ޝަރީފް ފުރަތަމަ ވެސް ވިދާޅުވީ ޕާޓީ ބަދަލު ކުރުމަކީ އަމިއްލަ މަސްލަހަތު އިސްކޮށް ފައިސާ ގައި ހިފާ ވިކުން ނޫން ކަމަށެވެ.
ކޮންގްރެސް ޕާޓީ -- ޕީޕަލްސް ނެޝަނަލް ކޮންގްރެސް އާ ގުޅިވަޑައިގަތީ ފައިސާއަށް ނޫން ކަމަށާ އެ ޕާޓީއާ ގުޅުނީ އަސްލަށް ރުޖޫއަވުމަށް ކަމަށް ވިދާޅުވެ އެމްޑީޕީން ކޮންގްރެެސް ޕާޓީއަަށް ބަދަލުވި ބަދަލުވުން އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ދިފާއު ކުރައްވައިފި އެވެ.
"ފެށުން" ނަމުގައި ރޭ ދަރުބާރުގޭގައި އޮތް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖަލްސާ ގައި މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ 13 މެންބަރަކު ވަނީ އެ ޕާޓީން ވަކިވެ ޕީއެންސީއާ ގުޅިފައެވެ.
އެ މެންބަރުންގެ ފަރާތުން ރޭގެ ޖަލްސާ ގައި ވާހަކަ ދެއްކެވީ ޝަރީފެވެ. ޝަރީފް ފުރަތަމަ ވެސް ވިދާޅުވީ ޕާޓީ ބަދަލު ކުރުމަކީ އަމިއްލަ މަސްލަހަތު އިސްކޮށް ފައިސާ ގައި ހިފާ ވިކުން ނޫން ކަމަށެވެ.
ދެން ވިދާޅުވީ ޕީއެންސީ އަކީ އޭނާއަށް ދުރު ޕާޓީއެއް ނޫން ކަމަށެވެ. ޕީއެންސީ އުފެދުމުގެ އަސްލަކީ ވެސް ޑީއާރުޕީ ކަން ފާހަގަ ކުރައްވާ ޝަރީފް ވިދާޅުވީ އޭނާ އަކީ ޑީއާރުޕީގެ ނާއިބު ލީޑަރުކަން ކުރެއްވި ބޭފުޅެއް ކަމަަށެވެ. އެހެން ކަމުން ޕީއެންސީއާ ގުޅުމަކީ އެތައް އަހަރެއް ފަހުން އަސްލު ވަޒަނަށް / ގެއަށް އައުން ފަދަ އިހުސާސެއް ކުރެވުނު ކަމެއް ކަމަށް ވިދާޅުވި އެވެ.
ޝަރީފް ވަނީ އެމްޑީޕީގެ ބައެއް ބޭފުޅުންނަށް މިހާރު އޭނާ ވިދާޅުވާ ވާހަކަތައް މުހިންމު ނުވާ ކަމަަށް ވިދާޅުވެފައެވެ. ރައީސް މުއިއްޒާއި ޕީއެންސީ އަށް ތައުރީފު ކުރައްވާ ވިދާޅުވީ އޭނާ ފަދައިން "ބޮލުގައި ނުރަޖަހާފައި ތިބި މުސްކުޅިންގެ ބަސް" ރައީސް މުއިއްޒު އައްސަވާނެ ކަމަަށް ވިދާޅުވެފައެވެ.
ޝަރީފަކީ އެމްޑީޕީއާ ރައީސް ސޯލިހްގެ ދިފާއު ގައި ނިމިދިޔަ އިންތިހާބު ގައި އެންމެ ވަރުގަދަަ އަށް ވަކާލާތުކޮށް އަޑުއުފުލި މެންބަރެވެ. ލިބިވަޑައިގަންނަވާ ކޮންމެ ފުރުސަތެެއް ގަައި ސޯލިހަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައެވެ.
ވަރަށް ޖޯޝާ ފޯރީގައި އަބަދުވެެސް ވާހަކަ ދައްކަވާ ޝަރީފް ޕީއެންސީއާ ގުޅިވަޑައިގަތީ ސިޔާސީ ދާއިރާއާ މުޅީން ދުރަށް ވަޑައިގަންނަވާ ކަމަށް އިއުލާނު ކުރެއްވުމަށް ފަހު އެވެ. ޝަރީފްގެ ބަދަލުވުން އައި ދަނޑިވަޅު ގައި މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ ހައި ކޮމިޝަނަރު މަރިޔަމް މިޒްނާ ޝަރީފު، މަގާމުން ވަކިނުކުރަން ނިންމާ މަގާމުގެ މުއްދަތު ވަނީ ދަންމާލައިފަ އެވެ.
މިޒްނާ އަކީ ޝަރީފްގެ ބޭފުޅެކެވެ.