މިއީ ރައްޔިތުން ގުނބޯ ހައްދައިގެން އަމިއްލަ ސިޔާސީ ފައިދާ އަށް ސިޔާސީ ރަނޑިންތަކެއް ކުޅޭ ނާޗަރަންގީ އެކެވެ. ހަދަނީ ހުސް ދޮގެވެ. ކުފުރުވާ އިރުވެސް ބައެއް މީހުންނަށް ނޭގެ އެވެ. ނުވަތަ އެނގުނަސް ހަމަ ތިބެގެން ކުފުރުވެ ވަޖިދު ވަނީ އެވެ.
"އަޅުގަނުމެން މިކިޔާ ހެޔޮ ވެރިއެއްގެ ކިބާގައި ހުންނަން ޖެހޭ ސިފަތައް (ގުރުއާނުގެ) އެންމެ އާޔަތެއްގައި ވަރަށް ރީތިކޮށް ސިފަ ކޮށްދެއްވާފައިވޭ. އާދެ މިއަދުގެ މި (ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ) ވެރިކަމުން އެ ސިފަތައް އެންމެ ރީތި ގޮތުގައި، ފުރިހަމަ ގޮތުގައި ފެންނާތީ މި އެންމެން (ވިޔަވަތި ކޮންފަރެންސަށް، ލާމުއަތޮޅަށް) އެއްވެ މިތިބީ".
މިއީ ސެޕްޓެމްބަރު 10 އިން 12 އަށް ލާމު އަތޮޅުގައި ބޭއްވުނު ލާމަރުކަޒު ކުރުމުގެ (ވިޔަވަތި) ބައްދަލުވުމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރައީސް ސޯލިހުގެ ވެރިކަމަށް ތައުރީފު ކުރައްވައި ދެއްކެވި ވާހައިގެ ކުޑަ ތަންކޮޅެކެވެ. މިނިސްޓަރު އިމްރާން ސިފަ ކޮށްދެއްވި ގޮތުގައި ރައީސް ސޯލިހުގެ ވެރިކަމުގައި ރަސޫލުﷲ (ސ.އ.ވ) ގެ ވެރިކަމުގެ ސިފަތައް އެބަހުއްޓެވެ. އަދި ކީރިތި ޤުރުއާނުގައި "ހެޔޮވެރިކަމެއްގައި" ހުންނަން ޖެހޭނެ ކަމަށް ބަޔާން ވެފައިވާ ސިފަތައް ވެސް ރައީސް ސޯލިހުގެ ވެރިކަމުން ފެެނެ އެވެ. އިމްރާން މެން ލާމު އަތޮޅަށް ވަޑައިގެން އެންމެން އެއްތަނަކަށް އެއްވެ ތިއްބެވި ސަބަބަކީ ސޯލިހުގެ ވެރިކަމުން އެސިފަތައް ފެނުން ކަމަށް އިމްރާން ވިދާޅުވި އެވެ.
ވަކި ގޮތަކަށް ވަކި ވާހަކައެއް ދައްކަވާފަ، ރައްޔިތުން ރަތަށް އެރުމުން އެވާހަކައިގެ ރާގު ބަދަލު ކުރައްވަން ރައީސް މުހައްމަދު ނަޝީދު އުޅުއްވި ގޮތަށް އިމްރާން ވެސް މިހާރު އުޅުއްވަނީ މި ވާހަކައިގެ މަފްހޫމް ބަދަލު ކޮށްލައްވާށެވެ. ތިމަން މަނިކުފާނު ވިދާޅުވި ބަހުގެ މާނަ ރައްޔިތުންނަށް އެހެން ގޮތަކަށް ޝަރަހަ ކޮށް ދެއްވާށެވެ. ރައީސް ސޯލިހު ޒިނޭ ކުރައްވާތަން ފެންނަ ފޮޓޯ ތިމަން