އިއްޔެގެ ތާރީހު: އޮއްސާލި ކުޑަ ވެލިމުށަކުން ބިޔަ ބޮޑު ރަސްމާލެއެއް

ރަސްމާލޭގެ 1153 ހެކްޓަރުގެ ބިމާއެކު އެއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫ އެވެ. އަދި މުޅި އެ މަޝްރޫއު ނިމިގެން ދާއިރު ގޯއްޗާއި ފްލެޓް ހިމެނޭގޮތަށް 65,000 ހައުސިން ޔުނިޓް ތަރައްގީ ކުރާނެ އެވެ.

ރަސްމާލެ ހިއްކަން ފެށުމާއެކު ކޮންނަ ބޯޓުގެ ހޮޅިން ފުރަތަމަ ވެލިގަނޑު އޮހިގެންދަނީ: މި މަސައްކަތް އަށް މަސް ދުވަހުން ނިންމާނެ

މިއޮތް ސަރުކާރުން އިއްޔެ މާލެ އަތޮޅު ފުށިދިއްގަރު ފަޅަށް ރާވާފައި އޮތީ ތާރީހެއް ޖަހައި ތާރީހެއް ލިޔާން ފަށާ ދަތުރެކެވެ. އަސުރުން ތިރިވި ފަހުން އިސްޕީޑް ލޯންޗުތަކެއް ބައިބަޔަށް ނައްޓާލައި ރާޅު ނެތް ކަނޑެއްގައި "އުދުހޭން" ފެށި އިރު ރާއްޖެ ވަދެފައި އޮތީ އިރުވައި މުސޫމުގެ ފުރަތަމަ ނަކަތް މުލައިގެ ތެރެއަށެވެ. އެ ނަކަތު ވައި އިރު ދަށަށް އެނބުރިފައި ހުއްޓެވެ. ރާޅެއް ނެތެވެ. ކަނޑު އޮތީ ތެޔޮފާންލާފަ އެވެ. އުޑުމަތީން އިރުފަޅިއަށް ހުދު ވިލާތަކެއް ކަންނެތް ފާޑުގައި ހެލިހެލި ހުއްޓެވެ. ހަވީރު ވެއްޖެއެއްކަމަކު ފިންޏެއް ނެތެވެ. ލޯންޗު "އުދުހުނީ" ގަޑިއަކު 42 މޭލުގެ ބާރު މިނުގަ އެވެ. ފުށި ދިއްގަރު ފަޅަށް ފޯރީ ތިނެއް ޖަހައި ބައިގަޑީގަ އެވެ. އެއީ ބަރާބަރު 17 މިނެޓްގެ ރާސްތާއެކެވެ. 

އެ ފަޅުތެރޭން މާލޭ ކޮޅަށް ބަލައިލާއިރު މީގެ 26 އަހަރު ކުރީން އޭރު އޮތް ސަރުކާރުން ރޭވި މިފާޑުގެ ދަތުރެއްގައި ތާރީހު ޖަހައި ތަރައްގީ ކުރާން ފެށި ހުޅުމާލެ، ލޮލުކޮޅަށް އޮބާފައި ވިޔަސް މުޅީން ގެއްލޭވަރު ނުވެ މާލެ - ހުޅުމާލޭގެ މަލަ ފެންނާން އޮތެވެ.

އޮކްޓޯބަރު 16، 1997 ގައި ހުޅުލޭ ފަޅުން ބިން ހިއްކާން ފެށުމަކީ މިހާރު މި ދެކޭ ބޮޑު ހުޅުމާލެ އުފެދޭން ފެށުމެވެ. އެ ދުވަހު ރިޕޯޓަރެއްގެ ގޮތު ބައިވެރިވި ފަދައިން އިއްޔެ ފުށިދިއްގަރު ފަޅަށް "ވެލިމުށެއް" އޮއްސާލައި ދިވެހިންގެ އާ ޒަމާނުގެ ސިޓީ "ރަސްމާލެ" ތިލަ ކުރާން ފެށި އިރު ވެސް ރިޕޯޓަރެއްގެ ގޮތު، ބަލާން އަހުރެން ހުރީ މެވެ. 

