ފުށިދިއްގަރު ބަޖެޓް އަތުލުން ވާނީ ވަރަށް ގޯސް ފެށުމަކަށް

ރެއެއްގެ ދަންވަރު އެއްވެލާފަ ސަރުކާރުން ފަށަން ހުރި މަޝްރޫއުތަކުގެ ބަޖެޓު މަޖިލީހަށް އަތުލެވޭނެ ހެއްޔެވެ ؟ އަތުލެވޭނަމަ ފިނޭންސް މިނިސްޓަރެއް ހުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

ފުށިދިއްގަރު ފަޅުގައި ތަރައްގީ ކުރާ ސިޓީއަކީ ރާއްޖޭގެ ބޯހިޔާވަހިކަމަށް ބޮޑު ހައްލެއް ގެނެސްދޭނެ ޕްރޮޖެކްޓެއް

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުން ވެރިކަން ދިނީ ރައީސް ދެއްކެވި / ވިއްކެވި މެނިފެސްޓޯ އަށް ބަލައިގެނެވެ. އޭގައި އޮތް އެންމެ ބޮޑުކަމަކީ ފުށިދިއްގަރު ފަޅު ހިއްކައިގެން އެ ތަނުގައި އާ ޒަމާނުގެ ފުރިހަމަ ސިޓީ އެއް ތަރައްގީ ކުރުމެވެ. ދިވެހިންގެ މުސްތަގުބަލާ ގުޅިގެން ދާނެ ރީތި ޒަމާނީ އެ ސިޓީ ވުޖޫދު ކުރުމެވެ. ގިނަ ބަޔަކަށް ބޯހިޔާވަހިކަން ދިނުމެވެ. 

އެ މަޝްރޫއު ފަށަން ސަރުކާރުން ބަޖެޓުކޮށް ތައްޔާރުވަމުން ދަނިކޮށް އެކަމަށް ކަނޑައެޅި 400 މިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގައި ބަޖެޓު ދިރާސާ ކުރުމުގެ މަރުހަލާގައި ކޮމެޓީން ވަނީ "ބަހާލާފަ" ފަ އެވެ. "ކާލާފަ" އެވެ. އެކަން ކުރަމަށްފަހު މި ބަޖެޓުގައި ހުރި ފައިސާ ވަނީ ކުރީގެ ރައީސް ސޯލިހު ދިން ގޯތިތަކުގެ އުމްރާނީ ތަރައްގީގެ ގާއިމް ކުރަން ދީފަ އެވެ. 

މަޖިލީހުން ކުރި މިކަމާހެދި ގިނަ ރައްޔިތުން ތިބީ ރަތަށް އަރާފަ އެވެ. ސަބަބަކީ ގިނަ ބައެއްގެ އުންމީދުތަކާ ގުޅިފައިވާ މަޝްރޫއަށް ކޮމެޓީއަކުން ހުރަސް އެޅުމެވެ. މިހާ ހިސާބުން ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ. މަޖިލީހަށް މިގޮތަށް ސަރުކާރުން ހުށަހަޅާ ބަޖެޓަކަށް ބޭނުން ގޮތެއް ހެދޭނެ ހެއްޔެވެ؟ ބަޖެޓުގެ ކަންކަން ކުރުމަށް މާލިއްޔަތު ގާނޫނުން ހުރިހާ ބާރު އޮންނަނީ މަޖީލީހުގެ ކޮމެޓީއަކަށް ހެއްޔެވެ؟ 

މި ނިންމުމާއެކު މާލީ ދާއިރާގެ މާހިރުން ވެސް ކުރާ ސުވާލަކީމި އެވެ. އެމީހުންގެ މައިގަނޑު ސުވާލަކީ ބަޖެޓު ހުށަހެޅުމުގެ ބާރު ފިނޭންސް މިނިސްޓަރަކަށް ގާނޫން ދީފައި އޮންނައިރު މިގޮތަށް ހުށަހަޅާ ބަޖެޓަށް ބޭނުން ގޮތެއް މަޖިލީހުން ހެދޭނެ ހެއްޔެވެ؟ 

