ރާއްޖޭގެ ކުރިމަގު ރޭވުމަށް ވަރަށް މުހިންމު މައުލޫމާތުތަކެއް ކަމަށާ، ބޯހިމެނުމުގައި އެއްކުރެވޭ މައުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކާ އިޖުތިމާއީ ހުރިހާ ބޮޑެތި މައްސަލަތައް ފާހަގަވުމުގެ އިތުރުން އެކަންތައްތައް ހައްލުކުރުމަށް ވަރަށް ބޮޑަށް ފަސޭހައެއް ވެގެންދާނެ ކަމަށެވެ.
މުޅި ރާއްޖޭގައި މިއަދު ފެށި ބޯހިމެނުގެ ބޮޑު މަސައްކަތުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.
ބޯހިމެނުމުގެ މަސައްކަތް ފައްޓަވައި ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ބޯހިމެނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަދު އެފަށްޓަވަނީ ބުރަ އަދި މުހިންމު މަސައްކަތްތަކެއް ކަމަށެވެ. އަދި މި އެ މަސައްކަތަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް ރައީސް އެދިވަޑައިގެންނެފި އެވެ.
ރައީސް ވިދާޅުވި މި މަސައްކަތަކީ ރާއްޖޭގެ ކުރިމަގު ރޭވުމަށް ވަރަށް މުހިންމު މައުލޫމާތުތަކެއް ކަމަށާ، ބޯހިމެނުމުގައި އެއްކުރެވޭ މައުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކާ އިޖުތިމާއީ ހުރިހާ ބޮޑެތި މައްސަލަތައް ފާހަގަވުމުގެ އިތުރުން އެކަންތައްތައް ހައްލުކުރުމަށް ވަރަށް ބޮޑަށް ފަސޭހައެއް ވެގެންދާނެ ކަމަށެވެ.
ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފައިވަނީ މީގެ އަށް އަހަރު ކުރިން 2014 ވަނަ އަހަރު އެވެ. އޭރުގެ ނަތީޖާ ދައްކާ ގޮތުން ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 402،071 އެވެ. ނަމަވެސް ސްޓެޓިކްސްގެ އެންމެ ފަހުގެ ލަފާ ކުރުމުގެ މައްޗަށް އެކުލަވާލި ތަފާސްހިސާބު ދައްކާ ގޮތުން މިއަހަރު ނިމޭއިރު 579،330 މީހުން ދިރިއުޅޭ އެވެ. ރާއްޖޭގައި ދިރިއުޅޭ އާބާދީގެ ތެރެއިން 45 ޕަސަންޓަކީ ޒުވާނުންނެވެ. ޒުވާނުންގެ އާބާދީގައި ދިވެހި ޒުވާނުންގެ ޕަސެންޓަކީ 47 އެވެ. ބިދޭސީ ޒުވާނުންގެ ޕަސެންޓަކީ 53 އެވެ. ރާއްޖޭގައި ހަރަކާތްތެރިވާ ބިދޭސީންގެ އެކަށީގެންވާ މައުލޫމާތު އެއްކުރެވެމުން ނުދެ އެވެ. ނަމަވެސް އަންދާޒާ ކުރެވޭ ގޮތުގައި 200،000 ބިދޭސީން މިހާރު އުޅޭނެ އެވެ.
ރާއްޖޭގައި ކުރިން ވެސް އެކި ސިފަ ސިފައިގައި ބޯހިމަނަ އެވެ. އެކަމަކު ރަސްމީ ސިފައެއްގައި ފުރަތަމަ ރާއްޖޭގައި ބޯހިމަނާފައިވަނީ 1911 ވަނަ އަހަރުގެ ތެރޭގަ އެވެ.