އާ ސަރުކާރުން ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން ލެއްވި އިރު ވެމްކޯ ހަވާލު ކުރެއްވި މުޖޭއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެއްވެސް ވަރަކަށް އާ ބޭފުޅެއް ނޫނެވެ.
ސިޔާސީ މަސައްކަތުގައި ވެސް އަދި ސަރުކާރާއި ދައުލަތުގެ މަސައްކަތުގައި ވެސް ގދ. ތިނަދޫއަށް އުފަން މުޖުތަބާ ޖަލީލް (މުޖޭ) އަކީ އެހާ "މީޑިއާ ސުރުހީ" ގެ ބޭފުޅެއް ނޫނެވެ. އެއާ ހިލާފަށް އޭނާއަކީ އަބަދުވެސް ވަރަށް ހިމޭންކޮށް މަސައްކަތުގައި އުޅުއްވާ ބޭފުޅެކެވެ.
އޭނާ ވިދާޅު ވަނީ ވެސް މިހެންނެވެ: "އަޅުގަނޑަކީ އަބަދުވެސް ވަރަށް ޓެކްނިކަލް މަސައްކަތްތަކެއް ކުރަމުން ދިޔަ މީހެއް ހާއްސަކޮށް ފައިނޭންސް ދާއިރާގައި، އަބަދުވެސް އެ ކުރާ ކަމަކަށް އަޅުގަނޑު ވަގުތު ހުސް ކޮށްގެން އުޅެނީ،"
މުޖޭ އެނގި ވަޑައިގަންނަވާ ގިނަ ބޭފުޅުން ވިދާޅުވާ ގޮތުގައި މުޖޭއަކީ ސާދަ ގޮތަކަށް ފެންނަ. އެކަމަކު ވިސްނުމާއި ނަތީޖާގައި މުޅީން ތަފާތު ބޭފުޅެކެވެ. ފައިނޭންސް ދާއިރާ އާއި މެނޭޖްމެންޓް ދާއިރާގައި ވަރަށް ބޮޑު ވިޒަނަރީއެކެވެ. އަދި 24 ގަޑި އިރު މަސައްކަތަށް ފޯކަސް ކުރައްވާ ބޭފުޅެކެވެ.
"މި" ނޫހުގެ ބިޒްނަސް އެޑިޓަރު މުހައްމަދު އަފްރާހު ވިދާޅުވި ގޮތުގައި ހިދުމަތުގައި މުޖޭ ފުރަތަމަ ފެންނާން ފެށީ ސީއެމްޑީއޭ އާއި އެމްއެމްއޭގެ ތެރޭންނެވެ. އޭރު އުޅުއްވެވީ މަރުކަޒީ ބޭންކުގައި ވޯލްޑް ބޭންކްގެ ޕްރޮޖެކްތަކާއި އެހެން ވެސް އެ ބާވަތުގެ ފައިނޭންޝަލް ޑޯނާ ޕްރޮޖެކްޓްތައް ކުރިޔަށް ގެންދިއުމާއި މެއިންޓެއިން ކުރެއްވުމާއި ޕްރޮކިއުމެންޓް މެއިންޓެއިން ކުރެއްވުމުގަ އެވެ. އެހެންވެ މުޖޭ ވަނީ ވަރަށް ޑިޒައިންވެ ވަރަށް ރަނގަޅަށް ތަމްރީނުވެ ވަޑައިގެންފަ އެވެ.
"ފަހުން ވެސް ވޯލްޑް ބޭންކްގް ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރައްވާ ފައިނޭންސް ބިޒްނަސް މެނޭޖް ކުރުމުގެ ދާއިރާއިން ރަނގަޅު ތަޖުރިބާތައް މުޖޭއަށް ލިބި ވަޑައިގެންފައިވޭ، އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖެއަށް ވަރަށް މުހިންމުކަން ބޮޑު ބޭފުޅެއް މުޖޭއަކީ،"
މިއަދު ނޭނގި އޮތް ކަމެކެވެ. އަފްރާހު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު މިފެންނަ ޕެންސަން އޮފީސް ސެޓަޕް ކުރުމުގައި މުޖޭގެ ވަރަށް ބޮޑު ހިއްސާއަކާއި ދައުރެއް އޮތެވެ. އޭގެ ފަހުން ވިލާ ގްރޫޕްގެ ޗީފް އޮޑިޓާ އެގްޒެގެޓިވެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން އެމްޕީއެލްގެ ޗީފް އިންޓަނަލް އޮޑިޓަރެއްގެ ގޮތުގައި ވެސް ހުންނެވި އެވެ.
