މާލޭ ބަހަށް ހަފުތާއެއް: ޕޮޒިޓިވާއި ނެގެޓިވް

ބަހުގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ވައުދެކެވެ. މި ހިދުމަތް ފަށަން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރީ އިލެކްޓްރިކް، ދުން ނާރާ، ތިމާވެއްޓާއި އެއްކީލި ބަހުގެ ހިދުމަތެކެވެ. މި ހިދުމަތް ފަށަން ފުރަތަމަ ހަވާލުވެފައި އޮތީ ކޯލިޝަން ޕާޓްނަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން މިނިސްޓަރުކަން ކުރައްވާ ޓްރާންސްޕޯޓް މިނިސްޓްރީ އަށެވެ. ނަމަވެސް ގައުމުތަކަށް ދަތުރު ކުރެއްވުން ނޫން ކަމެއް ނުކުރައްވާ އެ މިނިސްޓަރަށް އެކަން ނުވީ އެވެ.

މާލޭގެ ޕަބްލިކް ޓްރާންސްޕޯޓްގައި މާލޭގެ ތެރެއަށް ބަސް ދަތުރުތައް ތައާރަފުކޮށް ހަފުތާވެފައިވާއިރު ގިނަ ފަސޭހަތަކާއި ބައެއް ދަތިތައް ވެސް ދިމާވެފައިވޭ -- މި

އެއް ކުއްޖަަކު އޮންނަ އެކަނިވެރި މަންމަ، އައިމިނަތު މުހައްމަދު ހެންވޭރުން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލަށް މިހާތަނަށް ދަރިފުޅު ގެންދިޔައީ ޓެކްސީއެއްގަ އެވެ. ސްކޫލަށް ގެންދާން ދަރިފުޅު ތައްޔާރުކޮށްގެން ކޮންމެ ދުވަހަކު ޓެކްސީއަށް ފޯނު ކުރެ އެވެ. ނޫނީ މަގުމައްޗަށް ނުކުމެ އަތް ހޫރައިގެން ކާރަކަށް އަރަނީ އެވެ. އެންމެ ފުރަތަމަ ދަރިފުޅު ސްކޫލަށް ވެއްދިއިރު ޓެކްސީގެ އަގަކީ 25ރ. އެވެ. އެކަމަކު މިހާރު އޭނާގެ އަތުން 30ރ. ޓެކްސީ ދަތުރަށް ނަގަ އެވެ. މިހާރު ބަދަލެއް އަތުވެއްޖެ އެވެ؛ މާލޭގެ ޕަބްލިކް ޓްރާންސްޕޯޓްގައި ރަށުގެ އެތެރެއަށް ބަހުގެ ހިދުމަތް ފެށުމާއެކު އައިމިނަތަށް ކުރީން އޮތް ތަކުލީފު މުޅީން ފިލައި ހިނގައްޖެ އެވެ. މިހާރު ގޭގެ ކައިރީން ބަސް ސްޓޮޕަކަށް ކުއްޖާ ތައްޔާރުކޮށްލައިގެން ގޮސް މަޑުކޮށްލުން ނޫންކަމެއް ކުރާކަށް ނުޖެހެ އެވެ. ގަޑި އަށް ބަސް އާދެ އެވެ. ގަޑިއަށް ދެވެ އެވެ.

"ވިއްސާރަ ވެއްޖިއްޔާ ކާރެއް ނުލިބޭނެ! ފޯނުން ގުޅިއަސް ޓެކްސީ ސެންޓަރުން ފޯނެއް ނުނަގާނެ. އެޕުން ކާރަށް ޖެހިއަސް ބަލައި ވެސް ނުލާނެ. އެކަމަކު މިހާރު ބަސް އައިސް ފަސޭހަ ކޮށްދީފި، ކާރަށް ވިސްނާކަށް ނުޖެހޭ!. ބަސް އަންނާނެ ކަމުގެ ޔަގީންކަން އެބަލިބޭ،" އައިމިނަތު ބުންޏެވެ.