މަނިކުފާނު އަތްޕުޅުގައި ހުރި ކަމަށް ވިދާޅުވެފައި ރައީސް ނަޝީދު އެވާހަކައިގެ މަފްހޫމް ބަދަލު ކޮށްލައްވަން އުޅުއްވި ގޮތަށް މިނިސްޓަރު އިމްރާން ވެސް މިހާރު މަސައްކަތް ކުރައްވަނީ އެދުވަހު އެ ދެއްކެވި ވާހަކައިގެ ސަރަހަ ބަދަލު ކޮށްލައްވާށެވެ. ނަމަވެސް އޮޅުން އަރާނެ އެއްވެސް ޖާގައެއް ނެތެވެ. އިމްރާން ވިދާޅުވީ ރައީސް ސޯލިހުގެ ވެރިކަމުގައި ރަސޫލުﷲ (ސ.އ.ވ) ގެ ވެރިކަމުން ފެނުނު ހެޔޮވެރިކަމުގެ ސިފަތައް އެބަހުރި ކަމަށެވެ. ވިޔަވަތި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީ ބައިވެރި ނުކުރީ ރައީސް ސޯލިހުގެ ވެރިކަމަކީ ޤުރުއާނުގައިވާ ފަދަ ހެޔޮވެރިކަމަކަށް ވާތީތޯ އެވެ؟ ނޫން! އެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓްރީ ބައިވެރި ނުކުރީ ހަރުކަށި ފިކުރުގެ ވާހަކަ ދައްކަން ވެގެންނެވެ. ލާދީނީ ފިކުރުގެ ވާހަކަ ނުދައްކަން ވެގެންނެވެ.
ލިވާތު ކޮށް، އެކަން ކުރާ މަންޒަރު ވީޑިއޯ ކޮށް، އެ ވީޑިއޯ ބޭނުން ކޮށްގެން މީހުން ބްލެކްމެއިލް ކުރި އަލަމްގީރަށް އެންމެ ހަތް މަހަށް ޖަލަށް ލާން ހުކުމް ކުރީ އިސްލާމީ ޝަރީއަތާ ޙިލާފަށެވެ. އެއީ ހެޔޮ ވެރިކަމުގެ ސިފައެއް ނޫނެވެ. ކޯޓުތަކަކީ ވަކި ބާރެއް ކަމަށް ބުނެފާނެ އެވެ. ނަމަވެސް ކޯޓުން ކުރީ ނުރަނގަޅު ހުކުމެއް ނަމަ ރައީސް ސޯލިހު އެވާހަކަ ދައްކަވަންވީ ނޫންތޯ އެވެ؟ ނުދައްކަވަ އެވެ. އެހެން ކަމުން ރައީސް ސޯލިހު ވެސް އެހުންނެވީ އެހުކުމަށް ރުހި ވަޑައިގެންނެވެ. އިމްރާނަށް ވެސް އެގޮތް އޯކޭ އެވެ؟ އިސްލާމީ ޝަރީއަތަކީ ހެޔޮ ވެރިކަމާ ފުށުއަރާ އެއްޗަކަށް ވީތޯ އެވެ؟
ސިއްހީ ބޭނުމަށް ތެޔޮ ދަމާ ތަންތަނުގެ ނަމުގައި ރާއްޖޭގައި ސްޕާ ހަދައި އެތަންތަނުގައި ހަށި ވިއްކާ އިރު މާބޮޑު ކަމަކަށް ނުހަދައި ތިބެނީ ހެޔޮ ވެރިކަން ކުރާކަށް ނޫނެވެ. ލާދީނީ ވެރިކަން ކުރާށެވެ. އެޔަކަށް ހެޔޮ ވެރިކަމެކޭ ނުކިޔޭނެ އެވެ. އިހަކަށް ދުވަހު ވެސް އަޑު އިވުނީ ދިވެހި ރާއްޖޭގެ މަދަރުސާ ކުއްޖަކު އޭނާ ހިތާވާން އެދޭ އެއް