ރަސްމާލޭ މަޝްރޫއު | ގާއިމް ކުރަނީ ރާޅުގެ ސަބަބުން ދަތިނުވާނެ ފެރީ ނިޒާމެއް

ރަސް މާލެ އަށް ދަތުރު ކުރާ މީހުންނަށް ހާއްސަކޮށް މި ރަށް ކައިރީގައި ވީއައިއޭއަށް ދަތިނުވާނެ ގޮތަށް ބޯޓު ޖެއްސޭނެ އެއާ ސްލިޕެއް ހަދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ޖަޕާންގައި ބޭނުން ކުރާ ހައިޑްރޯ ފޮއިލް ފެރީއެއް : މިއީ ރާޅުތަކުގައި މަތިން ދަތުރު ކުރެވޭ ގޮތަށް ފަރުމާކޮށްފައި ހުންނަ އުޅަނދެއް

ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލެ ދުނިޔޭގައި ބްރޭންޑް ކުރަނީ "މޯލްޑިވްސް އިކޯ ސިޓީ" ގެ ގޮތުގަ އެވެ. މިތަނުގައި ދަތުރު ފަތުރަށް ހާއްސަކޮށް ބޯޓު ޖެއްސޭނެ އެއާ ސްލިޕެއްގެ އިތުރުން ދަތުރު ކުރާއިރު ކަނޑުގެ ރާޅު ތަކުން އުނދަގޫ ނުވާނެ ގޮތަށް ފަރުމާކޮށްފައިވާ ފެރީ ނިޒާމެއް ވެސް އޮންނާނެ އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު ރިޔާސީ ވައުދުކަމަށްވާ ރަސްމާލެ މަޝްރޫއުގެ ބިން ހިއްކުން ފައްޓަވައި ދެއްވަމުން މިއަދު ވިދާޅުވީ މިތަނުގައި ގާއިމް ކުރާ ފެރީ ނިޒާމް ވެގެންދާނީ ދަތުރު ކުރާއިރު ކަނޑުގެ ރާޅުތަކުން ދަތިނުވާނެ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދަކަށެވެ. 

"މިތަނަށް ޓްރާންސްޕޯޓުގެ ގޮތުން ބަލާނަމަ މިހާރު ބޭނުންކުރާ އެކްސްޕްރެސް ޓްރާންސްޕޯޓް ސިސްޓަމް އެބަހުރި. ކަނޑުގެ ރާޅުގައި ނުވަތަ އޮއިގައި އެހާބޮޑަށް ނުޖެހި ދުއްވޭ ކަހަލަ ފެރީ ނިޒާމް އެބަހުރި. އެކަހަލަ ހައި ސްޕީޑް ފެރީ ނިޒާމް ގެންނަން ހަމަޖެހިފައިވާ. މީގެ އިތުރުން އެންމެ ކައިރީގައި އޮތް ފަޅުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށްވެސް އުނދަގޫ ނުވާނެ ގޮތަކަށް އިތުރު އެއާ ސްލިޕެއް [ރަސްވޭއެއް] ވެސް ގާއިމް ކުރާނަން،" ރައީސް ވިދާޅުވި އެވެ. 

ރައީސް އިތުރަށް ވިދާޅުވީ މި އެއާ ސްޕިލްގެ ބޭނުމަކީ އެ ތަނުން ރަސްމާލެ އަށް ގުޅުވާލައި ގުޅިގެން ދާނެ ކަމަށެވެ. 

"މިތަން ވެގެންދާނީ ގެދޮރުގެ މަންޒިލަކަށް، ވަޒީފާގެ މަންޒިލަކަށް ވެގެން. އަދި އެކި ކަހަލަ ވިޔަފާރީގެ ފުރުސަތުތަކެއްގެ އޮންނަ ތަނެއްގެ ގޮތުގަ. މުޖުތަމައުގައި ދިރިއުޅޭ ހުރިހާ ފަންތިއެއްގެ ފަރާތްތަކަށް ފަސޭހައިން އުޅެވޭ ތަނަށް ޕްލޭން ކުރެވިގެންދާނީ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހައިން ދަތުރު ކުރެވޭ ގޮތަށް. އެހެންވެ މޯލްޑިވްސް އިކޯ ސިޓީ ވެގެންދާނީ އިންކްލޫސިވް މޮޑެލް ސިޓީއަކަށް،" ރައީސް ވިދާޅުވި އެވެ. 