ގޯޅިތަކުން ނޭވާ ނުހިނގާ، ނޭވާއަށް ދަތިވާނެ

ބައިބޯ ވެރިރަށް މާލޭގައި ބަހުގެ ހިދުމަތް ފެށިތާ ހަފުތާއެއް ވެގެންދިޔައިރު އޭގެ ސަބަބުން އެތައް ބަޔަކަށް ފައިދާ ވެގެން އެބަދެ އެވެ. ބަހުގެ "ޕޮޒިޓިވް" ނަތިޖާ ލިބޭ މީހުން ވެސް ގިނަ އެވެ. އަދި އިތުރު ތަކުލީފެއް ތަހައްމަލް ކުރަން ޖެހޭ މީހުން އެބައުޅެ އެވެ. ސަބަބަކީ ކުރިން ވެސް ތަޖުރިބާކާރުން ބުނި ގޮތަށް ބަހުގެ ހިދުމަތް ފެށުމުގެ ކުރިން ކުރަން ޖެހޭ ކަންކަން ނުކޮށް ކުއްލިއަކަށް ބަސް ދުއްވާލުމެވެ. މާލޭން ވެހިކަލް މަދު ކުރެވޭނެ ޕްލޭނެއް ނެތި ޕާކިން މައްސަލަ ހައްލު ކުރަން ޕާކް ކުރެވޭނެ ގޮތެއް ނުހޯދައި މާލޭގެ އެންމެ ބޮޑު މަގު، މަޖީދީމަގު ހުސް ކުރުމުން އެ މަގުގައި ކުރިން ޕާކް ކުރަމުން ދިޔަ އުޅަނދުތައް ކައިރި ކޯޅިތައް ވެއްދުމުން ބޮޑު "ކްރައިިސް" އަކަށް ބަދަލުވެ އެވެ. މިކަން އެންމެ ބޮޑަށް ތަހައްމަލް ކުރާ ބަޔަކީ ކާރު ދުއްވައިގެން އާމްދަނީ ހޯދަމުންދާ ޓެކްސީ ޑްރައިވަރުންނެވެ. މާލޭގައި ހާހެއްހާ ޓެކްސީ ދުއްވާއިރު އެ މީހުންގެ ތެރޭގައި ހަމައެކަނި މިކަން ކޮށްގެން ކައިގެން ބޮއިގެން އާއިލާ ގެންގުޅޭ އްޔިތުން ތަކެއް ވެސް އެބަ ތިއްބެވެ.

އަނެއް މައްސަލަކީ މާލޭގެ ތިމާވެއްޓަށް ކުރިމަތިވާނެ ގޮންޖެހުމެވެ. މާލޭގައި ލައްކައެއްހާ ސައިކަލާއި 6000 އަށްވުރެ ގިނަ ކާރު ދުއްވަ އެވެ. އެ ތަކެތިީގެ ރޯޑްވާދިނަސް އޮތީ ހަމައިން ނައްޓާލާފަ އެވެ. އެހެން އޮއްވާ ތެޔޮ އަންދައިގެން ދުން އަރުވާ ބަސްތަކެއް ގެނެސް ހިދުމަތަށް ނެރުމަކީ ތިމާވެށި ހިމާޔަތް ކުރަން ވައުދުވެ، ދުނިޔޭގެ ޕޯޑިއަމްތަކުގައި ފޮނި ކަނޑާ ސަރުކާރަކުން ހޭވި ހަޑިއެކެވެ. ބަސްތަކުން މިހާރު ދުން ނޭރިނަމަވެސް އަދި ކިތަންމެ ރަނގަޅަށް ބަސްތައް ބެލެހެއްޓި ނަމަވެސް އަހަރެއް ދެ އަހަރެއް ދުވަސް ފަހުން ބަދަލު ވެގެންދާނީ އިހުޒަމާނުގެ ބޯޓުދެލި އަޅައިގެން ދުއްވާ ޒާތުގެ ރޭލަކަށެވެ. ޑީސަލް އަންދާނަމަ އަރާ ދުމެއް ނުހުއްޓުވޭނެ އެވެ

މާލޭގެ ބަސް ރޫޓްތައް އޮތް ގޮތް ދައްކައި ދޭ އިންފޯގްރެފިކްސް -- މި

"ހެނދުނު ގަޑީގައި މަޖީދީމަގު ހުސްކުރުމުން ފަސޭހަ. އެކަމަކު އޮފީސްތައް ހުޅުވައި ސްކޫލްތަކަށް ކުދިން ގެންދަން ފެށީމަ މިހާރު އެއްގޮތަކަށް ވެސް ކާރެއް ނުދުއްވޭ، ބަސް ފެށިފަހުން އާދަޔާ ހިލާފަށް މަގުތައް އޮންނަނީ ފުރިފަ،" ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާގެ ރައީސް އަބްދުﷲ "މި" ނޫހަށް ވިދާޅުވި އެވެ.

