ސިވިލް ސާވިސް ކޮމިޝަނުން ބުނީ ފަސްޓް ލޭޑީ މަސައްކަތް ކުރުމަށް ގާނޫނާއި ގަވައިދުން އެއްވެސް ހުރަހެއް ނެތް ކަމަށް.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު ހެލްތު މިނިސްޓްރީގެ ސިވިލް ސާވިސަސް ވަޒީފާގައި މަސައްކަތް ކުރެއްވުމަށް ގާނޫނާއި ގަވާއިދުން އެއްވެސް ހުރައެއް ނެތް ކަމަށާ، އެ ކަމަނާއާ މެދެ ވެސް އަމަލު ކުރާނީ އާއްމު މުވައްޒަފެއްގެ ގޮތުގައި ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފި އެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި ސިވިލް ސާވިސް ކޮމިޝަނުން މިއަދު މައުލޫމާތު ދެއްވަމުން އެ ކޮމިޝަން ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވި ގޮތުގައި މި މައްސަލައަކީ ރާއްޖޭގައި އަދި މިހާތަނަށް ދިމާވި މައްސަލައެއް ނޫނެވެ. މި މައްސަލާގައި ފަސްޓް ލޭޑީ ސާޖިދާއަށް ހެލްތު މިނިސްޓްރީގައި ކޮންޓްރެކްޓް މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރައްވަން އެއްވެސް ހުރައެއް ނެތެވެ. އަދި އެކަމަނާ ހެލްތު މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދަވާއިރު އަމަލު ކުރައްވާނީ އެހެން މުވައްޒަފެކޭ އެއްގޮތަކަށް ކަމަށެވެ.
"ކޮންފްލިކްޓް އޮފް އިންޓްރެސްޓްއެއް ނޯންނާނެ ކަމަށް ގަބޫލު ކުރެވޭނަމަ އަޅުގަނޑުމެން މިތަނުގައި ތިބޭކަށް ވެސް ނުޖެހޭނެ. އާއްމު އުސޫލުން ބަލާނަމަ އާއްމުން ދެކޭނީ ނުފޫޒުތަކެއް ހުރެދާނެ ކަމަށް. އެކަން އޮތީ އެހެން. އެކަމަށް އެޑްރެސް ކުރަން ގާނޫނީ ގޮތުން ފަރުވާތަކެއް އަންނަން. އަޅުގަނޑުމެންނަށް މުވައްޒަފަކަށް ލިބެން ޖެހޭ ހައްގުތަކެއްގެ ގޮތުގައި ދެކެނީ، ފަސްޓް ލޭޑީ އަކަށް ވުރެ ބޮޑަށް ފުރަތަމަ ވަނީ ސިވިލް ސާވިސް މުވައްޒަފަކަށް. މީގެ ސަބަބުން ކޮންފްލިކްޓް އޮފް އިންޓެސްޓް އަންނަމަ ފިޔަވަޅު އަޅާނަން،" އިބްރާހިމް ވިދާޅުވި އެވެ.
ކޮމިޝަންގެ މެންބަރު ވިދާޅުވީ މި މައްސަލައަކީ ފުރަތަމަ ދިމާވި މިފަދަ މައްސަލަ ކަމަށާ މައްސަލައެއް ދިމާވެއްޖެނަމަ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާނެ ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު މިސާލު ދައްކަވަމުން ވަނީ އެމެރިކާގެ ފަސްޓް ލޭޑީ ވެސް މި ހާލަތުގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
"ބެސްޓް ޕްރެކްޓިސްއަށް ބަލާނަމަ އެމެރިކާގެ މިސާލުން ބަލާނަމަ [ޖިލް ބައިޑަން ފަސްޓްލޭޑީއަކަށް] ވެވަޑައިގަތުމުގެ ކުރިން މަސައްކަތް ކުރެއްވީ ކުޑަކުދިންނަށް ކިޔައިދެއްވަން އޭގެ ފަހުން ފަސްޓް ލޭޑީއަކަށް ވެވަޑައިގަތުމުން ވެސް އެކަން ދޫނުކުރައްވާ ކުރިއަށް ގެންދަވާ. އެހެންވީމަ އެ ގައުމުގައި އެއީކީ ގާނޫނީ ގޮތުން މަނާ ކަމެއް ނޫން. އެކަމަކު އަޅުގަނޑުމެންގެ މާހައުލާ އެ މާހައުލާ ތަފާތުކަން ވެސް އެނގޭ. އެހެންވެ ސިވިލް ސާވިސް ކޮމިޝަނުން ގާނޫނުން ހުރައެއް ނެތްނަމަ މުވައްޒަފުންނަށް ޓްރީޓް ކުރަން ޖެހެނީ އެއް ހަމައަކުން،" ނާސިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީގެ ފަސްޓް ލޭޑީއަކު ވެސް ހެލްތު މިނިސްޓްރީ ބިލްޑިންގައި ލިބެން ޖެހޭ ސެކިއުޓީއާއެކު މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ ހުރިހާ ވާހަކައަކީ ގާނޫނުގައި ލިޔެވޭނެ އެއްޗެއް ނޫން ކަމަށާ ނަމަވެސް ވަޒީފާގައި އުޅުއްވާ ބޭފުޅުން އެކަމަށް ވިސްނަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ގާނޫނީ ގޮތުން ބްލޮކް ކުރެވޭނެ އެއްވެސް ގޮތެއް ނެތް. އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ ދޭ ކޮންޓްރެކްޓަށް އަމަލު ނުކުރާނަމަ އެއަށް އެޑްރެސް ކުރުން،" ނާސިހު ވިދާޅުވި އެވެ.
ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ސީނިއާ ސައިންޓިފިކް އޮފިސަރެވެ. ޓެކްނިކަލް މުހިއްމު މަސައްކަތްތަކެއް އެތަނުގައި ކުރައްވަމުން ގެންދެވި ސާޖިދާއަކީ ރާއްޖޭގައި އެ ދާއިރާ އިން ކިޔަވާ ވިދާޅުވެ ހުންނެވި ބޭފުޅެކެވެ. އަދި މިއީ ރާއްޖޭގައި މަދުން ދިވެހިން ތިބި އެއް ދާއިރާއެވެ.