"ސަރުކާރުން ބަޖެޓުގައި އިންވެސްޓްމަންޓެއް ޖަހަނީ އެ އަހަރު ގައުމުގެ މާލީ ހާލަތަށް ބަލާފައި. އިންފްލޭޝަނާއި ޖީޑީޕީ ހުންނާނެ މިންވަރު ފަދަ ކަންކަމަށް ބަލާފައި. އެހެން އޮންނައިރު މިގޮތަށް ބަޖެޓުގައި ހިމަނާ މަަޝްރޫއުތަށް ބަޖެޓު ކޮމެޓީން އަތުލެވޭނަމަ މިވާނީ ވަރަށް ގޯސް ގޮތަކަށް،. މި ބުނެވިދާނެ އެއް ބާރުން އަނެއް ބާރުގެ މައްޗަށް އަތް ގަދަ ކުރަނީ ކަމަށް ވެސް،" ރާއްޖޭގެ މާލީ ދާއިރާގައި މަސައްކަތް ކުރައްވާ އިސް ބޭފުޅަކު ވިދާޅުވި އެވެ. އޭނާގެ ނޫހުގައި ހާމަ ކުރާކަށް ބޭނުންފުޅެއް ނުވި އެވެ.

"ތަރައްގީގެ އެޖެންޑާއަކާއެކު ރައްޔިތުންގެ ގާތަށް ވަޑައިގެން ހާމަކުރާ މެނިފެސްޓޯއެއް ހާސިލުކުރަން ފޮނި އުއްމީދު ތަކަކާއި އެކު ރައްޔިތުން ރައީސް މުއިއްޒު ހޮވީ. އަންނަ އަހަރުގެ ބަޖެޓުން ފުށި ދިއްގަރު ފަޅު ހިއްކުމުގެ ބަޖެޓް އުނި ކޮށްލުމަކީ ރައްޔިތުންގެ އުއްމީދު ތަކުގައި ކޮޅުފައިން ޖެހުން. ތަރައްގީއަށް ހުރަސްއެޅުން. މިއީ އެއްވެސް ރައްޔިތަކު ގަބޫލު ކުރާނެ ބަލައިގަންނާނެ ކަމެއް ނޫން." 

ފުށިދިއްގަރުފަޅު މަޝްރޫއު

ފުށިދިއްގަރު ފަޅަކީ ހުޅުމާލޭގެ ތިން ހުޅުމާލޭގެ ބޮޑު ސަރަހައްދެކެވެ. ފުށިދިއްގަރު ފަޅުގައި 1600 އަކަފޫޓްގެ 11،000 ގޯއްޗާއި 1400 އަކަފޫޓްގެ 20،000 ފްލެޓް އެޅޭނެ އެވެ. އަދި ގުޅިފަޅުގައި 5،000 ގޯއްޗާއި 15،000 ފްލެޓް އެޅޭނެ ބިން ދޭނެ އެވެ. 

ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައިވާ ގޮތުގައި ފުށިދިއްގަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭން ހަދައި އެތަނުގެ އީއައިއޭ ހެދުމުގެ މަސައްކަތް ކުރިއަށްދެ އެވެ. 

މިއީ މާހިރުންގެ ވާހަކަ އެވެ، ދެން އޮތީ މަޝްރޫއުގެ ބައެވެ؛ ރައީސް މުއިއްޒުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ފުށިދިއްގަރު ފަޅު މަޝްރޫއު ވެގެންދާނީ ރާއްޖޭގެ އިގްތިސޯދުގެ މޫނުމަތި ބަދަލުކޮށްލާނެ ބޮޑު މަޝްރޫއަކަށެވެ. އާ ޒަމާނުގެ "ނޫ މުތީ" އަށެވެ. މި މަޝްރޫއުގެ ސަަބަބުން ރާއްޖޭގެ ހައުސިން ސިނާއަތަށް ބޮޑު ކުރި އެރުމެއް ލިބޭނެ އެވެ. 

