ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ދެންމެ ބުނީ ދައުވާ އުފުލާފައި ވަނީ މއ.އެރަލްސީ، ހަސަން މަމްދޫހް އާއި ރ.އަލިފުށި، ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށް ކަމަށެވެ.
ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭ ގައި ތަރައްގީ ކުރަމުންދާ ކޭ-ޕާކް ރެޒިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި އޮޅުވާލުމާއި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާ ގައި ދެ މީހެއްގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލައިފި އެވެ.
ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ދެންމެ ބުނީ ދައުވާ އުފުލާފައި ވަނީ މއ.އެރަލްސީ، ހަސަން މަމްދޫހް އާއި ރ.އަލިފުށި، ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށް ކަމަށެވެ. ދެ މީހުންގެ މައްޗަށް ޖުމްލަ 201 ދައުވާ އެއް ވަނީ އުފުލާފައެވެ.
ޕީޖީ އޮފީހުން ބުނީ މި ދައުވާތަކުގެ ތެރެއިން މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނ ގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާތައް ކޮށްފައިވަނީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ %95 ހިއްސާދާރު، ޖިން ޝިހޫގެ ހުއްދަ ނެތި، އޭނާގެ ނަމުގައި ސައްހަ ނޫން ސޮއި ކޮށްފައިވާ ލިޔުންތަކެއް ބޭންކް އޮފް މޯލްޑިވްސްއަ ށް ހުށަހަޅާފައި ވާތީ ކަމަށެވެ.
އަދި ޓެކުމާއި ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާތައް ކޮށްފައިވަނީ ކޭ-ޕާކް ރެޒިޑެންސްގެ ނަމުގައި ހުޅުމާލޭގައި 110 އެޕާޓްމަންޓް ހިމެނޭ ރެޒިޑެންޝަލް ކޮމްޕްލެކްސް އެއް އިމާރާތް ކުރުމަށް ފަށައި މި ޕްރޮޖެކެޓް ހިންގާކަން އާންމުކޮށް އިއުލާނުކޮށް، އާންމުންނަށް މި އެޕާޓްމަންޓްތައް ވިއްކި އިރު އެއް އެޕާޓްމަންޓް އެއް އެކަކަށް ވުރެ ގިނަ މީހުންނަށް ވިއްކާ އެމީހުންގެ އަތުން ފައިސާ ޓަކައި ގަނެފައި ވާތީ ކަމަށެވެ. އަދި އޮޅުވާލުމުގެ ދައުވާ ކޮށްފައި ވަނީ އެއް އެޕާޓްމަންޓް އެއް އެކަކަށް ވުރެ ގިނަ މީހުންނަށް ވިއްކި އިރު އެކަން އެޕާޓްމަންޓް ގަތް މީހުންނަށް އޮޅުވާލާފައިވާތީ ކަމަށެވެ.
މައްސަލައާ ގުޅިގެން މަނީ ލޯންޑްރިން އާއި މަނީ ލޯންޑާ ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ ކޮށްފައި ވަނީ ކޭ-ޕާކް ރެޒިޑެންސްއިން އެޕާޓްމަންޓް ގަތުމަށް ބޭނުންވާ ފަރާތްތަކާއި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ސޮއިކުރާ އެއްބަސްވުންތަކުގައި އެ އެއްބަސްވުންތަކުގެ ދަށުން ފައިސާ ދައްކާނީ ނަގުދު ފައިސާއިން ނުވަތަ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި ބޭންކް އެކައުންޓަށް ކަމަށް ބަޔާންކޮށް، ކޭ-ޕާކް ރެޒިޑެންސްގެ އެއް އެޕާޓްމަންޓް އެކަކަށް ވުރެ ގިނަ މީހުންނަށް ވިއްކައި އެ މީހުންގެ އަތުން އެޕާޓްމަންޓަށާއި ކާރު-ޕާކިން އަށްކަ މަށް ބުނެ ގިނަ އަދަދެއްގެ ފައިސާ އަތުލައި ކޭ-ޕާކް ރެޒިޑެންސްއިން އެޕާޓްމަންޓް ވިއްކާ ކަމަށް ބުނެ އެކި މީހުންނާ އެކު އެއްބަސްވި ގޮތަށް އެކަން ކޮށް ނުދީ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް ގައި ހުޅުވާފައިވާ އެކައުންޓަށް އެކި ފަރާތްތަކުން އެޕާޓްމަންޓް ގަތުމަށް ފޮނުވާފައިވާ ފައިސާ އާއި ގޮތް ނޭނގޭ އެކި ގޮތްގޮތަށާއި ނަގުދު ފައިސާ ޑިޕޮސިޓް ކޮށްގެން އެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއާ އެއްކޮށްގެން އެ އެކައުންޓް ހަސަން މަމްދޫހު ބޭނުން ކުރަމުން އައިސް އެ އެކައުންޓްގައިވާ ފައިސާ އިން ހުޅުމާލޭގައި އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އިން ތަރައްގީ ކޮށްފައިވާ އެފްޑަބްލިއު ރެޒިޑެންސްގެ އެޕާޓްމަންޓް އެއް ގަނެފައި ވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މިހާރު ހުށަހަޅާފައިވާ 201 ދައުވާއާ ގުޅިގެން ގެއްލުން ލިބިފައިވާ މީހުންނަށް ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ވެސް މި ދައުވާތަކުގައި އެދިފައިވާނެ ކަމަށް ވެސް ބުންޏެވެ.
މި ދައުވާތައް ކޮށްފައި ވަނީ ކޭ-ޕާކް ރެޒިޑެންސްގެ ޖުމްލަ 23 އެޕާޓްމަންޓްއެއް ވިއްކާފައިވާ މައްސަލަތަކާއި ގުޅިގެން ކަމަށާ މި 23 އެޕާޓްމަންޓް 50 މީހުންނަ ށްވުރެ ގިނަ މީހުންނަށް ވިއްކާފައިވާ ކަމަށް ވެސް ބުންޏެވެ. މި އެޕާޓްމަންޓްތައް ގަނެފައިވާ މީހުންގެ ތެރެއިން ތަހުގީގު ނިމި ދައުވާ ކޮށްފައިވާ މީހުން މައުލޫމާތު ވެސް ޕީޖީން މިއަދު ވަނީ ހާމަކޮށްފައެވެ.
މިގޮތުން ބައެއް އެޕާޓްމަންޓް ހަ މީހުންނަށްވެސް ވިއްކާފައި ވެއެވެ. އަދި މި ސްކީމްއާ ގުޅިގެން އިތުރު ބައިތައް ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ތަހުގީގު ކުރަމުން ކަމަށާ އެ ބައިތަކުގެ ތަހުގީގު ނިންމައި އެ އޮފީހަށް ހުށަހެޅުމުން އެ ބައިތައް ދިރާސާ ކުރުމަށް ފަހު، މި މައްސަލައި ގައި އިތުރު ދައުވާތައް ކުރުމާމެދު ގޮތް ނިންމާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.