މުޖޭ ވިދާޅުވި ގޮތުގައި ކިޔަވައިގެން މަސައްކަތުގައި އުޅުއްވާން ފެއްޓެވި އިރު އެކުގައި ވަޒީފާ އަދާ ކުރާ އެކުވެރިންގެ ޝަކުވާއެއް އޮވެ އެވެ.
"މަސައްކަތުގައި އުޅެމުން މި ބުނަނީ ބޮސް އަކަށް އެކައްޗެއް ވެސް ނޭނގެއޭ އެއީ ސިޔާސީ ގޮތުން ވަޑައިގެން ހުންނެވި ސިޔާސީ ބޭފުޅެކޭ، އެ ބޭފުޅާގެ ފަހަތުއޭ މަސައްކަތް ކުރަން މިޖެހެނީ، އަޅުގަނޑުގެ ރައްޓެހި ދަންނަ ކިޔަވައިގެން ތިބި ބޭފުޅުން އެ މޭރުމުން ވާހަކަ ދައްކާ ޝަކުވާ ކުރޭ،" މުޖޭ ވިދާޅުވި އެވެ. "އަޅުގަނޑު ހިތަށް އަރަނީ އެ ބޭފުޅުން އެ ދައްކަނީ އަދި އެހާ ރަނގަޅު ވާހަކައެއް ނޫނޭ! ކިވައިގެން ތިބެ ޝަކުވާ ނުކޮށް ސިޔާސީ މަސައްކަތަށް ނުކުމެ ގައުމަށް ކޮންޓްރިބިއުޓް ކުރަން ފުުރުސަތު ހޯދައިފިއްޔާ ގާބިލު ވެރިންނަށް ވެވިދާނޭ ކީއްވެ ބާވައޭ އެ ފުރުސަތު ހޯދަން ނޫޅެނީ އޭރުން ވެރިންގެ ގޮތު އަޅުގަނޑުމެން ތިބޭ އިރު ދަށަށް ތިބޭ މީހުން ބޮސްއަކީ ނާގާބިލު މީހެއްގެ ގޮތުއެއް ނުވިސްނާނޭ،"
ރައްޓެހިން ދައްކަމުން އައި ވާހަކަ މުޖޭ ބަދަލު ކޮށްލެއްވީ އެވެ. އެކަން އެކޮޅުކޮޅުން ޖައްސަވައި ވިސްނެވީ ޕޮޒިޓިވް އޭންގަލަކުންނެވެ. ވެރިންނާމެދު ޝަކުވާ ކުރާއިރު ވެރިޔަކަށް ވުމުގެ ޝައުގުވެރިކަމާ ލީޑަޝިޕް ދައްކަން ޖެހޭނެ އެވެ. އެހެން ނޫނީ ކަންކަން ބަދަލެއް ނުވެއެވެ. އަބަދުވެސް އޮންނާނީ ޝަކުވާ އެވެ.
"ޝަކުވާއަކީ ޗޭންޖެއް ނޫން. އެ ވިސްނުމުގައި އަޅުގަނޑު ކުރިޔަށް ޖެހިލައި އިންޓްރެސްޓް ޝޯ ކުރުމުން އަޅުގަނޑަށް ފުރުސަތު ލިބިއްޖެ ކުރިޔަށް ދެވޭ ގޮތް ވެސް ވެއްޖެ،" މުޖޭ ވިދާޅުވި އެވެ.
އެމްޕީއެލްގައި މުޖޭ ހޭދަ ކުރެއްވި ދުވަސްތަކަށް ފަހު އޭނާ ސިޔާސީ ދާއިރާއިން ފުރުސަތު ހޯއްދެވި އެވެ. ޕީޕީއެމްގައި އޮތް ސިޔާސީ ވަރުގަދަ ޕްލެޓްފޯމްގެ ތެރެއިން ސިޔާސީ މަގާމަކަށް ބަދަލުވެ ވަޑައިގެން މުޅި ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅިފައި އޮންނަ އަދި މެނޭޖް ކުރަން ވަރަށް އުނދަގޫ ދައުލަތަށް ބުރަ ބޮޑު ކަމަކަށް ވެފައި އޮންނަ އެންސްޕާގެ ސީއޯގެ މަގާމަށް ވަޑައިގަތެވެ. އޭގެ ފަހުން އިކޮންމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި ވެސް ހިދުމަތް ކުރެއްވެވި އެވެ.
