ބޯޑުން ބަލަންް ޖެހޭ ކަންކަން ބެލުމަށް ފަހު ކޮމިޝަނަރުގެ މަގާމަށް އަލީ ޝުޖާއު ގެނައުމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން އަށް ވަނީ ލަފާ ދެއްވާފައެވެ.
ދިވެހި ފުލުހުންްގެ ހިދުމަތުގެ ކޮމިޝަނަރު -- ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ހުޅުވާލުމުން ކުރިމަތިލެއްވީ ދެ ބޭފުޅުންގެ ތެރެއިން ކޮމިޝަނަރުގެ މަގާމަށް ގެންނަން ޕޮލިސް ބޯޑަށް ފެންނަ ބޭފުޅެއްގެ ނަން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަށް އަންގައިފި އެވެ.
ކޮމިޝަނަރުގެ މަގާމަށް ހުޅުވާލި މުއްދަތު ހަމަވިއިރު ކުރިމަތި ލެއްވީ އެސިސްޓެންޓް ކޮމިޝަނަރު އަލީ ޝުޖާއު އާއި އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނަވީން އެވެ.
އެ ދެ ބޭފުޅުންގެ ނަން ޕޮލިސް ބޯޑަށް ފޮނުވުމުން އެ ބޯޑުން ބަލަންް ޖެހޭ ކަންކަން ބެލުމަށް ފަހު ކޮމިޝަނަރުގެ މަގާމަށް އަލީ ޝުޖާއު ގެނައުމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން އަށް ވަނީ ލަފާ ދެއްވާފައެވެ. އެކަން މިނިސްޓަރު ވެސް ޔަގީން ކޮށް ދެއްވި އެވެ.
ފުލުހުންގެ ގާނޫނު މިހާރު އޮތް ގޮތުން ކޮމިޝަނަރުގެ މަގާމަށް ހުޅުވާލަން ޖެހެ އެވެ. އަދި އެ މަގާމަށް ބޭފުޅަކު ހަމަޖައްސަނީ ހިދުމަތު ގައި ދެމި ހުރި ފުލުހުންގެ ތެރެއިން އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ބޭފުޅެކެވެ.
އަދި އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއު ކުރާނެ އެވެ. އަދި އެ މަގާމަށް ގާބިލުތޯ ވަޒަން ކުރާނެ އެވެ.
އާ ސަރުކާރަށް މަސް ދުވަސް ވެގެން ދިޔައިރު ފުލުހުންގެ ވެރިއަކު އައްޔަން ކޮށްފައި ނުވާތީ އިދިކޮޅުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.