ފަލަސްތީނުގެ ރައްޔިތުންނާއެކު މުޅި ޕާކިސްތާން އޮތްކަން ހާމަކޮށް އެއްބައިތަންކަން ދެއްކުމުގެ ގޮތުން އާ އަހަރާއި ގުޅިގެން އެއްވެސް ހަރަކާތެއް ބޭއްވުން މަނާކޮށްފައިވާ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.
ޔަހޫދީ ޒަޔަނިސްޓުން ފަލަސްތީނުގެ ކުށެއް ނެތް އާންމުންނާއި ދެކޮޅަށް އިންސާނިއްޔަތާ ހިލާފު ބޮޑެތި ޖަރީމާތައް ހިންގާ އެ ގަައުމު ފުނޑުފުނޑުކޮށްލާފައިވާތީ އެކަމުގެ ހިތާމައާ ފަލަސްތީނުގެ ރައްޔިތުންނާއެކު އެއްބައިވަންތަކޮށް ތިބިކަން ހާމަ ކުރުމުގެ ގޮތުން ޕާކިސްތާނު ގައި އާ އަހަރު ފާހަގަ ކުރުމުގެ އެއްވެސް ހަރަކާތެއް ބޭއްވުން އެ ގައުމުގެ ސަރުކާރުން މަނާކޮށްފި އެވެ.
އިޒްރޭލުގެ އިންސާނިއްޔަތުކަމެއް ނެތް ހައިވާނުން ދަރަޖާގަައި ތިބި ސިފައިން ގެންދަނީ ފަލަސްތީނުގައި އިންސާނިއްޔަތާއި ހިލާފު އެތައް ޖަރީމާތަކެއް ހިންގަމުންނެވެ. ގެތަކުގައި އާންމުން ވަނިކޮށް މަތީން ބޮން އަަޅާ އެތައް ބަޔަކު ދަނީ ޝަހީދު ކުރަމުންނެވެ.
ބަޑިން ހަމަލާދީ އަންހެނުންނާއި ކުޑަކުދީން ޝަހީދުކޮށް އެ މީހުންގެ ގުނަވަންތައް ބުރިކޮށް ހަދަ އެވެ. ޝަހީދުވެފައިވާ މީހުންގެ ހަށިތަކުގެ މައްޗަށް ކުޑަކަމުން ދިއުން ފަދަ މުޑުދާރު އެތައް އަމަލެއް ހިންގާ އެ މަންޒަރު ވީޑިއޯކޮށް އާންމު ކުރަމުން ގެންދެ އެވެ.
އިޒްރޭލާ ދެކޮޅަށް ގައުމުތަކުގެ އާންމުން ތެދުވެ އަޑުއުފުލަމުންދާއިރު އެ އަޑު އެންމެ ގަދަ އެއް ގައުމަކީ ޕާކިސްތާނެވެ. ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުން ވަނީ ފަލަސްތީނާ އެކު ތިބިކަން ހާމަ ކުރުމުގެ ގޮތުން އެކި ހަރަކާތްތައް ހިންގާފައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޓީވީ މެދުވެރި ކުރައްވާ ދެއްވި ތަގުރީރެއްގައި ވިދާޅުވީ ޣައްޒާ އާއި ހުޅަނގު އައްސޭރީގައި ހަތިޔާރު ނެތް ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތަކާއި ގުޅިގެން މުޅި ޕާކިސްތާނާއި މުސްލިމް ދުނިޔެ އޮތީ ފުން ހިތާމައެއްގައި ކަމަށެވެ. މި ހާލަތުގައި ފަލަސްތީނުގެ ރައްޔިތުންނާއެކު މުޅި ޕާކިސްތާން އޮތްކަން ހާމަކޮށް އެއްބައިތަންކަން ދެއްކުމުގެ ގޮތުން އާ އަހަރާއި ގުޅިގެން އެއްވެސް ހަރަކާތެއް ބޭއްވުން މަނާކޮށްފައިވާ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.
ޣައްޒާގެ 2.3 މިލިއަން އާބާދީއަށް ފެނާއި ކާނާ އާއި ތެލާއި ބޭހުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވެއެވެ. އެ ސަރަހައްދަށް ވަދެފައި ވަނީ ވަރަށް މަދު އެހީތަކެކެވެ. ބޮމާއި ބަޑީން މެދުނުކެނޑި ހަމަލާ ދޭއިރު އަސާސީ ހުރިހާ ހިދުމަތްތަކަކުން އެ ރައްޔިތުން ވަނީ މަހުރޫމް ވެފައެވެ.
އިޒްރޭލްގެ އުދުވާން ގައި ޝަހީދު ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 21،000 ވުރެ ގިނަ އެވެ. އެތައް ހާސް ބަޔަކު ވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ގެއްލިފައެވެ.