"ކިޔަވަމުން ދުވަސްކޮޅަކު ބްރޭކެއް ނަގާފައި ޕީއެޗްޑީއަށް ކިޔެވުމުގެ މަސައްކަތުގައި އުޅެފައި އައިސް އަނެއްކާ ވެސް އަޅުގަނޑަށް ޖެހުނީ އުނދަގޫ މަސައްކަތަކާ ކުރިމަތިލާން އެއީ މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރަން. އެތާނގައި ހުރެފައި އަޅުގަނޑު މިހާރު މިއައީ ވެމްކޯއަށް،" މުޖޭ ވިދާޅުވި އެވެ
އާ ސަރުކާރުން ކުންފުނިތަކަށް މެނޭޖިން ޑިރެކްޓަރުން ލެއްވި އިރު ވެމްކޯ ހަވާލު ކުރެއްވި މުޖޭއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެއްވެސް ވަރަކަށް އާ ބޭފުޅެއް ނޫނެވެ. އެއާ ހިލާފަށް ވަރަށް ރަނގަޅަށް ދެނެ ވަޑައިގަންނަވާ ވެސް ބޭފުޅެކެވެ. މުޖޭ އަކީ ރައީސް މުއިއްޒާއެކު މީގެ ކުރީން ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ރައީސް މުއިއްޒު މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނެވެއިރު އެ މަނިކުފާނާ އެންމެ ގާތުން މާލޭ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް ހުންނެވީ މުޖޭ އެވެ. އެހެންވީމާ މުޖޭގެ ކޮލިޓީއާ ކެޕޭސިޓީ ރައީސް މުއިއްޒަށް އޮޅިވަޑައިގެންފައެއް ނޯންނާނެ އެވެ.
މުޖޭ ޕީއެޗްޑީ ހައްދަވަނީ އިސްލާމިކް ބޭންކިންއަށް ފޯސްކަސް ކުރައްވައި ޑުއަލް ބޭންކިން ނިޒާމެއް ގާއިމު ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުންނާއި އޭގެ ގޮންޖެހުންތަކާއި ފުރުސަތުތައް ޔުޓުލައިޒް ކުރާނެ ގޮތުގެ މައްޗަށެވެ.
"އަޅުގަނޑު މާލޭ ސިޓީ ކައުންސިލްގެ މަސައްކަތާ ގުޅެން ޖެހުމާއެކު ބިޒީ ވެގެން ދިޔަ، އެހެން ވެގެން އަޅުގަނޑުގެ ޕީއެޗްޑް ނުނިމި އަދި އޮތީ އެކަމަކު އެބައިތައް ވަރަށް އަވަހާ ނިންމާލެވޭނެ" މުޖޭ "މި" ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއްއްގައި މިދިއަ ބުދަ ދުވަހު ވިދާޅުވި އެވެ.
ހަގީގަތުގައި ގައުމީ މަސައްކަތުގައި ދިވެހިންނަން މުޖޭއާ ދިމާ ވާނީ އޭނާ އެންސްޕާއަށް ވަޑައިގެންނެވި ހިސާބުންނެވެ. މުޖޭ އެންސާޕާއަށް ވަޑައިގެންނެވި އިރު އެއީ ވަރަށް ދެރަވަރުގައި ހިނގާ އަދި ނިޒާމު ގެއްލިފައިވާ ހިދުމަތެކެވެ.
"އަޅުގަނޑު ދިޔައިރު އެންސްޕާއަކީ ހެލްތު މިނިސްޓްރީ ޑިޕާޓްމަންޓެއް... މިނިސްޓްރީން ހުރިހާ ކަމެއް ކުރަނީ މޭންޕަވާއާ ޕްރޮކިއުމެންޓާ ހުރިހާ ކަމެއް ވެސް ވަރަށް އުނދަގޫ މަހައުލެއްގައި އޮތީ. އަޅުގަނޑު އެތަނަށް ވަނީ ތަސައްވުރެއް ހިފައިގެން ބޭނުންވީ އޮޓޯނަމަސްކޮށް އޭގެ ޒާތުގައި އެއްވެސް ބަޔަކާ ގުޅުމެއް ނެތި އަމއްލައަށް އޮވެ ހުރިހާ ރައްޔިތުންނަށް އެއްފަހަރާ ހިދުމަތް ދެވޭ ސެޓްޕަކަށް ބަދަލު ކޮށްލަން، އެއީ ވަރަށް އުނދަގޫ ކަމެއް،" މުޖޭ ވިދާޅުވި އެވެ.