އިލެކްޓްރިކް ބަސްތައް ކޮބާ؟

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ވައުދެކެވެ. މި ހިދުމަތް ފަށަން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރީ އިލެކްޓްރިކް، ދުން ނާރާ، ތިމާވެއްޓާއި އެއްކީލި ބަހުގެ ހިދުމަތެކެވެ. މި ހިދުމަތް ފަށަން ފުރަތަމަ ހަވާލުވެފައި އޮތީ ކޯލިޝަން ޕާޓްނަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން މިނިސްޓަރުކަން ކުރައްވާ ޓްރާންސްޕޯޓް މިނިސްޓްރީ އަށެވެ. ނަމަވެސް ގައުމުތަކަށް ދަތުރު ކުރެއްވުން ނޫން ކަމެއް ނުކުރައްވާ އެ މިނިސްޓަރަށް އެކަން ނުވީ އެވެ.

ބަސް ފަށަން މިނިސްޓްރީގެ ބަޖެޓުގައި 16 މިލިއަން ރުފިޔާ ހިމަނާފައި އޮތް ނަމަވެސް މިނިސްޓަރުގެ ބަހަނާއަކަށްވީ މިނީބަސް ފަށަން މިނިސްޓްރީގަ ބަޖެޓު ނެތް ވާހަކަ އެވެ. ބަޖެޓު ހޯދާނެ ގޮތެއް ވެސް ނޭނގުނެވެ. އޭގެފަހުން މިނީބަސް އެނބުރިގެން ދިޔައީ ތިމާވެއްޓާ ބެހޭ މިނިސްޓަރަށެވެ. އެތާނގެ މިނިސްޓަރުން ވެސް އެކަން ކުރެވޭތޯ ބެއްލެވި އެވެ. އެގޮތުން "ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ" ގެ އެހީގައި މާލޭގައި ދުއްވުމަށް އިލެކްޓްރިކް މިނީ ދެ ބަސް ގެނަންނާނެ ކަމަށް މިނިސްޓަރު ޝައުނާ އިއުލާނު ކުރެއްވި އެވެ.

އެކަން ކުރުމަށް އަންހެން ދެ މިނިސްޓަރުން ހިންގަވާ ދެ މިނިސްޓްރީގެ ދެމެދުގައި ސޮއި ވެސް ކުރި އެވެ. އެކަމަކު މިނީބަސް ކުރިއަށް ކަނޑާ ގޮތެއް ނުވި އެވެ. އެހެން އޮވެ އެކަން ކުރީ މި ސަރުކާރުގެ ހުރިހާ މަޝްރޫއެއް ހިންގާ ނަމަވެސް ކްރެޓިޑެއް ނުލިބޭ އެމްޓީސީސީންނެވެ.

އެ ކުންފުނިން މަސައްކަތް ކުރި ނަމަވެސް ކްރެޓިޑް ނަންގަވަނީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ ސީދާ ބެއްލެވުމުގެ ދަށުން ހިދުމަތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ގާއިމް ކުރި ނަމަވެސް ބަހުގެ ހިދުމަތް ފެށިއިރު މުޅިން ކޮންސެޕްޓް އޮތީ ބަދަލުވެފަ އެވެ. ތިމާވެއްޓާއި ރަހުމަތްތެެރިކޮށް ފަށަން ނިންމި ބަސް ގެނދަބުޅި ބުރުއްސާ ޑީސަލް ބަހަކަށް ވަނީ ބަދަލުވެފަ އެވެ.

އާޒިމް ވިދާޅުވި ގޮތުގައި އިލެކްޓްރިކް ބަހުން ހިދުމަތް ނުފެށުނީ ޗާޖިން ޕޮއިންޓްތައް ހަދަން ޖެހުމާއެކު ކުރަން ޖެހޭ އިތުރު ކަންކަމަށް ވަގުތު ބޭނުންވާތީ އެވެ. ނަމަވެސް މިހާރު ހުރި ބަސްތައް އިލެކްޓްރިކް ބަހަށް ބަދަލު ކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.

ބަހުގެ ފުރަތަމަ ދަތުރުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އަދި މޯލްޑިވިއަންގެ އިސް އޮފިޝަލަކު ބައިވެރިވެ ވަޑައިގަންނަވަނީ

ބަހުގެ ހިދުމަތަށް ހަފުތާއެއްވީއިރު ބަހުން ދަތުރު ކުރި މީހުންގެ އަދަދު ވަނީ 20،000 ފަހަނަ އަޅާފަ އެވެ. މާލޭގައި 18 ބަސް ދުއްވާއިރު ބަސް މަޑުކުރާނެ ބަސް ސްޓޮޕްތައް ވަނީ ހަދާފަ އެވެ. ގިނަ ބަސް ސްޓޮޕްތަކުގައި ހުރީ ބޯޑެކެވެ. ހުޅުމާލެ - މާލެ ބަހުގެ ހިދުމަތުގައި މާލެ ކޮޅުގައި ވެސް މިކަން އޮތީ ހަމަ މިގޮތަށެވެ. ބޮޑު ތަކުރާނުމަގުގައ ހެދި އެއްވެސް ބަސް ސްޓޮޕެއްގައި ބޯ ހިޔާ ކޮށްލާނެ ފަދައެއް ނެތެވެ.