ހައުސިން ސެކްޓާއަކީ ރާއްޖޭގެ އަމިއްލަ ގިނަ ވިޔަފާރިތަކެއްގެ ދެ މިތިބުމާ ގުޅިފައިވާ މުހިންމު ސިނާއަތެކެވެ. އަދި މިފަދަ ބޮޑު މަަޝްރޫއެއް ބިޔަ އިންވެސްޓްމަންޓްތަކާއެކު ފެށުމުގެ ނަތީޖާއަކަށް ވާނީ ބޭރު ފައިސާގެ ތާށިކަން ފަދަ ބޮޑެތި އިގްތިސޯދުގެ މައްސަލަ ތަކަށް ކޮންމެ ވެސް ވަރެއްގެ ލުޔެއް ލިބުމެވެ. 

މީގެ މިސާލަކީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ކްރޮސް ރޯޑްސް މަޝްރޫއެވެ. އެ ދެ މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ދައުރު ކުރާ ބޭރު ފައިސާ އިތުރުވެ އިގްތިސޯދުގެ މައިގަނޑު އަސާސުތަށް ހިފަހައްޓަން ފަސޭހައަކަށް ވިއެވެ. މިކަން މިހެންވީ ޗައިނާ މީހުން ބްރިޖު އެޅިއިރު 70 މިލިއަން ޑޮލަރުގެ ވިޔަފާރި ރާއްޖޭގެ އެތެރޭން ކުރުމުންނެވެ. ކްރޮސް ރޯޑު މަޝްރޫއު ހިންގިއިރު މައިގަނޑު މަސައްކަތްތައް ދިވެހި ކުންފުނި ތަކުން ކުރުމެވެ. 

އެއާހިލފަށް ރައީސް ސޯލިހުގެ ސަރުކާރުން ފެށި ތިލަމާލެ ބްރިޖުގެ ސަބަބުން އިގްތިސޯދަށް ލިބުނު މިފަދަ މަންފާއެއް ނުފެނުނެވެ. ގުޅިފަޅާއި ގިރާވަރު ފަޅަށް ބްރިޖުން އަންނަ އަހަރު ގުޅޭނެ ކަމަށް އުންމީދު ކޮށްގެން ތިބި ދިވެހިންގެ އުންމީދު ވަނީ ގެއްލި ފޫހިވެފަ އެވެ. އެކަން ޔަގީންވީ ވެސް ކުރީގެ ރައީސް ސޯލިހު ވެރިކަމުގައި ފޮރުވައިގެން މައުލޫމާތު ނުދީ ހިފެހެއްޓި ބްރިޖު މަޝްރޫއުގެ ވެރިކަން ބަދަލުވުމުން ހާމަ ކުރުމުންނެވެ. 

ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުން ރަނގަޅަށް މެނޭޖު ނުކުރެވި، ނުބެލެއްޓި ބިޔަ މި މަޝްރޫއު އެ ވެރިކަމުގެ އެންމެ ފަހު ދުވަހު ފައިބައިގެން ދަމުން ވަނީ 2026 އަށް ދަމާލާފަ އެވެ. މިހާރު މި ބްރިޖު ނިންމަން ކިޔާ ތާރީހަކީ މިހާރު ފުށިދިއްގަރު ފަޅު މަޝްރޫއު ފަށައިފިނަމަ ރައީސް މުއިއްޒު ވިދާޅުވި ސްޕީޑުގައި ގެންގޮސް އެތަނުގެ ބޮޑު ބައެއް ފައްކާވެ ނިމޭނެ ތާރީހެވެ. 

މިހެންވެ ސުވާލަކީ މިހާރު ފަށަން ކިޔާ ފުށިދިއްގަރު ސިޓީ / "ނޫމުތީ" މިހާރު މާލެ ސަރަހައްދުގެ ގުޅިފަޅު، ގިރާވަރު ފަޅު ހިއްކައިގެން ދީފައި ހުރި ގޯތިތަކާ ތަފާތެއް ފެނޭހެއްޔެވެ؟ ފެންނާން ހުރީ ގޯތި ދީގެން ނޫސްތަކުގައި ހެދި ހަބަރުތަކުގެ ސުރުހީތަކެކެވެ.