މުޖޭ ވިދާޅުވި ގޮތުގައި އެންސްޕާ ވަކި ތަނެއްގެ ގޮތުގައި ކަނޑައަޅައި ޕްރޮކިއުމެންޓާ ރެކްރޫޓުމެންޓް ހުރިހާ ކަމެއް ސިވިލް ސާވިސްއާ ޑީލްކޮށް ނިންމާ ޒަމާނާ އެއްގޮތަށް ފުރޮޅައިލާ ގައުމީ ސިއްހީ އިންޝުއަރެންސްގެ ނިޒާމް އޮތް ދެރަ ހާލަތާއި އޭގެ ތެރޭގައި ހުރި އްޑްމިނިސްޓްރޭޓިވް ލޫޕްހޯލްސްތާކާއި އެތެރޭގައި ޖެލް ނުވެ ހުރި ކަންކަން ބަލައި ރިޕޯޓްތަކާއި ޕްލޭންތައް އޭރުގެ ސަރުކާރަށް ހުށަހަޅައި މުޅި އާސަންދައިގެ ނިޒާމް އެންސްޕާގެ ތެރެއަށް ގެންގޮސް މި ޒަމާނުގެ ވަށައި ޖެހުމަކަށް ވާގޮތަށް އެކުލަވައިލީ އޭނާ ގެންގުޅުއްވެވި ތަސައްވުރުގެ ތެރޭންނެވެ.
"އެއީ އަޅުގަނޑަށް ހާސިލު ކުރެވުނު ވަރަށް ބޮޑު ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަ ކުރަން އެ ނިޒާމުގެ ތެރޭން ހަރަދުބަރަދު ދާ ގޮތާއި ކޮންމެ މީހަކަށް ދެވޭ ހިދުމަތާ... ޖުމްލަކޮށް މިއަދު އެ ފެންނަ ޑިވެލޮޕްމަންޓްތަކަކީ އަޅުގަނޑު އޭރު ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން ވަރަށް ބައިވަރު ސްޓާފުން އެއްކޮށްގެން ރަނގަޅު ޓެކްނިކަލް މީހުން ލައްވާ ގެނައި ސިސްޓަމެއްގެ އައުޓްކަމް. މިއަދު ބޭސް ނަގަން ގޮސްފައި ފޯނު ނަމްބަރު ޖަހާލީމާ މީހާއަށް ގެރެންޓީ އެބަވޭ އޭނާގެ ބޭސް ސިޓީއަށްކަން ބޭސް ނެގެނީ މި ލެވެލަށް ގެންދިއުމުގައި އަޅުގަނޑުގެ ސީދ ހިއްސާ އޮތް، އެއީ އަޅުގަނޑު ކުރެހި ތަސައްވުރެއް،" މުޖޭ ވިދާޅުވި އެވެ.
ވަރަށް ރަނގަޅަށް މުޖޭއަށް ވެމްކޯ އެނގި ވަޑައިގަންނަވާނެ އެވެ. އަދި ވެމްކޯ އުފެއްދި ބޭނުމާއި އަމާޒުތަކަށް ވެސް އޭނާ ވަރަށް ފަރިތަވާނެ އެވެ. މީގެ 7 އަހަރު ކުރީން ވެމްކޯގެ މުޅި ކޮންސެޕްޓް ޑިވެލޮޕްކޮށް ކުންފުނި ވުޖޫދު ކުރުމުގެ މަސައްކަތުގައި އުޅުއްވި އިލްމީ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ މުޖޭ އެވެ.