ޖިންސުގެ ކުއްޖަކާ ހިތާ ނުވެވުމުން މާޔޫސްވެ އަމިއްލަ އަތުގައި ކަޓަރު އެޅިވާހަކަ އެވެ. މުޅި ޤައުމަށް ލިވާތު އާއްމު ވެއްޖެ އެވެ. ލިވާތު ކުރާކަމަށް އަމިއްލައަށް އިއުތިރާފްވާ މީހުންނަށް ވެސް މިއިއްވަނީ އެންމެ ހަތް މަހުގެ ޖަލު ހުކުމެކެވެ. ދެން ލިވާތު ކުރުން ހުއްޓުވޭނީ ކިހިނަކުން ތޯއެވެ؟
އިސްކަންސަދަރު ސްކޫލްގެ ދަރިވަރަކާއެކު އެއްޖިންސުން ގުޅުން ހިންގަނިކޮށް ރެޑްހޭންޑް ކޮށް ހިފި އިންޑިއާ ޓީޗަރުގެ މައްސަލަ ވެސް އޮއްބާލައިފި އެވެ. ރާއްޖޭގެ ސްކޫލް ތަކަކީ މިހާރު ކާފަރު ގައުމު ތަކުގެ ސްކޫލްތަކަށް ވަކި ދޫކުރާ ތަންތަނެއް ނޫނެވެ. ކުދިންގެ އަޙްލާޤް އިންތިހާ އަށް ގޯހެވެ. ކޮންމެ ކުއްޖެއްގެ އަތުގައި ސްމާޓް ފޯނެއް އޮވެ އެވެ. ގިނަ ކުދީން އެ ފޯނުތަކުން ބަލާ އެއްޗެއް ދެނެވޮޑިގެން ވާނީ ﷲ އެވެ. މައިން ބަފައިނަނަށް ރޭކާ ވެސް ނުލައެވެ. ޓޮޕް ޓެން އަށް އެރީމަ ނިމުނީ އެވެ. ނަމާދެއް ނުކުރި އަސް، އުމުރުން 13 އަހަރުގައި ޒިނޭ ކުރަން ފެށިއަސް، އެއް ޖިންސުން ގުޅުން ހިންގިއަސް އޯކޭ އޭ ބުނާ ކަހަލަ އެވެ. މިކަމެއް ނުހުއްޓެ އެވެ. ވަނީ ފުޅަލެވެ. މިއީ ހެޔޮ ވެރިކަމެއް ނޫނެވެ. މިއީ ދީނީ ނޫން، ލާދީނީ ވެރި ކަމެކެވެ.
ލިބޭ ކޮންމެ ފުރުސަތެއްގައި އެންމެ ގިނައިން ރައީސް ސޯލިހާއި ރައީސް ނަޝީދު މިހާރު ދައްކަވާ ވާހަކަ އަކީ ހަރުކަށި ފިކުރުގެ ވާހަކަ އެވެ. ސުއްނަތަށް، އިސްލާމް ދީނަށް އުޅޭ މީހަކީ ހަރުކަށި ފިކުރުގެ މީހެއް ކަމަށް ސިފަކޮށް، އެފަދަ މީހަކީ މުޖުތަމައު އަށް ހުރި ބިރެއް ކަމަށް ދައްކަން ވަރަށް ބުރަކޮށް މަސައްކަތް އެބަ ކުރެއެވެ. ތުބުޅިލީ ނުބައި މީހަކު ހުރުމަކުން ތުބުޅިލީ އެންމެން ގޯހެއް ނުވެ އެވެ. ތުނބުޅި ބާލައިގެން ހުރި މީހަކު ލިވާތު ކުރުމަކުން ތުނބުޅި ބާލައިގެން ތިބޭ އެންމެން ލިވާތު ކުރާ މީހުން ކަމަކަށް ނުވެއެވެ. މަދު ބަޔަކު ކަމެއް ކުރިއަކަސް އެންމެންގެ ބޮލުގައި ހަރުކަށި ފިކުރުގެ ލޭބަލެއް ނުޖެހޭނެ އެވެ. އެއީ ހެޔޮ ވެރިކަން ކުރާ ގޮތެއް ނޫނެވެ.