ސައްބީސް އަހަރު ކުރީން ކަނޑުމަތީ އޮތް ރަސްމިއްޔާތު ކަވަރު ކުރަންދިޔަ ރިޕޯޓަރު، ހޯރަފުށީ އިބްރާހިމް ހަލީލް، ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރަކަށް ވެވަޑައިގެން ހަށިކޮޅާ ވަރަށް ފޭގައި ދެ އަތް ބަހައްޓަވައި ބާޖު މަތީގައި ދެކޮޅަށް އެބަ ހިންގަވަ އެވެ. އަދި ހުޅުމާލެ ހިއްކާން ފެށި ދުވަހު އަހުރެން ލިޔުނު ހަބަރު ބުރިބުރިކޮށް ފީޗާ ރިޕޯޓަކަށް ބަދަލު ކޮށްލައި ސުރުހީއަކަށް "ކުޑަ ވެލި މުށަކުން ބިޔަ ބޮޑު ރަށެއް" ޖައްސަވައި ދެއްވި އެޑިޓަރު، މުހައްމަދު ޝަހީބު ވެސް ދިވެހި ދިދައިން ނަލަހައްދާފައިވާ ދަބަރު ބާޖުމަތީ ދުވެ ވަޑައިގެން އެބަ އުޅުއްވަ އެވެ. އެއަކީ މިހައިރު ދިވެހި ސަރުކާރުގެ އިސް ތަރުޖަމާނެވެ. ކުއްލިއަކަށް އޭނާގެ ގައިގައި ވެސް ސިޔާސީ މަސް ޖާހާލައި ވެރިކުލަ ހިފާލާފައި ހުރި ކަހަލަ އެވެ. 

ރަސްމާލެ ހިއްކަން އައިސް އޮތް ކޮންނަ ބޯޓް "ފިލިިއްޕޯ ބްރުނެއްލެސްޗީ"

ވަށައި ބަލައިލާއިރު ދިދަ ނަގައިގެނާއި ދިދަ ދަމައިގެން ބޮޑުބެރާއި ނެށުމުގައި އައި އުޅަނދު ބަޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަންނަވަނީ އެވެ. ވަރަށް ކައިރީން މި ތާރީހީ މަޝްރޫއުގައި ރަސްމާލެ ފެންމައްޗަށް ހިއްކައިދޭން އާބަންކޯ އިން ހަވާލު ކޮށްފައިވާ އަވަށްޓެރި ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) ން ގެނެސްފައިވާ ޔޫރަޕްގެ ލަގްޒަންބާގުގެ ހޮޕާ ޑްރެޖަރު / ކޮންނަ ބޯޓު "ފިލިިއްޕޯ ބްރުނެއްލެސްޗީ" ފަރި އަޅައި ތައްޔާރަށް އޮތެވެ. އެއީ މީގެ 20 އަހަރު ކުރީން ބަނދެފައިވާ ޖައްރާފާ އެކެވެ. އެއިން ނަގާ ވެލި ބުރުއްސާލާ ހޮޅި ސަރާރަށް ދަމާލާފައި ވެއެވެ. 

ރައީސް ވަޑައިގެން ބަޖަށް އަރާވަޑައިގެންފި އެވެ؛ ރައީސާއެކު މުޅި ސަރުކާރުގެ މަގަތު ސަފު އެކަށް އެ ބާޖުގެ މަތީގައި ތިއްބެވުމުން އެތާނގެ ސަލާމަތީ ކަންކަމާމެދު ފިކުރުކޮށްލާން އިންދާ ގާތުން ވަރަށް ޒުވާން ރިޕޯޓަރަކު ދެތިން ސުވާލެއް ކޮށްލި އެވެ.

"މިއީ ކީއްކުރަން ހިއްކާ ތަނެއް ހެއްޔެވެ؟ ބްރިޖަކުން މާލެއަކާ ނުވެސް ގުޅޭ ނޫންހެއްޔެވެ؟ މިތާ އުޅޭން އަންނާނީ އަޅެފަހެ ކާކު ހެއްޔެވެ؟" 

ޒުވާން އެ ރިޕޯޓަރަށް އަހުރެން ދިން ޖަވާބަކީ ހިނިތުމެކެވެ. 