"އަޅުގަނޑުގެ ބަހާއި ހިޔާލާއި ހިއްސާ އޮތް އަދި އަޅުގަނޑުގެ ރަހުމްތެރިން މީގެ ތެރޭގައި ވަރަށް ބޮޑަށް ސާމިލުވެ ޑޮކިއުމެންޓްތައް ހަދައި ކަރުދާސް ލިޔެ ހެދީ. އެ ހުރިހާ ކަމެއްގައި ވެސް އަޅުގަނޑު އުޅުނީ ވަރަށް ގާތުން އަދި އެއީ އަޅުގަނޑު ބަލަމުން ގެންދިޔަ ކަމެއް. އަޅުގަނޑަށް ބުނެވެން އެބައޮތް ވެމްކޯ ސެޓަޕް ކުރުމުގައި... އުފެދުމުގެ މަރުހަލާގައި ކޮންމެ ވެސް ވަރެއްގައި އަޅުގަނޑުގެ ހިއްސާއެއް ސަރުކާރު ތެރޭން އޮތޭ،" މުޖޭ ވިދަޅުވި އެވެ.
ވަރަށް ބޮޑު ލޯތްބަކާއި ބައިވެރިވުމެއް އޮތް ވެމްކޯ މިހާރު އެވަނީ މުޖޭގެ އަތްމައްޗަށް ލިބި ވަޑައިގެންފަ އެވެ. އަލުން ބަލުން ވެމްކޯ ވަޑިފަތިކޮށް އިސްކޮޅަށް ބޮޑުކޮށް ހިންގާލައި ކޮޅަށް ޖެހުމުގެ ފުރުސަތު މިހާރު އެ އޮތީ މުޖޭއަށެވެ.
"އަޅުގަނޑަކީ އެ ކުރާ ކަމެއްގައި ވަރަށް ތެދުވެރި ކަމާއި ވަރަށް އަމާނާތްތެރި ކަމާއެކު ވަރަށް ގިނަ ވަގުތު އެކަމަށް ދީގެން މަސައްކަތް ކުރާ މީހެއް އެކަން އެހެން އޮތް ކިޔެވި ދުވަސްވަރު ވެސް... މަސައްކަތާ ހަމައިން ވެސް މަސައްކަތުގެ މާހައުލުގައި އަޅުގަނޑަކީ ގާތްގަނޑަކަށް 24 ގަޑިއިރުގެ މީހެއް އަދި އެއްވެސް ކަމެއް ޕެންޑިންގަ ބާއްވަން ބޭނުންވާ މީހެއް ނޫން އަބަދުވެސް އަމާޒު ހިފަނީ އެކަމެއް ދުވަހުން ދުވަހަށް ނިންމާފައި އާ ދުވަހަކަށް އާ ހިޔާލެއް ޑިވެލޮޕް ކުރަން ދާން. އަދި އެއާ ގުޅިގެން ކުރަން ހުންނަ ހުރިހާ ކަމެއް ކުރަން މިސާލަކަށް ވެމްކޯއަށް އައުމާ ހަމައަށް ހެނދުނު ދުވަސް ފަށަމުން އައި ގޮތަށް މިތާނގައި ވެސް މުޅި ދުވަސް ދާނީ މަސައްކަތުގައި މާ ބައިވަރު ބްރޭކްތައް ނަގާ އުޅޭ މީހެއް ނޫން އަޅުގަނޑަކީ،"
މުޖޭ ވިދާޅުވި ގޮތުގައި ވެމްކޯއަށް އޭނާ ވަދެވަޑައިވެންނެވި ހިސާބުން ފެށިގެން ހުއްޓާ ނުލައި ގެންދަވަނީ ބައްލަވަމުން މަސައްކަތް ކުރައްވަމުންނެވެ. އަދި ވިދާޅުވި އެވެ: "މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭ މިތާނގެ އެތެރެވެސް ބޭރު ވެސް މިތާނގެ މެދުވެސް އަޅުގަނޑަށް ރަނގަޅަށް އެނގޭ... މުޅި މި ނިޒާމާއި މި ތަނާއި މީހުން ވެސް ދެނެގެނެ ދަސްކޮށްލައިފިން،"
މުޖޭ ވިދާޅުވި ގޮތުގައި ގައުމީ ހިދުމަތުގެ ނިސްބަތުން އޭނާ އަބަދުވެސް ވަރަށް ބޮޑު އުންމީދެއް ވެމްކޯއަށް ކުރެ އެވެ. އަދި ކަންދިމާވި ގޮތުން ވެމްކޯ ހިންގާން އޭނާއަށް ލައްވާލި އިރު ވެމްކޯ އޮތީ ވަރަށް ބޮޑު މަސައްކަތްތަކެއް ކޮށްގެން ނޫނީ ވެމްކޯ ފެށި އިރު ދާން ބޭނުންވި ދިމާއަށް ހިނގައިގަނެވޭނެ އަދި ގެންދެވޭނެ ގޮތަކަށް ނޫނެވެ. ބޮޑެތި ދަރަނި އެބައޮތެވެ. ގާތްގަނޑަކަށް 100 މިލިއަން ރިފިޔާއަށް ވުރެ ބޮޑަށް އޮތީ ދަރަ އެވެ. ވެމްކޯ ތިޖޫރީއަކު ފައިސާ އެއް ނެތެވެ. މުވައްޒަފުންނަށް މުސާރަ ދޭން ޖެހެނީ ދައުލަތުގެ ވަތްގަނޑުން އެ ފައިސާގެ އެއްބައި ހޯދައިގެނެވެ.
