އައިވީއެފް އާސަންދައަށް | އެތައް ހާސް ހިތަކަށް ފަރުވާ

އާ ސަރުކާރުން ރާއްޖޭގެ މުއްސަތަގުބަލަށް ކުރާ އެންމެ ބޮޑު އެއް އިންވެސްޓްމަންޓަށް މި ބަދަލު ވާނެ އެވެ. އެ މީހުންގެ ހިތްތަކުގެ ދުއާ ސަރުކާރާއެކު އޮންނާނެ އެވެ.

އާސަނަދައިން އައިވީއެފް ފަރުވާ ކަވަރު ކުރާ ގޮތް ހެދި އިރު ރާއްޖޭގެ ގިނަ ބަޔަކު އައިވީއެފް ފަރުވާ ބޮޑު އަގުގައި ހޯދަނީ އިންޑިއާއިން

އަހުމަދު އަލީމް އާއި މަރިޔަމް ނުޒުހާ (އަސްލުނަމެއް ނޫން) ކައިވެންޏަށް ދެ އަހަރުވީއިރު ވެސް ކުއްޖަކު ހޯދަން އެ މީހުންގެ ދެކޭ ހުވަފެން ހަގީގަތަކަށް ނުވެ އެވެ. ކައިވެންޏަށް ފަހު އަަވަހާ ކުއްޖަކު ހޯދަން ބޭނުންވި މި ދެމަފިރިން ދެކޭ ހުވަފެނުގައި ހަގީގީ ކުލަ ޖެހެން އޮތް ހުރަހަކީ ދެމަފިރިންނަށް ކުރިމަތިވެފައިވާ ކުޑަ އެކަމަކު އެންމެ ބޮޑު މައްސަލައެވެ. 

އެ މީހުނަށް ކުރިމަތިވެފައިވާ އިންފާޓިލިޓީ ނުވަތަ ދަރިމައި ނުވުމުގެ މައްސަލާގައި ފަރުވާ ކުރާތާ ދުވަސްވެފައި ވާއިރު ހައްލު އޮތީ ވެސް ދުރުގަ އެވެ. އެންމެ ފަހުގެ ފަރުވާ، މި ދެމަފިރިންގެ އުންމީދާ ގުޅިފައިވާ އިންވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް) ހަދަން ފެށި ނަމަވެސް އެކަމަކީ މި ދެމަފިރިންގެ އާމްދަނީގެ ތަނަވަސްކަން ހުރި ގޮތުން ކުރެވޭ ވަރަށްވުރެ ބޮޑު މާލީ ހަރަދެކެވެ. 

"ކޮންމެ ފަހަރަކު އިންޑިއާ އަށް ދާން އެބަދޭ، އެތަސް ހާސް ރުފިޔާއެއް. މިއީ އާސަންދައިން އެއްވެސް އެހީއެއް ލިބޭ ކަމެއް ނޫން. އެހެންވެ އެންސްޕާއިން 500 ޑޮލަރު ލިބުން ނޫން އެއްޗެއް ނުލިބޭ. އެވްރެޖުކޮށް 5،000 ޑޮލަރު ހަރަދު ކުރަން ޖެހޭ ހަމައެކަނި ފަރުވާއަށް،" މިފަރުވާގައި އުފުލަން ޖެހޭ މާލީ ބުރަ އަލީމް ކިޔައި ދިނެވެ.

އައިވީއެފްއަކީ ކޮބާ؟ - އައިވީއެފް ފަރުވާ ދޭ ގޮތަކީ އަނބިމީހާގެ އޯވަރީއިން ބިހެއް ނަގައި ހަށިގަނޑުގެ ބޭރުން ލެބޯރަޓަރީއެއްގައި ބޮޑު ކުރުމެވެ. އަދި އެ ބިސް ފާޓިލައިޒް ކުރުމަށް ފަހު ބިސް ރަހިމަށް ލައްވައިގެން ދެވޭ ފަރުވާއެކެވެ.

