"އަދި، އެ މެމްބަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެދި ދިފާއީ ވުޒާރާގައި ވެސް ވާނީ ދަންނަވާފައި،" މަޖިލީހުން ނެރުނު ބަޔާނުގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރު ދިން މައްސަލަ މަޖިލީސް އިދާރާގެ ފަރާތުން ފުލުހުންނަށް ހުށަހަޅައިފި އެވެ.
މެންބަރު ޝިފާއުއަށް އެކްސް މެދުވެރިކޮށް މަރުގެ އިންޒާރެއް ދިނީ މިވަގުތަށް އޮތް އެންމެ މުހިންމު މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން އަޒުލުކުރުން ކަމަށާއި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް އެކަން ހުށަހެޅުއްވާނެ ކަމަށް މަޖިލީހުގައި އިއްޔެ ހެނދުނު ވިދާޅު ވެފައި ވަނިކޮށެވެ.
މެމްބަރު ޝިފާއުއަށް މަރުގެ އިންޒާރު ދިނުން ކުށްވެރިކޮށް، މަޖިލީހުން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ. އެ މައްސަލަ ބަލައި، ތަހުގީގު ކޮށްދިނުމަށް އެދި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"އަދި، އެ މެމްބަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެދި ދިފާއީ ވުޒާރާގައި ވެސް ވާނީ ދަންނަވާފައި،" މަޖިލީހުން ނެރުނު ބަޔާނުގައިވެ އެވެ.
މަޖިލީސް އިދާރާއިން މިއަދު ބަޔާނެއް ނެރެފައިވާއިރު، ރޭ ޝިފާއު ނިސްބަތްވާ އެމްޑީޕީން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ.
"... ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރު ދީފައިވާތީ އެކަން ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންނަށް މި ޕާޓީގެ ފަރާތުން ގޮވާލަމެވެ." އެމްޑީޕީން ނެރުނު ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ އިދިކޮޅު ޕާޓީއަކުން އަދާ ކުރާނެ އެންމެ މާތް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީކުރުވުން ކަމަށާއި އެ ދުސްތޫރީ ޒިންމާ އަދާކުރުމުން މަރުގެ އިންޒާރުދީ އެފަދަ ލާއިންސާނީ ކުށެއްގެ ޝިކާރައަކަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެގެން ދިއުމަކީ އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
އަދި މަޖިލީހުގެ މެމްބަރުންނަކީ ގާނޫނީ ގޮތުން ލިބިދޭ ހާއްސަ އިމްތިޔާޒުތަކުގެ ތެރެއިން ސަލާމަތާ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ބަޔަކަށްވާތީ، މަޖިލީހުގެ މެމްބަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ސަލާމަތީ ހިދުމަތްތަކަށް ގޮވާލާ ކަމަށެވެ.