މިވަރަށް ހަރުކަށި ފިކުރުގެ ވާހަކަ ދައްކާ އިރު ލާދީނީ ފިކުރުގެ ނަން ވެސް ގަނެލަން ނުކެރެ އެވެ. ރައީސް ސޯލިހުގެ ދޫފުޅުން "ލާދީނީ" މިބަސް ވިދާޅުވި އަޑެއް ހަމަ ގައިމު ވެސް އަޅުގަނޑެއް އަދި ނާހަމެވެ. ލާދީނީ ފިކުރަށް އެމްޑީޕީ މީހުން ކިޔާ މަތި-އޮމާން ނަމަކީ "މިނިވަން ފިކުރެވެ". ލިވާތު ކުރުމާއި، ބޯން ޖެހޭނެ ކަމަށް ބުނެ ބުއިމާއި، ހިނދު ކޮޅު އައުމާއި، މިހިރީ ހައްތަހާ ވެސް މިނިވަން ފިކުރުގެ ކަންކަމެވެ. އެކަން ކަމުގެ ވާހަކަ ނުދައްކަނީ ހެޔޮވެރި ކަމެއް ކުރާކަށް ނޫނެވެ. ލާދީނީ ވެރިކަމެއް ކުރަން ވެެގެން ނެވެ. އިމްރާން އޮޅުވާ ނުލައްވާށެވެ.
ޤައުމީ ރޫހުގައި، ދީނުގެ ދިފާއުގައި ޝެއިހް އިމްރާން މީގެ އަހަރުތަކެއް ކުރިން އެކި އެކި އެއްވުން ތަކުގައި ދައްކަވާފައި ހުރި، ޖޯޝުން ފުރިގެންވާ ވާހަކަ ތައް އަޑުއަހާފަ ހުރި މީހަކަށް މިހާރުގެ އިމްރާންގެ ވާހަކަތައް އަޑު އިވުމުން ހައިރާންވެ އަންތަރީސް ވާނެ އެވެ. އިންސާނުންގެ ފިކުރަށާއި ބަހަށް މިވަރުގެ ބޮޑެތި ބަދަލު އަންނަނީ ކީއްވެގެން ބާވައޭ ހިތަށް އަރައި ތަލިން ކުޅި ހިކޭނެ އެވެ. މިހާރު މިނިސްޓަރުކަން ލިބިވަޑައިގެން ހުންނެވިއަސް އަދި އެހެން ދުވަހެއް ވެސް އޮތްކަން އިމްރާން ހަނދުމަފުޅު ނެތުނީކީ ނޫނެވެ. ނަމަވެސް ދުނިޔޭގެ ބާރާއި މަގާމަށް ބައެއް މީހުން ވިކި ހުސްވާ މިންވަރު އަވަހީ އެވެ.
އަދި ދިހަ އަހަރު ފަހުން، 2033 ގައި ރާއްޖޭގައި ރައީސް ކަން ކުރައްވާނީ އަދާލަތު ޕާޓީގެ ބޭފުޅެކޭ އިމްރާން ވިދާޅުވީ އެކަން އެމަގުން ހިނގާނެކަން ގަބޫލު ކުރެއްވޭތީ އެއް ނޫނެވެ. އެކަން އެހެން ނުވާނެ ކަން އިމްރާނަށް މާރަނގަޅަށް ވެސް އެގި ވަޑައިގަންނަވާނެ އެވެ. ނަމަވެސް އެ މޭރުމުން އެހެން ވިދާޅުވުމުގެ ބޭނުމަކީ އަދާލަތު ޕާޓީގައި ތިބި ގިނަ މެމްމަބަރުންނަށް ވެރިކަމުގެ ދަޅަ ދައްކަވައިގެން، ކަފަ ވިލާމަތީ ގަނޑުވަރު އަޅުއްވާނެ ކަމުގެ ބިލާހީ ހުވަފެން ދެއްކެވުމެވެ. ޕާޓީގައި މެމްބަރުން ހިފެހެއްޓެވުމެވެ.
އަދާލަތު ޕާޓީ އަކީ ރަނގަޅު މަގުސަދެއްގައި ވުޖޫދު ކުރެވުނު ޕާޓީ އަކަށް ވިއަސް އިމްރާން އާއި މަދު އެހެން ޝެއިހުންތަކެއް ވެގެން އެޕާޓީ ވަނީ އެބޭފުޅުންގެ އަމިއްލަ ސިޔާސީ ފައިދާއަށް ހައިޖެކް ކުރެވިފަ އެވެ. ރިއާސީ ނިޒާމުން މިހާރު ފެންނަ "ކޯލިޝަން" ތެރެއިން ވެރިކަމުގެ ހިއްސާ އަދާލާތާއި އެމްއާރްއެމް ފަދަ ކުދި ޕާޓީ ތަކަށް ލިބިފައި ވިއަސް އެއީ ރައްޔިތުންގެ މާބޮޑު ތާއީދެއް ނެތް ބައެކެވެ. އެ ޕާޓީ ތަކުގެ ލީޑަރުންގެ އަމިއްލަ އެދުމަށް ހިންގޭ ސިޔާސީ ކަންމަތީ ކަޑަ ތަކެކެވެ.
