ޝަމީމް ވަނީ އޭނާ ކޮރަޕްޓެއް ނުވާނެ ކަމަށާ އެހެން ކަމުން އޭނާގެ ދަށުން މަސައްކަތް ކުރާ މީހަކު ވެސް ކޮރަޕްޓް ވާން ޖެހޭ ސަބަބެއް ނޯންނާ ކަމަށް ވިދާޅުވެފަ އެވެ.
މައުލޫމާތުން ވައްކަންކުރުމާއި "މީހުން ވިއްކައިގެން" ހިންގާ ކޮރަޕްޝަން ހުއްޓުވަން އެހީތެރިވެ ދެއްވުމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް އެދިވަޑައިގެންފި އެވެ. ޝަމީމް މިކަމަށް އެދިވަޑައިގެންނެވީ " މައުލޫމާތުން ވައްކަންކުރުމާއި 'މީހުން ވިއްކައިގެން' ހިންގާ ކޮރަޕްޝަން" މި މައުލޫއަށް އަމިއްލަފުޅު ބްލޮގްގައި ލިޔުއްވި ލިޔުއްވުމެއް ގައެވެ.
ޝަމީމަކީ އޭނާގެ އަމިއްލަފުޅު ބްލޮގްގައި އާންމުން ސަމާލު ކުރުމަށް މުހިންމު މައުލޫތަކަށް އިލްމީ ލިޔުއްވުންތައް ވަރަށް ގިނަ އިން ލިޔުއްވާ ބޭފުޅެކެވެ. މިއަދު އާންމު ކުރެއްވި ލިޔުއްވުމުގައި ޝަމީމް ވިދާޅުވީ އެއް އިދާރާއެއް ގައި ހުންނަ މައުލޫމާތަކަށް އެކި ގޮތްގޮތަށް ވާސިލުވެ އެ މައުލޫމާތު ބޭނުންކޮށްގެން ކޮރަޕްޓް އަމަލުތައް ހިންގުމަކީ ކޮރަޕްޝަންގެ އަމަލުތައް ހިންގާ މީހުން ކުރާ ކަމެއް ކަމަށެވެ. މިއީ މައުލޫމާތުން "ވައްކަން" ކޮށްގެން "މީހުން ވިއްކައިގެން" ހިންގާ ކޮރަޕްޝަންގެ އަމަލެއްގެ ގޮތުގައި ޝަމީމް ވަނީ ސިފަ ކުރައްވާފައެވެ.
އެ ލިޔުއްވުމުގައި ޝަމީމް ވިދާޅުވި ގޮތުން ޕީޖީ އޮފީހުގައި ވެސް މިކަން ހިނގާ ކަމުގެ މައުލޫމާތު އެކި ގޮތްގޮތަށް ވަނީ ލިބިވަޑައިގެންފައެވެ. ޕީޖީ އޮފީހުގެ މަސައްކަތްތައް ހަމަޖެހިފައި އޮންނަ ގޮތުން ކޮންމެ މައްސަލައެއް ގައި ވެސް އާންމު ގޮތެއްގައި ފިޔަވަޅު އަޅާނެ ގޮތްތައް އޮންނާނީ ލިޔެފައި ކަމަށާ ވަކި ވަކި މައްސަލަތަކުގައި ތަފާތު ކުދިކުދި ބަދަލުތައް ހުއްޓަސް ވެސް އާންމު ގޮތެއްގައި ފިޔަވަޅުތައް އަޅާނެ ގޮތްތައް، އެމައުލޫމާތު އެނގޭ މީހަކަށް ހޯދައިގަންނަން އުނދަގޫ ނުވާނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް މިއީ މި ދާއިރާ ގައި މަސައްކަތް ނުކުރާ މީހަކަށް "ރަނެއް" ފަދަ މައުލޫމާތެއް ކަން ފާހަގަކޮށް އޭގެ އަގުވެސް ހުންނަކަން ފާހަގަ ކުރެއްވި އެވެ. އެފަދަ ވަރަށް މުހިންމު މިސާލެއް ޝަމީމް ވަނީ ފާހަގަ ކުރައްވާފައެވެ.
