ލޭބަރުން ގެނެވޭ ގައުމުތަކުގެ ލިސްޓަށް އިންޑިއާއާ ނޭޕާލް ލައިފި

ބަންގްލަދޭޝްގެ އިތުރުން އިންޑިއާ އާއި ނޭޕާލުން ވެސް މިހާރު އަންސްކިލްޑް ލޭބަރުން ގެނައުގެ ހުއްދަ އެބަ އޮތް ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

ބިދޭސީންތަކެއް ގަލޮޅު ސަހަރާގެ މޯޗަރީ ކައިރީގައި -- މި

ދިވެހިރާއްޖެ އަށް އަންސްކިލްޑް ލޭބަރުން ގެނައުގެ ހުއްދަ އޮތް ގައުމުތަކުގެ ލިސްޓަށް އަލުން އިންޑިއާ ލައިފި އެވެ. އިންޑިއާގެ އިތުރުން ތިންވަނަ ގައުމެއްގެ ގޮތުގައި ނޭޕާލް ވެސް ހިމަނާ އެ ގައުމުން ލޭބަރުން ގެނައުމަށް ހުއްދަ ދީފައިވާ ކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފައެވެ.

ސަރުކާރުގެ މި ނިންމުން މި އައީ ބަނގްލަދޭޝް އިން ދިވެހިރާއްޖެ އަށް އަންސްކިލްޑް ލޭބަރުން ގެނެވޭ ގޮތަށް ހުއްދަ ދީ އެ ނޫން ގައުމުތަކުން ލޭބަރުން ގެނައުމަށް ވަގުތީ ގޮތުން މަނާކުރިތާ ދެތީން ހަތަރު ދުވަސް ފަހުންނެވެ.

މި މަހުގެ 17 ވަނަ ދުވަހު ބަޔާނެއް ނެރެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެފައި ވަނީ މިއަދުން ފެށިގެން ބަނގްލަދޭޝް އިން ދިވެހިރާއްޖެ އަށް އަންސްކިލްޑް ލޭބަރުން ގެނެވޭ ގޮތަށް ސަރުކާރުން ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި އެހެން ގައުމުތަކުން ރާއްޖެ އަށް އަންސްކިލްޑް ލޭބަރުން މި ވަގުތު ގެނައުން މަޑުޖައްސާލާފައިވާ ކަމަށެވެ.

ނަމަވެސް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާ އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާތަކުގެ އިސްވެރީން ގުޅިގެން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި ސަރުކާރުގެ ކުރީގެ ނިންމުން މިހާރު ވަނީ ބަދަލު ކޮށްފައެވެ. ބަންގްލަދޭޝްގެ އިތުރުން އިންޑިއާ އާއި ނޭޕާލުން ވެސް މިހާރު އަންސްކިލްޑް ލޭބަރުން ގެނައުގެ ހުއްދަ އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

އަދި އެ ނޫން ބައެއް ގައުމުތައް ވެސް ހުއްދަ ދޭ ލިސްޓަށް ލުމާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

"އިންޑިއާ އާއި ނޭޕާލުން އަންސްކިލްޑް ލޭބަރުން މިއަދުން ފެށިގެން ރާއްޖެއަށް އެތެރެކުރެވޭނެ ގޮތް މިހާރު ވާނީ ހަދާފައި،" 

ބަނގްލަދޭޝް އިން ދިވެހިރާއްޖެ އަށް އަންސްކިލްޑް ލޭބަރުން ގެނައުން މަނާ ކުރީ ރައީސް ސޯލިހްގެ ސަރުކާރުންނެވެ. އެ ފުރުސަތު އެހެން ގައުމުތަކަށް ހުޅުވާލުމުން އެންމެ ގިނައިން ރާއްޖެ އައިސްފައި ވަނީ އިންޑިއާ މީހުންނެވެ. ރާއްޖޭގައި ބިދޭސީންގެ މައްސަލަ ވަރަށް ބޮޑުވެފައިވާއިރު އެންމެ ބޮޑު އާބާދީއެއް އަދިވެސް އޮތީ ބަންގްލަދޭޝްގެ މަސައްކަތު މީހުންގެ އެވެ. އިންޑިއާގެ ބޮޑު އާބާދީއެއް ވެސް މިހާރު ރާއްޖޭގައި އެބަ އޮތެވެ.

ބިދޭސީން ގިނަވެ އިގްތިސާދީ އަދި އިޖްތިމާއީ / އަހްލާގީ ގިނަ މައްސަލަތަކެއް ރާއްޖޭ ގައި ވަނީ އިތުރުވެފައެވެ. ބިދޭސީންގެ ވަރަށް ބޮޑު އާބާދީ އަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ މީހުންނެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ.

މިނިސްޓަރު އިހްސާން ވިދާޅުވީ އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުން ރާއްޖޭގައި މިވަގުތު ތިބީ ބަންގަލްދޭޝްގެ 90،000 މަސައްކަތްތެރީން ކަމަށެވެ. އަދި ބަނގްލަދޭޝް އިން ދިވެހިރާއްޖެ އަށް އަންސްކިލްޑް ލޭބަރުން ގެނެވޭ ގޮތަށް ސަރުކާރުން ހުއްދަ ދިނީ އެކަމަށް ވަރަށް ގިނަ ވިޔަފާރިތަކާއި ސިނާއަތް ތަކުން އެދެމުންދާތީ ކަމަށެވެ.

ކުރީ ސަރުކާރުން ހާމަކުރި މައުލޫމާތުތަކުން ރާއްޖޭގައި ބަންގަލްދޭޝްގެ 130،000 ވުރެ ގިނަ މަސައްކަތްތެރީން އެބަ ތިއްބެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 66،000 ވުރެ ބޮޑުތަނުން އިތުރެވެ. އޭގެ ތެރޭގައި ވެސް ގިނައީ ބަންގަލްދޭޝް މީހުންނެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.