހޯމްލޭންޑް ސެކިއުރިޓީ އުފައްދައި އެއް ފުރާޅެއްގެ ދަށުން އުފައްދައި އެއް ފުރާޅެއްގެ ދަށުން މަސައްކަތް ކުރަން ފުރުސަތު ލިބުން،" ޝުޖާއު ވިދާޅުވި އެވެ.
"މަސްތުވާތަކެތީގެ ދޮރުތައް ބަންދު ކުރަން މަސްތުވާތަކެތި އެތެރެވުން ހުއްޓުވަން ކަސްޓަމްސްއާއެކު އެއް ފުރާޅެއްގެ ދަށުން މަސައްކަތް ކުރަން ފުރުސަތު ލިބުން. މަސްތުވާތަކެތި ބޭނުން ކުރާ މީހުން ހޯދާ ނޭޝަނަލް ޑްރަގް އެސެޖެންސީއާ ހަވާލު ކުރުމުން އެ މަސައްކަތް ހަރުދަނާ ގޮތެއްގައި ކޯޑިނޭޓް ވެގެން ދިއުން. އިމިގްރޭޝަނާ ގުޅިގެން ބިދޭސީންގެ މައްސަލަ ހައްލު ވެެގެން ދިއުން."
މިކަންކަމުގެ އިތުރުން ދެން އެންމެ އިސްކަން ދެއްވާނެ ކަންކަން ވެސް ސީޕީގެ ބަޔާނުގައި ވިދާޅުވެ ދެއްވި އެވެ. މިގޮތުން އެންމެ އިސްކަމެއް ދޭނެ އެއް ކަމަކީ ޕޭސިކް ޕޮލިސިންގެ ހިދުމަތް ރަނގަޅު ކުރުން ކަމަށް ވިދާޅުވި އެވެ.
"މީގެ ނަތީޖާއަކަށްވާނީ ރައްޔިތުން މަގުމަތިން ހިދުމަތް ދޭތަން މަގުމަތިން ފެނުން. ފައިމަގުގައި ޕެޓްރޯލް ކުރާ ފުލުހުން އިތުރުވުން. ފައިމަގުގައި ޕެޓްރޯލް ކުރާ ފުލުހުން ފެނުން. ރައްޔިތުންނާ ގާތުން ހިދުމަތްދޭތަން ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެނުން،" ކުރިން ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޝުޖާއު ވިދާޅުވި އެވެ.