ސިޓީ ރަސްމާލެ: ފުށިދިއްގަރުފަޅު ހިއްކަން ފަށައި ތާރީހު ވެލި މުށް އޮއްސާލައިފި

މީގެ ކުރީން މިފަދަ ބިޔަ މަޝްރޫއަކީ މީގެ 26 އަހަރު ކުރިން އޮކްޓޯބަރު 16، 1997 ގައި ހުޅުލޭ ފަޅުން ބިން ހިއްކަން ފަށައި ބޮޑު ހުޅުމާލޭގެ އުފެދުމުގެ މަޝްރޫ އެވެ.

ފުށިދިއްގަރުފަޅު ހިއްކައި އެތާނގައި ދިވެހިންގެ އާ ޒަމާނުގެ ސިޓީ/ "ރަސްމާލެ" ޑިވެލޮޕް ކުރުމުގެ މަސައްކަތް ފެށުން -- މި

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެން ގައުމާ މުހާތަބު ކުރައްވާ ވިދާޅުވަމުން ގެންދެވި އެވެ: "އިރާދަކުރެއްވިއްޔާ، ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަންޒަމާނެއް ދިވެހީންނަށް ގެނެސްދޭނީ، މި ފެށުނު ރިޔާސީ އާ ދައުރުގައި. އުތުރުތިލަފަޅުން ފެށިގެން ފުށިދިއްގަރު ފަޅާ ހަމައަށް، އެންމެ ޒަމާނީ އިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަތުރާލާނީ ތިޔަބޭފުޅުންގެ މި އާ ސަރުކާރުން. އެކަމުގެ ކަރުދާހީ ގިނަ މަސައްކަތެއް ހުރީ ލިޔެ، ހުރިހާ ކަމެއް ނިމިފައި. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް، ޒަމާނީ އާ ސަހަރުތަކެއްގެ ޒީނަތްތެރި މަލަތައް، ދިވެހި ފަޅުފަޅުން އުފުލިލާނެ" 

ރައީސް މުއިއްޒުގެ އެންމެ ބޮޑު ވައުދަކީ ބޯހިޔާވަހިކަމުގެ މައްސަލަ އެކަށް ހައްލުކޮށް ދެއްވުމެވެ. އެންމެ ބޮޑު ފޯކަސް އެ މަސައްކަތަށް ބޭއްވުމެވެ. މާލޭގެ ދެކުނުން 16 ކިލޯމީޓަރު ދުރުގައިވާ ފުށިދިއްގަރުފަޅު ހިއްކައި އެތާނގައި ދިވެހިންގެ އާ ޒަމާނުގެ ސިޓީ/ "ރަސްމާލެ" ޑިވެލޮޕް ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެއް އަދި އެ މަނިކުފާނުގެ "ޑްރީމް ޕްރޮޖެކްޓެ" ކެވެ. 

އެ މަނިކުފާނުގެ ސަރުކާރު އުފެދުމާ ހަމައިން އެންމެ ސަމާލުކަން އޮތް ބޮޑު ޕްރޮޖެކްޓަކީ ވެސް ފުށިދިއްގަރުފަޅެވެ. ސަރުކާރަށް އިއްޔެ ވަނީ އެ މަސް ފުރުނު ތާރީހު ޖަހާފަ އެވެ. ފުށިދިއްގަރު ފަޅު، "ރަސްމާލެ" އަކީ 20 އަހަރުގެ ޕްލޭނެއް ހިމެނޭ ސިޓީއެކެވެ. "ރަސްމާލެ" އަކީ ވެރިރަށް މާލެއާ ބްރިޖަކުން ގުޅާލެވޭ ވަރަށް ވުރެ ދުރުގައި ހަދާ ސިޓީއެކެވެ. އެކަަމު އެ ސިޓީ ތަރައްގީ ކުރާނީ މާލެ ނައިސް ވާނެ މިންވަރަށް ތަރައްގީކޮށްގެނެވެ.