ފުށިދިއްގަރު ފަޅު: މިއީ އާ ސަރުކާރުގެ އެންމެ އުންމީދު ޕްރޮޖެކްޓްގެ ގޮތުގައި އަންނަނީ ސފަ ކުރަމުން

ދެން އޮތީ މާލޭގައި ދަތިހާލުގައި ތިބި އެތައް ބަޔަކަށް "މިއޮތީ ކަލޭގެ ގޯއްޗޭ" ބުނެ ދިން ބިންވެރިކަމުގެ ކަރުދާސްގަނޑެވެ. ބިން ހިއްކުމުގެ ކުރިން ފަޅުން ވެސް ގޯތިދެވޭ ގޮތަށް ބިމާބެހޭ ގަވައިދަށް އޭރު ގެނައި އިސްލާހާއެކު ރައީސް މުއިއްޒު އަށް ވެސް މިހާރު ބޭނުން ތަނަކުން ގޯތި ދެއްވޭނެ އެވެ. އެކަމަކު މިގޮތަށް ދޭ ގޯއްޗަކުން ބޯހިޔާވަހިކަމަށް ހައްލެ ލިބޭނެ ހެއްޔެވެ؟ 

ބަޖެޓު ކޮމެޓީން އިއްޔެ ރޭ އަތުލި ފުށިދިއްގަރުފަޅު / ނޫ މުތުގެ ބަޖެޓުން 200 މިލިއަން ބަހާލަން ނިންމީ މި މަޝްރޫއަށެވެ. މި މަޝްރޫއަށް ކިތަންމެ ފައިސާއެއް ދީގެން ކިތަންމެ ހަލުއިކޮށް ގެންދިޔަސް ކުރީ ސަރުކާރުން ބްރިޖު މަޝްރޫއު ގެންދިޔަ ގޮތުން މުޅި މަޝްރޫއު ވަނީ ފަނުފުލުން ގޮސްފަ އެވެ. ގުޅިފަޅާއި ގިރާވަރު ފަޅުން ގޯތި ލިބުނު މީހުނަށް ކުރިއަށް އޮތް ހަތަރު އަހަރު ވެސް ދާން ޖެހޭނީ ކަނޑު ދަތުރުކޮށްފަ އެވެ. 

އެ ގޯއްޗަށް ކިތަންމެ ލުއި ފައިނޭންސެއް ދިނަސް ކުރީގެ ރައީސް ސޯލިހު ސަރުކާރުން ގޯތި އަޅައި ދޭން ވިދާޅުވި މޮޑެލުން ހެދޭނީ ނިސްބަތުން ވަރަށް މަދު ބަޔަކަށެވެ. ބާކީ ހުރި ބިންތަށް ވާނީ ބުޅާ ނިދަން ހަދާ ހާލިތަކަށެވެ. ކުރީގެ ރައީސް ސޯލިހުގެ ވިސްނުންފުޅު ހުރީ ދެވަނަ ބުރަކަށް ހޮވިވަޑައިގެންނެވިނަމަ ފައިނޭންސް ފެސިލިޓީ ތަކެއް ދީގެން ގޯތީގެ ވެރިން އަމިއްލަ އަށް ގޯތި ހަދަން ފުރުސަތު ދޭށެވެ. ކެމްޕޭންގައި ވިދާޅުވީ ވެސް އެހެނެވެ. 

އެކަމަކު ހުޅުމާލޭގެ ތިން މާލެ ވަރުގެ ފުށިދިއްގަރު ފަޅު / ނޫ މުތީ މަޝްރޫއުގައި އާ ސަރުކާރުގެ ޕްލޭން ތަފާތު ވާނެ ކަމަށް މިހާރުގެ ހައުސިން މިނިސްޓަރު އަލީ ހައިދަރު މަޖިލީހުގައި ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު ފާހަގަ ކުރައްވާފައިވާ ގޮތުގައި ފުށިދިއްގަރު / ނޫ މުތީ ޕްލޭން އޮތީ އިރުކޮޅަކާ މާލެ އަންނަން ނުޖެހޭ ގޮތަށް ހުރިހާ ވަސީލަތްތަކުގެ އާ ޒަމާނުގެ ސިޓީއަކަށެވެ.  