މިހައިރު ކަނޑުމަތީގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ އެވެ. އެ މަނިކުފާނު ވިދާޅުވަމުން ގެންދަވައެވެ: 

"މިއީ މިހާތަނަށް ހިއްކޭ އެންމެ ބޮޑު ބިން. އެންމެ ރަސް ބޮޑު ބިން. މިތަނަށް އަޅުގަނޑުމެން ކިޔާނީ 'ރަސްމާލެ' ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު އިރާދަ ކުރެއްވިއްޔާ، އަޅުގަނޑުމެން މިއަދު މި ފަށަނީ. މީގެ ސަބަބުން އަޅުގަނޑު ދެންނެވި ފަދައިން، މާލެ ސަރަޙައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ގެދޮރުގެ މައްސަލަ، ދެންމެ މި ދެންނެވި ފަދައިން، ދެން މި ހިއްކާ ބިންތަކަށް އިތުރު ކުރެވޭ ބިމާ އެކުއެކީގައި މި ފަސް އަހަރު ނިމިގެންދާއިރު، ﷲ ގެ އިރާދަފުޅާ އެކީގައި ހައްލު ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ތަކުރާރުކޮށް އަރުވަން" 


* ރަސްމާލެ ހިއްކަން ފެށި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅު 


ރައީސް މުއިއްޒުގެ ވާހަކަފުޅުގައި "ރަސްމާލެ" އިކޯސިޓީ އިއުލާނުކޮށް ދެއްވައި ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުގައި ބިން ހިއްކަން ފައްޓަވައި ދެއްވާން ބަޓަނަށް ފިއްތަވާލައްވައި ބިޔަ ބޮޑު ކޮންނަ ބޯޓުގެ ހޮޅި ހިންގާލައި ދެއްވެވި އެވެ. އެހައި ހިސާބުން އެ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އަށް މަސް ދުވަހުގެ ވަގުތު ކަލަންޑަރެއް ތެރޭގައި އެ ފަޅުތެރޭން ރަސްމާލެއަށްވާ 1150 ހެކްޓަރުގެ ބިން ހިއްކަމުން، ހިއްކަމުން އޮވެގެން ދާނެ އެވެ. 

ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލައި މުޅި ހުޅުމާލޭގެ ތިން ގުނަ ސައިޒުގެ ބިޔަ ސަހަރު ނިމޭ، އަށް މަސް ދުވަސް ހަމަވާނީ އޯގަސްޓް 18، 2024 ގަ އެވެ. އެ އަށް މަސް ދުވަހުގެ މުއްދަތަކީ އަހަރެއްގެ 365 ދުވަހުން 66.85 ޕަސެންޓް ދުވަހެވެ. އެއީ 244 ހަތަރު ދުވަހެވެ. 

އާބަންކޯއިން ސީއެމްސީ އަށް ދީފައިވާ މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާނީ ދުނިޔޭގައި ބިންހިއްކުމުގެ މަސައްކަތުގައި އެންމެ ގާބިލު އަދީ ރާއްޖޭގައި ވެސް މަޝްރޫއުތައް ހިންގަމުންދާ ކުންފުންޏެއް ކަމުގައިވާ ބޮސްކާލިސް ވެސްޓް މިނިސްޓާ ކޮންޓްރެކްޓިން ކޮމްޕެނީ އާ ގުޅިގެނެވެ.

ފުށިދިއްގަރުފަޅުން ބިއްކައި ރަސްމާލެ ޕްރޮޖެކްޓް ފައްޓަވައި ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ފުށިދިއްގަރު ފަޅު ތެރޭން ރަސްމާލެ ފެން މައްޗަށް އުފުލޭނީ އިކޯ ސިޓީ އެއްގެ ގޮތު އެވެ. ރަސްމާލެ ތަރައްގީކޮށް ދުނިޔޭގައި ބްރޭންޑް ކުރާނީ ވެސް "މޯލްޑިވްސް އިކޯ ސިޓީ" ގެ ގޮތުގަ އެވެ. ދަތުރު ފަތުރަށް ހާއްސަކޮށް ބޯޓު ޖެއްސޭނެ އެއާ ސްޓްރިޕް / ރަންވޭއަކާއި ދަތުރު ކުރާއިރު ކަނޑުގެ ރާޅު ތަކުން އުނދަގޫ ނުވާނެ ގޮތަށް "ބޮއިން 929 ޖެޓްފޮއިލް" ފަދަ ފެރީ ނިޒާމެއް ނުވަތަ އެ ޒާތާ ގާތްކުރާ "ރަސްވޭ" އެއް ކަނޑުމަތީގައި އޮންނާނެ އެވެ. އެފަދަ ފެރީ ނިޒާމެއް ވެގެންދާނީ ދަތުރު ކުރާއިރު ކަނޑުގެ ރާޅުން ދައްޗެއް ނުވާނެ ގޮތަށް ފަރުމާ ކޮށްފައިވާ ފްލީޓެއް އޮންނަ ނިޒާމަކަށެވެ. 