ފުށިދިއްގަރުފަޅު ހިއްކައި އެތާނގައި ދިވެހިންގެ އާ ޒަމާނުގެ ސިޓީ/ "ރަސްމާލެ" ޑިވެލޮޕް ކުރުމުގެ މަސައްކަތް ފެށުން -- މި
  •  ފުށިދިއްގަރު ފަޅު، "ނޫ މުތީ" އަކީ 20 އަހަރުގެ ޕްލޭނެއް ހިމެނޭ ސިޓީއެއް
  •  "ނޫމުތީ" އަކީ ވެރިރަށް މާލެއާ ބްރިޖަކުން ގުޅާލެވޭ ވަރަށް ވުރެ ދުރުގައި ހަދާ ސިޓީއެއް
  •  އެ ސިޓީ ތަރައްގީ ކުރަނީ މާލެ ނައިސް ވާނެ މިންވަރަށް ތަރައްގީކޮށްގެން
  •  އާ ސިޓީ ހަދަނީ ރައީސް މުއިއްޒުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން
  •  ހައުސިން ސިނާއަތަށް އިންގިލާބީ އަދި ތާރީހީ ބޮޑު ކުރި އެރުމެއް ލިބޭނެ

ފުށިދިއްގަރު ފަޅުން ބިން ހިއްކުމުގެ ތާރީހީ މަސައްކަތް ފަށައި ތާރީހުގެ ތެރެއަށް މިއަދު އެވަނީ ރައީސް މުއިއްޒުގެ ސަރުކާރު ވަދެފަ އެވެ. ފުށިދިއްގަރު ފަޅަކީ ރައީސް މުއިއްޒުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން އެންމެ އިސްކަމެއް ދީގެން ތަރައްގީ ކުރަން ނިންމާފައިވާ ސިޓީ އެވެ. މި ވެރިކަމުގެ ފުރަތަމަ 100 ދުވަހު އެ ފަޅު ހިއްކުމުގެ މަސައްކަތް ފަށަން އޮތީ ހިމަނައިފަ އެވެ.

ފުށިދިއްގަރު ފަޅުގެ ސިޓީ، "ރަސްމާލެ" މަޝްރޫއަކީ ރާއްޖޭގެ އިގްތިސޯދުގެ މޫނުމަތި ބަދަލުކޮށްލާނެ ބިޔަ ބޮޑު މަޝްރޫއަކަށެވެ. މި މަޝްރޫއުގެ ސަަބަބުން ރާއްޖޭގެ ހައުސިން ސިނާއަތަށް އިންގިލާބީ އަދި ތާރީހީ ބޮޑު ކުރި އެރުމެއް ލިބޭނެ އެވެ.

މިއަދު މަޝްރޫއު ފެށި އިރު ބިޔަ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަވަށްޓެރި ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ އެވެ. މަސައްކަތް ފެށި އިރު ފުށިދިއްގަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭން ހަދައި އެތަނުގެ އީއައިއޭގެ މަސައްކަތް ވެސް ކޮށްފައި ވެއެވެ. 

މި މަސައްކަތް ފެށި އިރު އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި ރައީސް މުއިއްޒުގެ ސަރުކާރުން ފުށިދިއްގަރުފަޅު މަޝްރޫއަށް 400 މިލިއަން ރުފިޔާ ހިމެނި އެވެ. ނަމަވެސް ދައުލަތުގެ ބަޖެޓުން އެ މަޝްރޫއުއަށް ފުރުސަތު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ނުދިނުމުން ފުށިދިއްގަރުފަޅު ހިއްކަން މިފެށީ އާބަންކޯ އާއި ސީއެމްސީ ކުންފުންޏާ ދެމެދު މިދިއަ ހަފުތާގައި އެއްބަސްވުމެއްގައި ސޮއި އަޅައިގެނެވެ. 