މި މަޝްރޫއުގެ އިތުރު ތަފުސީލް މި ވަގުތު އަދި ސަރުކާރަކު ނުދެ އެވެ. އެ ނުދީގެން ލަހެއްވެސް ނުވެ އެވެ. އެކަމަކު މި ސަރުކާރުން މިހާތަނަށް ކުރި ބޭރު ދަތުރު ތަކަށް ބަލާއިރު މިސްރާބު އެ ހުރީ ހައުސިންގެ ޒަމާނީ ސިޓީ، ފުށިދިއްގަރު ފަޅު / ނޫމަތީ ތަރައްގީ ކުރުމަށްކަން އެނގެ އެވެ. މިހާތަނަށް ދަތުރުކޮށްފައިވާ ތުރުކީއަކީވެސް ގެދޮރު އަޅަން އެންމެ މަޝްހޫރު ގައުމެވެ. އަދި ޗައިނާއާއި ޑުބާއީ އަކީ ބިނާ ކުރުމާއި ބިނާރުގައި ދުނިޔޭގެ އެއްމެ އުހެވެ.

ފިނޭންސަކީ މަޖިލީހުގެ ގޮތްޕެއްތަ؟

މިގޮތަށް ޕްލޭންކޮށް ކަރުދާހުގައި ކުރަހާފައިވާ މަޝްރޫއަކަށް ދީފައިވާ ބަޖެޓެއް އަތުލުމުން އެނގެނީ ފިނޭންސް މިނިސްޓްރީއަކީ ވެސް ރައްޔިތުން މަޖިލީހުގެ ގޮތްޕަކަށް ހަދާފައި އޮތުމެވެ. 

މަޖިލީހަށް މެންބަރުން ހޮވީވެސް ރައްޔިތުންނެވެ. މިވެރިކަން ގެނައީ ވެސް ދިވެހި ރައްޔިތުން ވޯޓު ދީގެންނެވެ. ވޯޓުދިނީ އިންޑިއާ މީހުން ނޫނީ ޗައިނާ މީހުނެއް ނޫނެވެ. އަދި ވޯޓު ދިނީ ރައީސް މުއިއްޒުގެ މެނިފެސްޓޯއަށެވެ. އޭގައި ފުށިދިއްގަރު ފަޅު / ނޫމުތީގެ ވާހަކަ އެބައޮތެވެ. އެހެންވީއިރު ރައްޔިތުން މަޖިލީހުން މިވަރުގެ ބޮޑުކަމެއް އެއްވެލާފައި ކުރެވޭނެ ހެއްޔެވެ؟ ކުރެވޭނަމަ ފިނޭންސް މިނިސްޓްރީން ހިންގަންވީ މަޖިލީހުގެ ގޮތްޕެއްގެ ގޮތުގަ އެވެ. ކޮންމެ އަހަރަކު ބަޖެޓު ހުށަހަޅާނީ ވެސް މަޖިލީހުންނެވެ. ހިންގާނެ މަޝްރޫއުތަކާ ނުހިންގާނެ މަޝްރޫއުތަށް ވެސް ކަނޑައަޅާނީ މަޖިލީސް މެންބަރުންނެވެ. 

ކޮމެންޓް

2
450
ހަސީނު
9 months ago

ތިއުޅެނީ ކިބިހިންޏަކަށް އިބްރާހީމު ރަނަކަށް އެރުނީމަ ދުނިޔެ ރަންބެޔޭ ހުނާހެންވެގެނެވެ. ތިމަތިމާމެންގެ އިސްކޮޅު އޮޅިގެންނެވެ.

އުސްތާޒް
9 months ago

އެއީ ތެދުފުޅެއް މިސަރުކާރު އައީ އެޕްރޮޖެކްޓްގެ ކަމިޝަނުން މަޖިލިހާ އެކިއެކި އިންތިހާބުތަކުގެ ހަރަދު ހަމަޖެހޭނެކަމަށް ބަލާގެން ދެން ތި ނުލިބުމުން ޕްރޮޖެޓްކުރި އަދަދަށް ކަމިޗަން ނުލިބޭނެ

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.