މި ފަރުވާ ހޯދާ މީހުންގެ ތެރޭން 30 ޕަސެންޓާ 40 ޕަސެންޓު ބަލިވެއިނުމުގެ ފުރުސަތު އޮވެ އެވެ. މި ފަރުވާއަށް ދަނީ އަހަރަކަށް ވުރެ ގިނަ ދުވަހު ބަލިވެ އިނުމަށް މަސައްކަތްކޮށް އެކަން ނުވެއްޖެ ހާލަތެއްގަ އެވެ.

އާއްމުކޮށް އައިވީއެފް ހަދަން ދިވެހި ގިނަ ބަޔަކު ދަނީ އިންޑިއާގެ ކޮޗިން އަށެވެ. މިހާރު ރާއްޖޭގެ ޓްރީޓޮޕުން މި ފަރުވާ ލިބެން ހުއްޓަސް އެތަނުގައި އޮތް ވަރަށް ކިޔޫ ދިގެވެ. ދަރިމައިވުމުގެ މި ފަރުވާއަށްއާ ގުޅުންހުރި އެހެން ބޭސްތަކާއި އިންޖެކްޝަންތަކަކީ ވެސް އަގުގެ ގޮތުން ބަލާނަމަ ބޮޑު އެއްޗެކެވެ.

އައިވީއެފް ފަރުވާގެ ތެރޭގައި ތިބި ދެމަފިރިއަކު "މި" ނޫހަށް ކިޔައިދިން ގޮތުގައި އިންޖެކްޝަނަށް / ބޭހަށް އެކަނި އެންމެ އެއްޗަކަށް ރާއްޖޭގެ ކޮންމެ ފަހަރު 500ރ. ދެ އެވެ. އަދި ބޭރުގައި ތިބެން ޖެހޭ މުއްދަތު ވެސް އެހާ ދިގު ވުމަކީ މާލީ ބުރަކަން ބޮޑުވާ ކަމެކެވެ.

"ބައެއް މިހުން ތިން މަހު އެބަ ޖެހޭ ތިބެން. މިއީ ބޮޑު އަދަދެއް އަތުން ހޭދަވާ ކަމެއް. އަހަރެމެން އަތުން ވެސް 180،000 ރ. މިހާރު ވެސް ހިނގައްޖެ. މިހާރު މި ފައިސާ މި ހޯދަނީ އެގޮތް މިގޮތުން. ރައްޓެރިންގެ އަތުން ލޯނު ނަގައިގެންނާއި ރަހުމަތްތެރިންގެ އެހީއިން،" އެކަކު ބުންޏެވެ. 

ނޫސްވެރީންގެ ބައްދަލްވުމުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ: މެޑިކަލް ޗެކްއަޕް އަދި އައިވީއެފް ހިދުމަތް އާސަންދައިގެ ދަށުން ލިބޭ ގޮތް ވަނީ ހަމަޖައްސަވާ ދެއްވާފައި --

ދަރިމައި ނުވުގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައެއް ކަަމަށް ސިއްހީ މާހިރުން ދެކެވަޑައިގަންނަވަ އެވެ. އެހެންވެ މިކަމަށް ދޭ އެންމެ ޔަގީންކަން ބޮޑު އެއް ފަރުވާ ސަރުކާރުގެ ބޭސް ފަރުވާގެ ނިޒާމުގެ ތެރެއަށްލާން ވަކާލާތު ކުރާތާ ލައްކަ ދުވަސް ވެއްޖެ އެވެ. 

އެކަމަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ވެސް ކޮށްފައި ވެއެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެސް އެކަމާ ވާހަކަ ދައްކާ ހަދާފައި ވެއެވެ. އެކަމަކު އެކަން މިދިއަ ފަސް އަހަރު ކުރެވޭނެ ގޮތެއް ނުވި އެވެ. އެހެންވެ ގިނަ ބަޔަކު ތިބީ އެކަމާ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. 

