އަލަށް ހުޅުވި އެފްއެންޑްބީ ދެ އައުޓްލެޓަކީ ގްރޭޕް އެކްސްޕެކްޓޭޝަންސް އާއި އެޗްއެމްއެސްހޯސްޓް، އިން ހުޅުވި ދެ އައުޓްލެޓެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އިންޓނޭޝަނަލް ޓާމިނަލް ގައި ފުޑް އެންޑް ބެވަރޭޖް ދެ އައުޓްލެޓެއް އަލަށް މިއަދު ހުޅުވައިފި އެވެ.
މިއަދު މި ހުޅުވި އެފްއެންޑްބީ ދެ އައުޓްލެޓަކީ ގްރޭޕް އެކްސްޕެކްޓޭޝަންސް އާއި އެޗްއެމްއެސްހޯސްޓް، އިން ހުޅުވި ދެ އައުޓްލެޓެކެވެ.
ވީއައިއޭ ޑިޕާޗާ ޓާމިނަލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ އައުޓްލެޓް ހުޅުއްވައި ދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދާއި ގްރޭޕް އެކްސްޕެކްޓޭޝަންސްގެ އެމްޑީ، އާމިރު މަންސޫރާއި އެޗްއެމްއެސްހޯސްޓްގެ އޮޕަރޭޝަންސް މެނޭޖާ ސްރަވަން ކުމާރު ޕަޓްނައިކް އެވެ.
މި ދެ ކުންފުންޏަކީ 2018 އިން ފެށިގެން އެއާ ޕޯޓުގައި ކެފޭ / ރެސްޓޯރެންޓް ހިންގަމުން އަންނަ ދެ ކުންފުންޏެވެ.
ވީއައިއޭ އިންޓަނޭޝަނަލް ޑިޕާޗާ ފުޑްކޯޓް ގައި މިތަން ހަދަން އެމްއޭސީއެލް އިން ނިންމީ ދަތުރުވެރިންނަށް އިތުރު ބާވަތްތަކާއި ބްރޭންޑްތައް ފޯރު ކޮށްދިނުމުގެ އިތުރުން ދަތުރުވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޯރުކޮށްދޭ ހިދުމަތްތައް ތަރައްގީކޮށް ކުރިއެރުވުމަށެވެ.
އެމްއޭސީއެލް އާއި ގްރޭޕް އެކްސްޕެކްޓޭޝަން އަދި އެޗްއެމްއެސްހޯސްޓް އިން މިއަދު ހުޅުވި އައުޓްލެޓްގެ ތެރޭ ހިމަނައި ގްރޭޕް އެކްސްޕެކްޓޭޝަން އިން ހުޅުވި އައުޓްލެޓަކީ އެ ކުންފުނީގެ އަމިއްލަ ބްރޭންޑެއް ކަމަށްވާ "ދަ ގްރޭޕް" އެވެ. މިއީ އެ ކުންފުނީގެ މިފަދަ ފުރަތަމަ އަމިއްލަ ބްރޭންޑް އައުޓްލެޓެވެ. އެޗްއެމްއެސްހޯސްޓް މޯލްޑިވްސް މިއަދު ރަސްމީކޮށް ހުޅުވީ ކޭއެފްސީ، ކޮސްޓާ ކޮފީ، އަދި ގްރެބް އެންޑް ފްލައި ހިންގާ އައުޓްލެޓެކެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ އިބްރާހިމް ޝަރީފް މިއަދު ވިދާޅުވީ އެ ކުންފުނީގެ އުއްމީދަކީ މިއަދު ހުޅުވި، އައުޓްލެޓުގެ ސަބަބުން ފުރަން އެއާޕޯޓަށް ދާ ޕެސެންޖަރުންނަށް އިތުރު ހިދުމަތްތަކެއް ފަސޭހަ ކަމާއެކު ލިބެމުން ދިއުން ކަމަށެވެ.
"މިތަނުން އަގު ހެޔޮކޮށް އަދި އުފާވެރި ހިނިތުންވުމަކާއެކު ހިދުމަތް ކޮށްދޭނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން. އަޅުގަނޑު އެދެނީ ތިޔަ ބޭފުޅުން ތިޔަ ދެއްވާ ހިދުމަތުގައި ވެސް ކަސްޓަމާ އެކްސްޕީރިއެންސް، ޕެސެންޖާ އެކްސްޕީރިއެންސަކީ ވަރަށް އިސްކަމެއް ދެއްވާ ކަމެއް ކަމުގައި ހެއްދެވުން،" ޝަރީފް ވިދާޅުވި އެވެ.