"މަރަށް މަރަކީ އިލާހީ ހުކުމްފުޅެކެވެ. އެ ކަމަށް މުއުމިނަކު އިންކާރެއް ނުކުރާނެއެވެ،" ޝެއިހް ޝަފީއު ވިދާޅުވެފައިވެއެވެ.
މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ގައުމީ ތަރައްގީގެ އުސް ލަނޑުދަނޑި އެއް ކަމެއް އެނގިވަޑައިގެންފައި ނެތް ކަަމަށް ވިދާޅުވެ ކުރީގެ ރައީސް / މަޝްހޫރު ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމް ކުރެއްވި ޕޯސްޓާއި ގުޅިގެން ބައެއް އިލްމުވެރީން ކަންބޮޑުވުން ފާޅު ކުރައްވާ އެމަނިކުފާނަށް ރައްދު ދެއްވައިފި އެވެ.
މަރުގެ ހުކުމް ތަންފީޒު މައްސަލާގައި ސަރުކާރުގެ ވިސްނުމަކީ ކޮބައިތޯ ސުވާލު ކުރުމުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ކެޕްޓަން ރިޓަޔާޑް އަލީ އިހުސާން އިއްޔެ ވިދާޅުވީ މިހާރު އޮތް ސަރުކާރަކީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ސަރުކާރެއް ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލާ ގާނޫނީ އިމުގެ ތެރެއިން އެކަން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދިވެހި ސަރުކާރަކީ މިހާރު އޮތް ސަރުކާރަކީ މަރުގެ އަދަބު ތަންފީޒު ކުރަން އަޅުގަނޑުމެން ވެސް ނިންމާފައި އޮތް ސަރުކާރެއް،" އިހްސާން ވިދާޅުވި އެވެ.
އެ ނިންމުމާއި ގުޅިގެން މައުމޫން ވަނީ މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ގައުމީ ތަރައްގީގެ އުސް ލަނޑުދަނޑި އެއް ކަމެއް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.
މައުމޫންގެ ޕޯސްޓް ގައި ވިދާޅުވެފައިވެއެވެ؛
"މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ގައުމީ ތަރައްގީގެ އުސް ލަނޑުދަނޑި އެއް ކަމެއް ނުދެނަހުރިން. ވަރަށް މާފު،"
މައުމޫންގެ މި ޕޯސްޓާއެކު ބައެއް އިލްމުވެރީން ވަނީ މަރުގެ ހުކުމާއި ރައީސް މައުމޫން ދެކޮޅު ހައްދަވަނީތޯ ސުވާލު ކުރައްވާ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ޖަމިއްޔަތުއްސަލަފުގެ ރައީސް / މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަބްދުﷲ ބުނު މުހައްމަދު އިބްރާހިމް ވިދާޅުވި ގޮތުގަައި ބައެއް މީހުން ގުރުއާން ކިޔަވާން ދަތަސް އެއަށް އީމާން ނުވެ ތިބޭކަން އެ މީހުންގެ ވާހަކަތަކުން ހާމަވެގެންދާ ކަމަށެވެ. އަދި މައުމޫނަށް ރައްދު ދެއްވާ ވިދާޅުވީ ކީރިތި ގުރުއާނަކީ އިންސާނުން ތަހުޒީބުކޮށް ދުނިޔެ އަމާންކޮށް ނަފްސުތައް ތާހިރުކޮށް ދިނުމަށް މާތްﷲ ބާވައިލެއްވި ފޮތެއް ކަމަށެވެ.
"އެއަށް އީމާން ނުވާ މީހަކަށް ހެވެެއް ނެތެވެ. ވަރަށް ސާފެވެ،" އަބްދުﷲ ވިދާޅުވި އެވެ.
ޝެއިހް ޝަފީއު ވިދާޅުވި ގޮތުގައި ރައީސް މައުމޫނު ޒަމާނުން ފެށިގެން ރާއްޖޭގައި މަރަށް މަރު ނުހިފާ ހުއްޓާ މިހާރު މީހެއްގެ މަރަކީ މަދިރިއެއްގެ މަރާ އެއްފަދަ ކަމަކަށް ވަނީ ވެފައެވެ. އަދި އެކަމަށް ވުރެ ބޮޑަށް ތަރައްގީ އަށް އޮތް އިތުރު ހުރަހެއް ނެތް ކަމަށް ވިދާޅުވި އެވެ.
"އެހެން ނޫނަސް މަރަށް މަރަކީ އިލާހީ ހުކުމްފުޅެކެވެ. އެ ކަމަށް މުއުމިނަކު އިންކާރެއް ނުކުރާނެއެވެ،" ޝަފީއު ވިދާޅުވި އެވެ.
ޝެއިހް ނިޝާން ވެސް ވަނީ ރައީސް މައުމޫނަށް ރައްދު ދެއްވާފައެވެ. ވިދާޅުވީ މާތްﷲ ބާއްވާލެއްވެވި، ކީރިތި ގުރްއާންގައި ބަޔާންވެފައިވާ ސާފު ސަރީހަ އެންމެ ހުކުމްފުޅަކަށް އިންކާރު ކޮށްފި މީހަކީ ވެސް ކީރިތި ގުރްއާނަށް ކާފަރުވެ، ﷲގެ ދީނުން ބޭރުވެ މުރުތައްދުވެފައިވާ މީހެއް ކަމަށެވެ.
ނިޝާން ވަނީ އިސްލާމިކް މިނިސްޓްރީ އާއި ފަތުވާ ކޮމިޓީއަށް އެ މައްސަލަ ބަލައި ފަތުވާ ނެރެ ދީނުގެ ހުކުމްތަކަށް ފާޅުގައި އިންކާރު ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
މައުމޫނަށް އެގިވަޑައިގަންނަވާ ވަރަކަށް މިވެރިންނަކަށް ނޭގޭ ދީނީ ކަންކަމެއް