އާއްމުންގެ އަތުން ބޮޑު ހޭދައެއް

  •  އެވްރެޖުކޮށް 5000 ޑޮލަރުގެ ހޭދައެއް
  •  ބައެއް ބޭސް / ވެކްސިނަށް ފަހަރު 500ރ
  •  ގިނަ ދުވަހު ފަރުވާގައި ދެމިތިބެން ޖެހޭ

މިހެން ތިބި މީހުންނަށް އުންމީދުގެ ހުޅުކޮޅެއް ދިއްލުނީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އައިވީއެފް ފަރުވާ، ގައުމީ ހެލްތު އިންޝުއަރަންސް އާސަންދައިން ލިބޭނެ ގޮތް އެ މަނިކުފާނު އިންތިހާބު ވެއްޖެނަމަ ހަމަޖައްސަވާނެ ކަމަށް ވިދާޅުވުމުންނެވެ. 

އެ މަނިކުފާނުގެ އެ ވިދާޅުވުމާ އެއްގޮތަށް އެމަނިކުފާނުގެ 100 ދުވަހުުގެ ވައުދު "ހަފުތާ 14" ގައި މިކަން ހިމެނުއްވެވި އެވެ. އަދި މިދިޔަ ހަފުތާގައި ކެބިނެޓުން ވަނީ އެ މުހިންމު ފަރުވާ ސަރުކާރުގެ ފަރުވާގެ ނިޒާމުގެ ތެރެއަށްލާން ނިންމަވާފަ އެވެ.

އައިވީއެފްއަށް ސަރުކާރުން 30 މިލިއަނުގެ ފަންޑެއް

އާސަންދަ ސްކީމްގެ ތެރެއަށް އައިވީއެފް ވެއްދިކަން އިއުލާނު ކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެ ފަރުވާ، އާސަންދައިން ދޭނީ އެ ސްކީމްގެ ގަވައިދު އިސްލާހުކޮށް ހާއްސަކޮށް އުސޫލެއްގެ ދަށުންނެވެ.

"އައިވީއެފް، އައިޔޫއައި ހިދުމަތް ދެވޭގޮތްތައް އިއުލާނު ކުރެވިގެންދާނެ. ރާއްޖޭގައި މި ހިދުމަތް ފޯރު ކޮށްދޭ އަމިއްލަ ހޮސްޕިޓަލްތަކުން ވެސް މި ހިދުމަތް ދެވޭނެ ގޮތް ހަމަޖައްސައި ދެވިގެންދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ދަރިމައިވުމުގެ ފަރުވާތައް ހަރުދަނާ ކުރަން އައިޖީއެމްއެޗްގައި ހުރި ފާޓިލިޓީ ކެއާ ސެންޓަރު ވަރުގަދަ ކުރާނެ ކަން ވެސް ރައީސް ވަނީ އިއުލާނު ކުރައްވާފަ އެވެ. އަދި ރާއްޖޭން ބޭރުގައި އާސަންދައިގެ ދަށުން އައިވީއެފް ހެދޭނެ ސެންޓަރުތައް ރައީސް މުއިއްޒުގެ މި ސަރުކާރުން ހަމަޖައްސާނެ އެވެ. ފާޓިލިޓީ ކެއާއަށް ގާތްގަނޑަކަށް 30 މިލިއަން ރުފިޔާގެ ފަންޑެއް އަންނަ އަހަރު ގާއިމް ކުރާނެ އެވެ.

މިހާރު މި ހާއްސަ ފަރުވާގައި ތިބި މީހުން އިންތިޒާރު ކުރަނީ މި ހިދުމަތް އާސަންދައިން ލިބޭން ފަށާ ދުވަހަކަށެވެ. އިންތިޒާރުގައި ތިބީ މި ފަރުވާ އާސަންދައިން ކަވަރު ކުރާނެ ގޮތެއް އެނގޭށެވެ. މިކަން ވެގެން ދާނީ އެތަައް ބައެއްގެ ހިތަށް ލިބުނު ބޮޑު ލުއި ފަސޭހަ އަކަށެވެ.  އާ ސަރުކާރުން ރާއްޖޭގެ މުއްސަތަގުބަލަށް ކުރާ އެންމެ ބޮޑު އެއް އިންވެސްޓްމަންޓަށް މި ބަދަލު ވާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.