"މިތަނަށް އަދި ޓްރާންސްޕޯޓްގެ ގޮތުން ބަލާއިރުގައި، އެއް ކަމަކަށް، މާލެއާއި މިތަނާ ދޭތެރޭގައި، މި ރަސްމާލެއާ ދޭތެރޭގައި މިހާރު [ދުނިޔޭގައި] ބޭނުންކުރާ ޒަމާނީ އެކްސްޕްރެސް ޓްރާންސްޕޯޓް ސިސްޓަމް އެބަހުރި. ކަނޑުގެ ރޯޅި، ނޫނީވިއްޔާ އޮއިގައި، ނޫނީވިއްޔާ ރާޅުގައި އެހާ ބޮޑަށް އުނދަގޫނުވާ ކަހަލަ، ދުއްވޭ ކަހަލަ ލޯންޗް ފަހަރު، ފެރީ ނިޒާމު އެބަހުރި ދުނިޔޭގައި. އެކަހަލަ ހައި ސްޕީޑް ނިޒާމު ގެނައުމަށް އަޅުގަނޑުމެން ނިންމާފައިވޭ." ރައީސް ވިދާޅުވި އެވެ. "އޭގެ އިތުރަށް، މިތާ ކައިރިން އެންމެ ކައިރީގައި އޮތް ފަޅުގައި، ގަސްތު ކުރަން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް އުނދަގޫ ނުވާނެ ގޮތަކަށް، އިތުރު އެއާ ސްޓްރިޕެއް ވެސް ގާއިމު ކުރަން. އެތަނުން ރަސްމާލެއަށް ވަރަށް ކައިރި ކަނޑުއޮޅިއެއް އޮންނަނީ. ކުޑަކުޑަ ކަނޑުއޮޅިއެއް. ގުޅުވާލާނަން. ގުޅުވާލީމާ އެގޮތުން ވެސް އެ ގުޅިގެންދިޔައީ" 

ހޮޕާ ޑްރެޖްރުގެ ހޮޅި އާއި ރަސްމިއްޔާތަށް ތައްޔާރުކޮށްފައިވާ ބާޖް

ދިވެހިންގެ އިކޯ ސިޓީ: ރަސްމާލޭގެ ސޫރަ

  • 1.ރަސްމާލެއަކީ 20 އަހަރުގެ ޕްލޭނެއް ހިމެނޭ ސިޓީއެއް
  • 2.ހުޅުމާލޭގެ ދެ ފޭސްއަށް ވުރެ ތިން ގުނަ ބޮޑު ސިޓީއެއް
  • 3.މި މަޝްރޫއަށް 1280 ހެކްޓަރުގެ ބިން ހިއްކާނެ
  • 4.އަށް މަސް ތެރޭ ބިން ހިއްކާ ނިމޭނެ
  • 5.އެ ސިޓީ ތަރައްގީ ކުރަނީ މާލެ ނުގޮސް ފަރުޖެހޭ ފެންވަރުގައިު
  • 6.އެންމެ ޒަމާނީ ހައި ސްޕީޑް ފުރިހަމަ ފެރީ ނިޒާމެއް އޮންނާނެ
  • 7.އާ ސިޓީ ހަދަނީ ރައީސް މުއިއްޒުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން
  • 8.ހައުސިން ސިނާއަތަށް އިންގިލާބީ އަދި ތާރީހީ ބޮޑު ކުރި އެރުމެއް ލިބޭނެ
  • 9.ރަސް މާލެ ބްރޭންޑް ކުރަނީ އިކޯ ސިޓީއެއްގެ ގޮތުގައި
  • 10.މުޅި ސިޓީ އޮންނާނީ ތިމާވެއްޓާ ރަހުމަތްތެރިކޮށް
  • 11.ރަސްމާލެއާ ކައިރީން ފަޅެއްގައި އެއާ ސްޓްެރިޕެއް
  • 12.ރަށް ތަރައްގީ ކުރަނީ ސޭފް އައިލެންޑެއްގެ ގޮތުގައި
  • 13.އެއްފަހަރާ 65،000 ރައްޔިތުންނަށް ބޯހިޔާވަހިކަން
  • 14.މި ސިޓީގައި 1600 އަކަފޫޓްގެ 11،000 ގޯއްޗާއި 1400 އަކަފޫޓްގެ 20،000 ފްލެޓް
  • 15.ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލް ހިމެނޭނެ
  • 16.ގެސްޓްހައުސް އާއި ޓޫރިޒަމަށް ހާއްސަ ވަކި ދެ ރަށެއް އެ ފަޅުގައި ތަރައްގީކުރާނެ
  • 17.ވިޔަފާރި އަދި ކުޅިވަރަށް ހާއްސަ ސަރަހައްދެއް ތަރައްގީ ކުރާނެ
ރައީސް ޑރ. މުހައްމަދު މުއިއްޒު ފުށި ދިއްގަރު ފަޅުތެރެއަށް ބަލަހައްޓަވައިގެން

ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް އަބަދާއަބަދު ވިދާޅުވާ ރައީސް މުއިއްޒުގެ ސަރުކާރުގެ ރަސްމާލެ މަޝްރޫއުގެ ގިނަ މައުލޫމާތެއް މަޝްރޫއާ ހަވާލު އޮވެ އޮތް އާބަންކޯއިން އަދިއަކު ހާމަ ކޮށްފައެއް ނެތެވެ. އެކަމަކު ބިން ހިއްކާން ފެށި އިރު ފުށިދިއްގަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭން ހަދައި އެތަނުގެ އީއައިއޭގެ މަސައްކަތް ވެސް ފުރިހަމަ ކޮށްފައި ވެއެވެ. 

ތަފުސީލަކަށް އަދި ހަމަ އެކަނި އެނގެނީ އިއްޔެގެ ތަގުރީރުގައި ރައީސް ވިދާޅުވީ ވާހަކަތަކެއްގައި އޮތް މިންވަރެކެވެ. ރައީސްގެ އެ ވާހަކަފުޅުން ވަރަށް ބޮޑު އުންމީދެއް ލިބެ އެވެ. ނަފުސަށް ހީނލެވޭ ވަރު ވެއެވެ. 

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ރަސްމާލެއަކީ މޫސުމަށް އަންނަ ބަދަލުތަކާއި ރަށް ގިރުމުން ސަލާމަތް ކުރެވޭ ގޮތަށް މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރު އުސްމިނަށް ހަދާ ރަށެކެވެ. އޭގެ މާނައަކީ ހުޅުމާލެ އަށްވުރެ އިތުރު 0.5 މީޓަރު އުސްކޮށް ހިއްކާނެ އެވެ. 

މިގޮތަށް ރަސްމާލެ ތަރައްގީ ކުރަނީ ކްލައިމެޓް އެޑެޕްޓޭޝަންގަ އެވެ. ސިޓީގެ އިންފްރާސްޓްރަކްޗާ ގާއިމު ކުރާނީ ވެސް ޕްލޭން ކުރާނީ ވެސް ފެހިކަން ގަދަ، ވަރަށް ހިތްގައިމު މާހައުލެއް ލިބިގެންދާ ގޮތަށެވެ. އޭރަށް އެއީ ޒީރޯ ކާބަން، ސޭފް އައިލެންޑް ކޮންސެޕްޓަށް މުޅީން ފެތޭނެ އެވެ. ރަސްމާލެ ސިޓީ ތަރައްގީ ކުރަނީ، ސޭފް އައިލެންޑެއްގެ ގޮތުގައި އިންޓަނޭޝަނަލް މިންގަނޑުން ކަނޑައެޅޭ މިންވަރުގަ އެވެ.