މި ސިޔާސީ ކަންމަތީ ކަޑަތައް ދެމެހެއްޓެން އޮތީ އެތަންތަނަށް ސުޕަ މާޓްގެ ނަން ކިޔައިގެން، އަދި ދިހަ އަހަރު ފަހުން އެތަން ތަން ހައިޕާ މާކެޓް ތަކަކަށް ބަދަލުވާނެ ކަމުގެ ބިލާހީ ހުވަފެން މެމްބަރުންނަށް ދައްކައިގެންނެވެ. ރައީސް ސޯލިހުގެ ވެރިކަމަކީ ޤުރުއާނުގެ އާޔަތެއްގައި ވާފަދަ ހެޔޮ ވެރިކަމުގެ ސިފަތައް ހިމެނޭ ވެރިކަމެއް ކަމުގައި އިމްރާން ވިދާޅުވުމުުން މިހާރު ހައިރާން ވާކަށް ނުޖެހެއެވެ.
ސިޔާސީ ކަސްބީން ތަކެއް، އަމިއްލަ ސިޔާސީ ފައިދާއަށް ޓަކައި ރައްޖޭގެ ސިޔާސީ މުއައްސަސާ ތައް ހިސޯރު ކޮށްފި އެވެ. އަދާލަތަކީ އިމްރާންގެ ފުށްގަނޑެކެވެ. އެމްއާރްއެމް އަކީ މައުމޫންގެ ފުއްގަނޑެކެވެ. ޖޭޕީއަކީ ގާސިމްގެ ފުށްގަނޑެކެވެ. އެމްއެންޕީ އަކީ ކާނަލް ނާޒިމްގެ ފުށްގަނޑެކެވެ. އެމްޑީޕީ އަކީ ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ފުށްގަނޑެކެވެ. ޑީއާރްޕީ އަކީ ޖާބިރު ކުޅުއްވަން ގެންގުޅުއްވާ ކްލޭ ގަނޑެކެވެ. މިހުރިހާ ބޭފުޅުން އެކި ދުވަހު އެކި ރާގަށް ވާހަކަ ދައްކަވާނެ އެވެ. އަނގަ އޮޅިގެން ކަމަށް ހައްދަވާފައި ރައީސް ސޯލިހަކީ ރަސޫލެކޭ ވިދާޅު ނުވާނެ ކަމުގެ ގެރެންޓީއެއް ވެސް ނެތެވެ. އެހެން ވިދާޅުވިއަސް ރައީސް ސޯލިހު ޖައްސަވާނީ އަތްތިލަ ބަޑިއެވެ. ސިޔާސީ އެހެން ބޭފުޅުން ވެސް ޖައްސަވާނީ އަތެވެ.
މިއީ ހެޔޮވެރިކަމެއް ނޫނެވެ. ރައްޔިތުންނަށްޓަކައި ކުރެވޭ ވެރިކަމެއް ވެސް ނޫނެވެ. ވިޔަވަައްޗޭ، ބުރައްފައްޗޭ، ނިޔަފައްޗޭ ކިއުއްވާނެ ކަމެއް ނެތެވެ. މިއީ ރައްޔިތުން ގުނބޯ ހައްދައިގެން އަމިއްލަ ސިޔާސީ ފައިދާ އަށް ސިޔާސީ ރަނޑިންތަކެއް ކުޅޭ ނާޗަރަންގީ އެކެވެ. ހަދަނީ ހުސް ދޮގެވެ. ކުފުރުވާ އިރުވެސް ބައެއް މީހުންނަށް ނޭގެ އެވެ. ނުވަތަ އެނގުނަސް ހަމަ ތިބެގެން ކުފުރުވެ ވަޖިދު ވަނީ އެވެ.