"މީހެއްގެ އަތުން 15 ގްރާމް ކެނަބިސް ފެނުނު މައްސަލައެއް ގައި ފުލުހުން އެމީހާ ބަންދު ކުރި އެވެ. އޭނާ ދިފާއީ ވަކީލެއް ހޯދައިފި އެވެ. ދިފާއީ ވަކީލާއި ޕީޖީ އޮފީހުގެ އެކި މީސްމީހުންނާ އާންމު ދިރިއުޅުމުގެ ތެރެއިން ވާހަކަ ދެކެވޭތީ އިތުރު ކުށެއްގެ ތުހުމަތެއް ނެތް ނަމަ 15 ގްރާމް މަސްތުވާތަކެތީގެ މައްސަލައެއް ގައި 10 ވަރަކަށް ދުވަހަށްވުރެ ގިނަ ދުވަހު ބަންދުގައި ބަހައްޓަން އާންމު ގޮތެއްގައި ނުނިންމާނެ ކަން ދެނެގަނެވިދާނެ އެވެ. ފުލުހުން ބަންދުގައި ބަހައްޓަން އެދުނަސް ފަނޑިޔާރު ވެސް އެމީހަކު އެއަށްވު ރެ ގިނަ ދުވަހު ބަންދު ނުކުރާނެ ކަމާއި އެނިންމުން އިސްތިއުނާފު ކުރުމަށް ފުލުހުން އެދުނަސް ވެސް ޕީޖީ އޮފީހުން އެބާވަތުގެ މައްސަލައެއްގަ އި އިތުރު ކަންތައްތަކެއް ނެތްނަމަ އިސްތިއުނާފު ނުކުރާނެކަންވެސް އެނގޭނެއެވެ. ހޯދޭނެއެވެ،"
ޝަމީމް ވިދާޅުވި ގޮތުގައި މި މިންވަރުގެ މައޫލޫމާތު ހުރުމަކީ އަދި އެ މައުލޫމާތު ބޭނުން ކުރުމަކީ ވެސް މައްސަލަ އެއް ނޫނެވެ. ނަމަވެސް މައްސަލަ އަކީ އެ މައުލޫމާތު ނުރަނގަޅު ގޮތެއް ގައި އެކި މީސްމީހުންނަށް "ވިއްކާތީ" އެވެ. އެ ގޮތް ވެސް ލިޔުމުގައި ބަޔާންކޮށް ދެއްވި އެވެ.
"ތުހުމަތުގައި ހުރި މީހާއަށް ދޭ މައުލޫމާތަކީ އެ މީހާ 10 ދުވަސްތެރޭގައި ބަންދުން ދޫކޮށްލާނެ ކަމަށާއި އެކަން ކުރުމަށްޓަކައި ފަނޑިޔާރަށާއި ޕީޖީ ވަކީލަށާއި ޕީޖީ އޮފީހުގެ އެކި ވަރުވަރުގެ ވެރިންނަށް ފައިސާ ދޭން ޖެހޭ ކަމަށް ބުނެ ނުބައި ތަސައްވަރެއް އުފައްދާތީ އެވެ. އެ ފައިސާ ދައްކާ މީހާ އަށް ފެންނަ މަންޒަރަކީ އޭނާއަށް މައުލޫމާތު ލިބުނު ގޮތަށް 'ފަނޑިޔާރަށާއި ޕީޖީ ވަކީލަށާއި ޕީޖީ އޮފީހުގެ ވެރިންނަށް ފައިސާ ދިނުމުން' ދިހަ ދުވަސްތެރޭގައި ބަންދުން ދޫވާ ތަނެވެ،"