"އަޅުގަނޑު މި ގަސްތު ކުރަނީ އިރާދަ ކުރެއްވިއްޔާ، މިތާނގައި ގާއިމު ވެގެންދާ ސިޓީއަކީ، ޒީރޯ ކާބަން ސިޓީއަކަށް ހެދުމަށް. މާނައަކީ މިތާ ދުއްވާ އުޅަނދުފަހަރު ވެސް ތިމާވެއްޓާ ރައްޓެހި ފިއުލް ބޭނުން ކުރާނީ. ނޫނީ އެގޮތަށް ދުއްވާނީ. އިލެކްޓްރިކް ނިޒާމު، ނޫނީވިއްޔާ ބެޓެރީ ނިޒާމެއް. މިތަނުގައި ހުންނަ ހުރިހާ ފެސިލިޓީޒެއް، ގެދޮރާ، ހުރިހާ ކަމެއްގައި ރިނިއުބަލް އެނާޖީގެ އެކިއެކި ވަސީލަތްތައް ބޭނުން ކޮށްގެން، މުޅި ސިޓީ އަޅުގަނޑުމެން ހިންގާނީ... ފެހި، އެންވަޔަރަންމަންޓަލް ފްރެންޑްލީ، އިކޯ ސިޓީއަކަށް މިތަން ހަދާނީ. މިތަން ވާނީ އިންޓަނޭޝަނަލީ ބްރޭންޑް ކުރެވިގެން ދާއިރުގައި، އިރާދަ ކުރެއްވިއްޔާ މިތަން އަޅުގަނޑުމެން ކަނޑައަޅާނީ މޯލްޑިވްސް އިކޯ ސިޓީގެ ގޮތުގައި." ރައީސް ވިދާޅުވި އެވެ.

އަދި ރަސްމާލެއަކީ މުޖުތަމައުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަކަށް ފަސޭހައިން އުޅެވޭނެ ތަނެކެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ރަސްމާލޭގެ ކޮންމެ ތަނަކަށް ފަސޭހަ ކަމާއެކީ ދެވޭ ގޮތަށް ޑިޒައިން ކުރާނެ އެވެ.

"މަގު ވިޔަސް، ޢާންމު މައިދާންތައް ވިޔަސް، އިމާރާތްތައް ވިޔަސް، ތަރައްގީ ކުރެވޭނީ އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަ ކަމާއެކީގައި، އުފަލާއެކީގައި، ޝާމިލްވެ އުޅެވޭގޮތަށް،" ރައީސް ވދާޅުވި އެވެ.

  •  މެދަށް ތިން މީޓަރު އުސްމިން
  •  އަރިމައްޗަށް ގާތްގަނޑަކަށް ދެ މީޓަރު އުސްމިން ހުންނާނެ
  •  މުޅި ރަސްމާލޭގައި ބޭނުންކުރާނީ އުއާދަކުރަނިވި ހަކަތަ
  •  ހުރިހާ ވަސީލަތެއް ތިމާވެއްޓާއި ރަހުމަތްތެރިވާނެ
  •  މުޅި ސިޓީއަކީ ފެހިކަން ގަދަ، ހިތްގައިމު މާހައުލެއް
  •  ރަސްމާލޭގައި ނުކުޅެދޭ މީހުނަށް ފަސޭހަ ކަމާއެކު ހުރިހާ ތަނަކަށް ދެވޭނެ

ރަސްމާލެ ވާނީ ދިވެހިންނަށް ދަތިވެފައި އޮތް ގެދޮރުގެ "ޓޯޓަލް ސޮލިއުޝަން" ލިބޭ ފުރިހަމަ މަންޒިލަކަށެވެ. ވަޒީފާގެ މަންޒިލަކަށް، ވިޔަފާރިއާއި އާމްދަނީގެ ފުރުސަތުތައް ލިބޭ އިންކްލޫސިވް ޑިވެލޮޕްމަންޓަކަށެވެ. ހުރިހާ ފަރާތްތަކަކަށް ފަސޭހައިން އުޅެވޭނެ ނޭވާ ހައްޓަށް ފެތޭނެ ރަށަކަށެވެ.

" ހުރިހާ ގޮތަކުން ވެސް އިންކްލޫސިވް ސިޓީއަކަށް، މޮޑެލް ސިޓީއަކަށް އަޅުގަނޑުމެން މިތަން ހަދާނަން،" ރައީސް ވިދާޅުވި އެވެ. 