މާލޭގެ ޕަބްލިކް ޓްރާންސްޕޯޓްގައި އާރްޓީއެލް ބަހުގެ ހިދުމަތް ފެށި އިރު ތިން ރޫޓަކުން ބަސް އެބަދަ ދަތުރު ކުރެ އެވެ. އެއީ އަމީނީ ރޫޓާއި ސޯސަސް ރޫޓް އަދި އޯކިޑް ރޫޓެވެ. އެއިން ކޮންމެ ރޫޓެއްގައި 40 ބަސް ސްޓޮޕް ހުރެ އެވެ.

މާލޭ މިނީ ބަހުގެ ރޫޓުތައް

  •  އަމީނީ ރޫޓް
  •  ސޯސަން ރޫޓް
  •  އޯކިޓް ރޫޓް
  •  ކޮންމެ ރޫޓެއްގައި 40 ބަސް ސްޓޮޕް
  •  ބަސް ސްޓޮޕެއްގައި 10 މިނެޓާއި 15 މިނެޓް

ޓެކްސީއަށް ނެގެޓިވް ނިޝާން ތަކެއް

އާރްޓީއެލް ބަހުގެ ހިދުމަތަށް ފަހިކޮށް މާލެ ފައްކާ ކުރަންމުންދާއިރު ޓެކްސީ ޑްރައިވަރުން ދަނީ "ފިތެމުން" ނެވެ. ޓެކްސީ ޑްރައިވަރުން ބަހަށް ދަތި ކޮށްފާނެ ކަމަށް ބަލައި ސަރުކާރުގެ ބަސްމަގު ވެސް ވަނީ ހަރުކަށިކޮށްފަ އެވެ. ޓެކްސީ ޑްރައިވަރުންގެ ބަހުންނަމަ ބަސް ދަތުރު ކުރަނީ ކޮންމެ ބަހެއްގެ ފަހަތުގައި ފުލުހެއް ބަހައްޓައިގެނެވެ.

ޓެކްސީ ޑްރައިވަރުންގެ ޖަމިއްޔާގެ ރައީސް ވިދާޅުވި ގޮތުގައި ބަސް ދަތުރުތައް ފެށުމާއެކު މިނިވަންކަމާއެކު ޓެކްސީއަށް ވިޔަފާރި ކޮށްލަން ވެސް މިހާރު ދަތިވެފައިވެ އެވެ.

"މިހާރު އަބަދު ޓެކްސީ ފަހަތުން ފުލުހުން އުޅެނީ. ކިރިޔާ މަޑުކޮށްލިއަށް ފުލުން އައިސް އަވަހަށް ނައްޓާލާ... ނައްޓާލާ ގޮތަކީ. ކޮންމެ މީހަކަށް ވެސް މިނިވަންކަމާއެކު ވިޔަފާރިކޮށް [އާމްދަނީ ހޯދުން] ގާނޫނުގައި އޮވޭ. އެކަމަކު މިހާރު އެކަމެއް ޓެކްސީ ޑްރައިވަރުންނަކަށް ނެތް،" އަބްދުﷲ ވިދާޅުވި އެވެ.

ބަސް ދަތުރުތައް ފެށުމުގެ ސަބަބުން އައި އެންމެ ބޮޑު އެއް ހެޔޮ ބަދަލަކީ ޓެކްސީ ހޯދަން ފަސޭހަ ވުމެވެ. ކުރިން ގިނަ ޓެކްސީ ޑްރައިވަރުން "ޕާޓްޓައިމް" ކަމެއްގެ ގޮތުގައި ޓެކްސީ ކުރި ނަމަވެސް މިހާރު އެ މީހުން ގިނަ ވަގުތު ޓެކްސީގައި އުޅެން ވަނީ ޖެހިފަ އެވެ. މިއީ ވެސް މި ހިދުމަތުން ރައްޔިތުންނަށް ލިބުނު "ޕޮޒިޓިވް" ނަތީޖާއެކެވެ.