ރަސްމާލޭގެ ހާއްސަ ސިފަތަށް

  •  ރަސްމާލެއަކީ 20 އަހަރުގެ ޕްލޭނެއް ހިމެނޭ ސިޓީއެއް
  •  ހުޅުމާލޭގެ ދެ ފޭސްއަށް ވުރެ ތިން ގުނަ ބޮޑު ސަރަހައްދެއް
  •  މި މަޝްރޫއަށް 1280 ހެކްޓަރުގެ ބިން ހިއްކާނެ
  •  އަށް މަސް ތެރޭ ބިން ހިއްކާ ނިމޭނެ
  •  އެ ސިޓީ ތަރައްގީ ކުރަނީ މާލެ ނައިސް ވާނެ މިންވަރަށް
  •  ފުރިހަމަ ފެރީ ނިޒާމެއް އޮންނާނެ
  •  އާ ސިޓީ ހަދަނީ ރައީސް މުއިއްޒުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން
  •  ހައުސިން ސިނާއަތަށް އިންގިލާބީ އަދި ތާރީހީ ބޮޑު ކުރި އެރުމެއް ލިބޭނެ
  •  ރަސް މާލެ ބްރޭންޑް ކުރަނީ އިކޯ ސިޓީއެއްގެ ގޮތުގަ
  •  މުޅި ސިޓީ އޮންނާނީ ތިމާވެއްޓާ ރަހުމަތްތެރިކޮށް
  •  ރަސްމާލެއާ ކައިރީގައި އެއާ ސްލިޕެއް
  •  ރަށް ތަރައްގީ ކުރަނީ ސޭފް އައިލެންޑެއްގެ ގޮތުގައި
  •  އެއްފަހަރާ 65،000 ރައްޔިތުންނަށް ބޯހިޔާވަހިކަން
  •  މި ސިޓީގައި 1600 އަކަފޫޓްގެ 11،000 ގޯއްޗާއި 1400 އަކަފޫޓްގެ 20،000 ފްލެޓް
  •  ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލް ހިމެނޭނެ
  •  ގެސްޓްހައުސް އާއި ޓޫރިޒަމަށް ހާއްސަ ވަކި ދެ ރަށެއް އެ ފަޅުގައި ތަރައްގީކުރާނެ
  •  ވިޔަފާރި އަދި ކުޅިވަރަށް ހާއްސަ ސަރަހައްދެއް ތަރައްގީ ކުރާނެ
ރަސް މާލެ މަޝްރޫއު - މިއަދު މަޝްރޫއު ފެށި އިރު ބިޔަ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަވަށްޓެރި ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ އެވެ. މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާނީ ދުނިޔޭގައި ބިންހިއްކުމުގެ މަސައްކަތުގައި އެންމެ ގާބިލު އަދީ ރާއްޖޭގައި ވެސް މަޝްރޫއުތައް ހިންގަމުންދާ ކުންފުންޔެއް ކަމުގައިވާ ބޮސްކާލިސް ވެސްޓް މިނިސްޓާ ކޮންޓްރެކްޓިން ކޮމްޕެނީ އާއި ސީއެމްސީ ގުޅިގެންނެވެ. މަޝްރޫއުގެ އެހެނިހެން މައުލޫމާތު މި މަޝްރޫއުގެ ބިން ހިއްކާ އާބަންކޯއިން ހާމަކޮށްފައެއް ނުވެ އެވެ. މި ރަށް ހިއްކަނީ މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ސަލާމަތްކުރުމަށް މިފަޅު ހިއްކުމަށް ހަމަޖެހިފައިވަނީ މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރު އުސްމިނަށެވެ. މިއީ ހުޅުމާލެ އަށްވުރެ އިތުރު 0.5 މީޓަރ އުސްކޮށް ހިއްކޭ ރަށެކެވެ.

މަސައްކަތް ފެށި އިރު ފުށިދިއްގަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭން ހަދައި އެތަނުގެ އީއައިއޭގެ މަސައްކަތް ވެސް ކޮށްފައިވެ އެވެ. މި މަސައްކަތް ފެށި އިރު އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި ރައީސް މުއިއްޒުގެ ސަރުކާރުން ފުށިދިއްގަރުފަޅު މަޝްރޫއަށް 400 މިލިއަން ރުފިޔާ ހިމެނި އެވެ. ނަމަވެސް ދައުލަތުގެ ބަޖެޓުން އެ މަޝްރޫއުއަށް ފުރުސަތު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ނުދިނުމުން ފުށިދިއްގަރުފަޅު ހިއްކަން މިފެށީ އާބަންކޯ އާއި ސީއެމްސީ ކުންފުންޏާ ދެމެދު މިދިއަ ހަފުތާގައި އެއްބަސްވުމެއްގައި ސޮއި އަޅައިގެނެވެ. އޭގެ ކުރިޔަށް ކ. ގުޅީގެ އިހްތިސޯސުގެ ތެރޭ ކުރިން އޮތް ފުށިދިއްގަރުފަޅު އެ ރަށުގެ އިހްތިސޯސުން ވެސް ވަނީ މިދިއަ ހަފުތާގެ ތެރޭގައި އުނިކޮށްފަ އެވެ. ނަމަވެސް އެކަން ހިނގި އިރު މަޝްރޫއަށް ބަޖެޓްގައި ޖެހި 400 މިލިއަން ރުފިޔާ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ބައިބަޔަށް އަޅާލި އެވެ. އެ ގޮތުން އެމްޑީޕީ ސަރުކާރުން ފެށި ގިރާވަރު، ގުޅިފަޅު އަދި ހުޅުމާލެއިން ގޯދި ދޭ ސަރަހައްދުގައި ވަސީލަތްތައް ގާއިމުކުރަން 200 މިލިއަން ރުފިޔާ ބަދަލު ކުރީ އެވެ. އަދި އަނެއް 200 މިލިއަން ރުފިޔާ ވަނީ އެކި މަޝްރޫއުތަކަށް ބަހާލައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.