އޭގެ ކުރިޔަށް ކ. ގުޅީގެ އިހްތިސޯސުގެ ތެރޭ ކުރިން އޮތް ފުށިދިއްގަރުފަޅު އެ ރަށުގެ އިހްތިސޯސުން ވެސް ވަނީ މިދިއަ ހަފުތާގެ ތެރޭގައި އުނިކޮށްފަ އެވެ.  ނަމަވެސް އެކަން ހިނގި އިރު މަޝްރޫއަށް ބަޖެޓްގައި ޖެހި 400 މިލިއަން ރުފިޔާ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ބައިބަޔަށް އަޅާލި އެވެ. އެ ގޮތުން އެމްޑީޕީ ސަރުކާރުން ފެށި ގިރާވަރު، ގުޅިފަޅު އަދި ހުޅުމާލެއިން ގޯދި ދޭ ސަރަހައްދުގައި ވަސީލަތްތައް ގާއިމުކުރަން 200 މިލިއަން ރުފިޔާ ބަދަލު ކުރީ އެވެ. އަދި އަނެއް 200 މިލިއަން ރުފިޔާ ވަނީ އެކި މަޝްރޫއުތަކަށް ބަހާލައިފަ އެވެ.

ލަންކާގެ ސީއެމްސީ ކުންފުންޏަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި ހުޅުމާލޭ ހުޅަނގު ފަޅާއި ދިޔަނެރު ފަޅު އަދި ތިލަފުށިން އިތުރު ބައެއް ހިއްކުން ހިމެނޭ މަޝްރޫއުގެ ވެސް ކުރިޔަށް ގެންދާ ކޮންޓްރެކްޓަރެވެ. 

ފުށިދިއްގަރު ފަޅު: މިއަދު ވަނީ ފަޅުން ބިން ހިއްކަން ފަށާފައި

ފުށިދިއްގަރުފަޅު، ނޫމުތީ މަޝްރޫއު

  •  ފުށިދިއްގަރުފަޅުން 1،280 ހެކްޓަރު ބިން ހިއްކާނެ
  •  ހުޅުމާލޭގެ ދެ ފޭސްއަށް ވުރެ ތިން ގުނަ ބޮޑު ސަރަހައްދެއް
  •  "ނޫމުތީ" ތަރައްގީ ކުރަނީ މޫސުމީ ގެއްލުންތައް ކުޑަވާނޭ ގޮތަށް ތިން މީޓަރަށް ވުރެ އުސްކޮށް
  •  އެ ސިޓީގައި އެކަނި 31،500 ހައުސިން ޔުނިޓް އެޅުމަށް ވަނީ ރާވާފައި
  •  ޔޮޓް މެރީނާ އާއި ކްރޫޒް ޓާމިނަލް ހިމެނޭނެ
  •  ގެސްޓްހައުސް އާއި ޓޫރިޒަމަށް ހާއްސަ ވަކި ދެ ރަށެއް އެ ފަޅުގައި ތަރައްގީކުރާނެ
  •  ވިޔަފާރި އަދި ކުޅިވަރަށް ހާއްސަ ސަރަހައްދެއް ތަރައްގީ ކުރާނެ

ފުށިއްދިގަރުފަޅު މަޝްރޫއު ހިމެނޭހެން، މިދިޔަ ސަރުކާރުން ފަށާފައިވާ ގިރާވަރު އަދި ގުޅިފަޅު މަޝްރޫއު ހިމަނައިގެން 65،000 ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން ރައީސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ. ފުށިދިއްގަރު ފަޅުން އުފައްދާ ސިޓީ، "ރަސްމާލެ" ގައި 1600 އަކަފޫޓްގެ 11،000 ގޯއްޗާއި 1400 އަކަފޫޓްގެ 20،000 ފްލެޓް އަޅަ އެވެ. 

މީގެ ކުރީން މިފަދަ ބިޔަ މަޝްރޫއަކީ މީގެ 26 އަހަރު ކުރިން އޮކްޓޯބަރު 16، 1997 ގައި ހުޅުލޭ ފަޅުން ބިން ހިއްކަން ފަށައި  ބޮޑު ހުޅުމާލޭގެ އުފެދުމުގެ މަޝްރޫ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.