ބަހުގެ ހިދުމަތުގެ ސަބަބުން ޓެކްސީ މީހުންގެ ވިޔަފާރި އަށް ކުރާނެ އަސަރު ބުނަން އަދި ތަންކޮޅެއް އަވަހެވެ. މިހާރު ގިނަ ޓެކްސީ ޑްރައިވަރުން ބުނަނީ އެ މީހުންގެ އާމްދަނީ އަށް އަސަރެއް ނުކުރެ އެވެ. ކުރިން ވެސް ހާހެއް ނޫނީ 2000 ރ. ލިބޭ ދަތުރުތައް މިހާރު ވެސް ލިބެ އެވެ. ހަރަދު ކަނޑާފައި 350ރ. އާއި 400ރ، ވަރު ޖީބަށްލާން މިހާރު ވެސް ލިބެ އެވެ.

މާލޭގެ ޓްރެފިކް ޕޮލިހަކު ބްރިޖް ސަރަހައްދުގައި މަގުމަތި ބަހައްޓާއިރު ޓެކްސީއެއް ހުރަސް ކުރަނީ -- ވަން އޮންލައިންގެ ފޮޓޯއެއް

ހަތް ރުފިޔާ ބޮޑު، ރަނގަޅީ ފާހެއް

މާލޭގައި ކިތަންމެ ބައިބޯވެފައި ކޮންކްރީޓް ޖަންގަލިވި ނަމަވެސް މާލެއަކީ މާ ބޮޑުތަނެއް ނޫނެވެ. މާލޭގައި ދޭ ބަސް ދަތުރުތަކަށް ސަރުކާރުން ސަބްސިޑައިޒް ކުރާ އެމްޓީސީސީން ނަގަން ނިންމާފައި ވަނީ ހަތް ރުފިޔާ އެވެ. މާނައަކީ 100 ފޫޓުގެ ދުރުމިން ހުންނަ އެއް ސްޓޮޕުން އަނެއް ސްޓޮޕާ ހަމައަށް ދާން ވެސް ހަތް ރުފިޔާ ނެގުމެވެ.

މިއީ ރަނގަޅު އަގު ހެއްޔެވެ؟ ސަރުކާރުގެ "އޯޕަން ބަޖެޓު" ގައި ދަތުރު ކުރާ ކުންފުންޏަކަށް މާލެ ދަތުރު ފަސް ރުފިޔާއަށް މި ދަތުރު ބަދަލުކޮށްލުން މިއީ ރަނގަޅު ގޮތަކަށް ނުވެދާނެ ހެއްޔެވެ؟

ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަދި މިހާރުވެސް އުޅުއްވާ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި މިހާރު ބަސް ދަތުރުތައް ރޭވިފައި އޮތީ ރައްޔިތު މީހާއަށް ފައިދާވާނެ ގޮތަކަށް ކަމަށް ނުބެލެވެ އެވެ.

"މާލޭގައި އެއް ބަސް ސްޓޮޕުން އަނެއް ސްޓޮޕަށް މިދަނީ ހަތް ރުފިޔާ އަށް. އެކަމަކު ހުޅުމާލެ ފަސޭހައިން ދުއްވާލެވޭ ތަނުގައި ބަހުގަ އެބަދެވޭ ފަސް ރުފިޔާ އަށް... އަނެއްކާ އަވީގައި މީހުން ތިބެން ޖެހެނީ،" އޭނާ ވިދާޅުވި އެވެ.

މިހާރު މި ވަގުތަށް ބަސް ދަތުރު ކުރަނީ ހިލެއެވެ. ނަމަވެސް ދެ ހަފުތާ ފަހުން ޗާޖު ކުރަން ފަށާއިރު، ގިނަ މީހުން ތިބޭ އާއިލާއެއް ބަހުން ދަތުރު ކުރާނަމަ ހަތް ރުފިޔާ ވާނީ ބޮޑު އަދަދަކަށެވެ. ނަމަވެސް އާރްޓީއެލް އިން މިހާރުގެ ބަސްތައް އިލެކްޓްރިކް ބަހަށް ބަދަލު ކޮށްފިނަމަ އަގު ތިރި ކުރުން ގާތެވެ. އެއީ އޭރުން ތެލުގެ އަގުގެ ބޮޑު ހަރަދު އެއްކޮށް ޒީރޯއަށް ތިރިވުމެވެ. ނަމަވެސް މިކަމަށް އަދި އިތުރު ވަގުތު ނެގުން ގާތެވެ. މިއީ މި ހިދުމަތަށް އަންނާނެ އެންމެ "ޕޮޒިޓިވް" ބަދަލަށް ވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.