މާލެ ސަރަހައްދުން ގުޅިފަޅާއި ގިރާވަރު ފަޅުން މިހާރު ވެސް ބިން ހިއްކާފައި ވެއެވެ. އެކަމަކު ރައީސް މުއިއްޒު ނިންމަވާފައި ވަނީ ގުޅިފަޅުގައި އިތުރަށް 85 ހެކްޓަރު ބިން ހިއްކާށެވެ. އަދި ގިރާވަރު ފަޅުން ވެސް އިތުރަށް 50 ހެކްޓަރު ހިއްކާށެވެ. އޭރަށް ހުޅުމާލެއާ ރަސްމާލެއާ ގުޅިފަޅާއި ގިރާވަރު ފަޅު ހާރަކަށް ވާނެހެން ގުޅުވާލެވޭނެ އެވެ. އެ ގެތުން ނިމޭއިރު އެ ހުރިހާ ތަނެއް ވެގެންދާނީ، މާލޭ ސަރަހައްދުގެ ގެދޮރުގެ މައްސަލައަށް ބޮޑު ހައްލެއް ގެނެސްދޭ ސަހަރުތަކަށެވެ. މާލެ ސަރަޙައްދުގެ ތޮއްޖެހުމާއި، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލު ކުރަން ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުދޭނެ އެވެ. 

ރަސްމާލޭގެ 1153 ހެކްޓަރުގެ ބިމާއެކު އެއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫ އެވެ. އަދި މުޅި އެ މަޝްރޫއު ނިމިގެން ދާއިރު ގޯއްޗާއި ފްލެޓް ހިމެނޭގޮތަށް 65,000 ހައުސިން ޔުނިޓް ތަރައްގީ ކުރާނެ އެވެ.

ތާރީހީ ރަސްމިއްޔާތު ނިމިއްޖެ އެވެ؛  ކޮންނަ ބޯޓުގެ ވެލިހޮޅީގެ ޕްރެޝަރު ގަދަވަމުން ވެލީގެ ނަގުލަކަށް ބަދަލުވެފައި ހުއްޓެވެ. އެ މަންޒަރު ބަލާން ތިބެފައި ގަޑީން ފަހެއްޖައި އެކާވީހުގައި މާލެއަށް ދަތުރު ފަށައި އަހަރެންގެ ދަތުރު ނޯޓު ލިޔެ ނިންމާލައިފީމެވެ. މިހައިރު އުޑުމަތީން ހުދު ވިލާތައް ކެހެމުން ގޮސް މަޑު ރަތްކުލައެއްގައި އިރު އޮއްސޭ ދަޅަ ޖައްސާލައިފި އެވެ.
އިރެއް ނުނަގައި ތާރީހީ ދުވަހުގެ ތާރީހީ ދަތުރަށް ފަހު މާލޭގެ ބޮޑު ފާލަމަށް ފައިބަމުން އަހުރެން ކައިރީގައި ކުޑަކުޑަ ނޫސްވެރިޔާ އެ އުމުރުގެ އެހެން ނޫސްވެރިއެއް ގާތުގައި ބުނަމުން ދިޔައެވެ. މިހައިރު ރައީސް އެވިދާޅުވި ގޮތުން މާލެއާ ގުޅޭ ބްރިޖެއް ނެތަސް ފަސޭހައިން ދަތުރު ކުރެވޭ ހައިސްޕީޑް އެކްސްޕްރެސް އޮވެފައި އެ ފެންވަރުގެ ޒަމާނީ ސިޓީއެއް ވިއްޔާ ދާންވީ އެވެ. 

ފަސް މަންޒަރު

ރައީސް މުއިއްޒު މި މަސައްކަތް ފެއްޓެވި އިރު އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި އެ މަނިކުފާނުގެ ސަރުކާރުން ރަސްމާލެ ޕްރޮޖެކްޓަށް 400 މިލިއަން ރުފިޔާ ޖެހި އެވެ. ނަމަވެސް ދައުލަތުގެ ބަޖެޓުން އެ މަޝްރޫއުއަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ފުރުސަތެއް ނުދިނެވެ. އެ 400 މިލިއަން ރުފިޔާ އެމްޑީޕީ ސަރުކާރުން ފެށި ގިރާވަރު، ގުޅިފަޅު އަދި ހުޅުމާލެއިން ގޯދި ދޭ ސަރަހައްދުގައި ވަސީލަތްތައް ގާއިމުކުރަން 200 މިލިއަން ރުފިޔާ ބަދަލު ކުރީ އެވެ. އަނެއް 200 މިލިއަން ރުފިޔާ ވަނީ އެކި މަޝްރޫއުތަކަށް ބަހާލައިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.