"ހަގީގަތުގައި ފަނޑިޔާރަކަށް ވެސް ޕީޖީ ވަކީލަކަށް ވެސް ވެރިއަކަށް ވެސް ފައިސާއެއް ނުވެސް ދެއެވެ. ދޭކަށް ނުވެސް ޖެހެއެވެ. އެފައިސާތައް އެއްކޮށް ހޯދީ އެއްކަލަ ކޮރަޕްޓް މީހާ އެވެ. މިމައްސަލައިގައި [އަދި އެނޫންވެސް މައްސަލަ އެއްގައި] ޕީޖީ އޮފީހުގެ ވަކީލަކަށް ނުވަތަ އެނޫންވެސް އޮފިޝަލަކަށް ދޭން ޖެހޭ އެއްވެސް ފައިސާ އެއް ނޯންނާނެ އެވެ. ފައިސާ ދިނަސް ނުދިނަސް ނިޒާމު ހަމަޖެހިފައިވާ ގޮތަށް އެމީހާއާ މެދު އިންސާފުން އަމަލުކުރެވޭނެ ކަން ކަށަވަރު ކުރާ ނިޒާމުތަކެއް ޕީޖީ އޮފީހުގައި ގާއިމުކޮށްފައި އެބަހުއްޓެވެ،" މިސާލު ތަފްސީލު ކޮށްދެއްވާ ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވަނީ މިގޮތަށް ދިމާވާ މައްސަލަތަކާއި މިނޫންވެ ސް މައްސަލައެއް ގައި ޕީޖީ އޮފީހުގެ އެއްވެސް މީހަކަށް ދޭން ޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށް ވިދާޅުވެފަސއެވެ. އެހެން ނޫނަސް އެއްވެސް ޕްރޮސިކިއުޓަރަކީ ނުވަތަ ވެރިއަކީ ފައިސާއާ ހަވާލުވެ ފައިސާ ނަގަން ޖެހޭނެ މީހެއް ނޫން ކަމަށާ ފައިސާއެއް ދައްކަން ޖެހޭ ކަމެއް ޕީޖީ އޮފީހުގައި އޮތްނަމަ އެކަމަކަށް ރިސީޓެއް ވެސް ދޭނެ ކަމަށް ވިދާޅުވި އެވެ.
ޝަމީމް ވަނީ އޭނާ ކޮރަޕްޓެއް ނުވާނެ ކަމަށާ އެހެން ކަމުން އޭނާގެ ދަށުން މަސައްކަތް ކުރާ މީހަކު ވެސް ކޮރަޕްޓް ވާން ޖެހޭ ސަބަބެއް ނޯންނާ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުގެ އިލްތިމާސް އަކީ އާންމުން މިކަމަށް ސަމާލުވެ ޕީޖީ އޮފީހުގެ މީހަކަށް ފައިސާ އެއް ދޭން ޖެހޭ ކަމަށް އެއްވެސް މީހަކު ބުނެފި ނަމަ އެ މައްސަލަ އެއް ވީހާ ވެސް އަވަހަކަށް ސީދާ އަޅުގަނޑަށް ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއަކަށް ހުށަހެޅުއްވުމެވެ. އެޝަކުވާ ސީދާ އަޅުގަނޑަށް ފޮނުއްވުމަށް concerns@pgoffice.gov.mv އަށް އީމެއިލް ކުރެއްވުމުން، އަޅުގަނޑަށް އެ އީމެއިލެއް ލިބޭނެއެވެ،"
އެފަދަ ކަމެއްގެ ސީރިއަސް ތުހުމަތެއް އުފެދިއްޖެނަމަ އެމީހަކާމެދު ވަގުތުން ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. އަދި ޕީޖީ އޮފީހަކީ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިނގާ ސާފު އޮފީހަކަށް ހެދުމަށް ކުރާ މަސައްކަތުގައި އާންމުންގެ އެހީތެރިކަން ނުހަނު ބޭނުންވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.