ދެހާސް އަށާރަ ވަނަ އަހަރު ޕީޕީއެމްގެ ވެރިކަން ނިމިގެން ދިޔައިރު ވެމްކޯގައި ތިބީ 11،00 އެއް ހާ މުޖުވައްޒަފުންނެވެ. މިހާރު ވެމްކޯއަކީ 2000 މީހުނުން މައްޗަށް އަދަދު ގޮސްފައިވާ ބިޔަ ކުންފުންޏެކެވެ. އެކަމަކު އޭގެ ތެރޭން ގިނަ މުވައްޒަފުންނަކީ "ވާނުވާ ނޭނގޭ" މީހުނެވެ. އެ މީހުން ކުރަން ޖެހޭ ކަމެއް އުޅެންވީ ގޮތެއް ދާންވީ ދިމާއެއް ނޭނގެ އެވެ. އެއީ މަސައްކަތެއް ނެތި އަތް އުރާލައިގެން އުޅޭ މީހުނެވެ. މިދިއަ ހަތަރު މަހެއްހާ ދުވަސް ތެރޭގައި ވެސް 450 އަށް ވުރެ ގިނަ މުވައްޒަފުން ސިޔާސީ ބޭނުންތަކުގައި ވެމްކޯއަށް ވައްދާފައި ވެއެވެ. އެމީހުނާ އެއްވެސް މަސައްކަތެއް ހަވާލު ކޮށްފައެއް ނެތެވެ.
"އަޅުގަނޑަށް މި ޖެހެނީ އަލުން ބަލުން ވެމްކޯގެ ސަފުތަކާއި ކުލަތައް ރުކުރުވާލައިގެން އަލުން ހިނގައިގަންނަން ގާބިލު މީހުނައިގެން މަސައްކަތް ފަށާން، އެކަމަށް ވެމްކޯއަށް ވަގުތުކޮޅެއް ބޭނުންވޭ،"
ވެމްކޯ އޮތް ހާލަތާބެހޭ ގޮތުން މުޖޭ އެގޮތަށް ވިދާޅުވި ނަމަވެސް ރަނގަޅަށް ކޮށްފައި ހުރި ކަންތައްތަކެއް ވެސް ފާހަގަކޮށް ދެއްވަ އެވެ. އެ ގޮތުން މީޓަރަށް ޗާޖް ކުރާ ގޮތަށް ބިލް ޓައިކޮށް ސްޓެލްކޯއާއެކު ކުރާ މަސައްކަތް ފާހަގަ ކުރެއްވި އެވެ.
"އެއީ ވެމްކޯގައި އޮތް ކުރިއެރުމެއް، މަސައްކަތްތަކަށް ވަރަށް ބޮޑަށް ފަސޭހައެއް ވެގެން ދިޔަ ކަމެއް، އަދި އާންމުންގެ އަތުން ފައިސާ ހޯދަން ކުރަންޖެހޭ މަސައްކަތް ގާތްގަނޑަކަށް ނިމިފައި އެއޮތީ، ކޮންމެ މީހެއްގެ ކަރަންޓު ބިލު ތެރޭގައި ކުނީގެ ފައިސާ އެބެ ހިމެނޭ އެހެންވީމާ ވެމްކޯގެ ފަރާތުން އެ ފައިސާ ސްޓެލްކޯއިން އެބަ އެއްކޮށްދޭ. ލިބޭ އަދަދު އެހާ ބޮޑު ކަމުގައި ނުވި ނަމަވެސް ކޮންމެ މަހަކުވެސް ހަ މިލިއްނެއްހާ ރުފިޔާ އެބަ ހޯދައިދޭ... މިއީ ކޮމާޝަލް ސައިޑް ނުލާ ހަމައެކެނި ހައުސް ހޯލްޑް! މާނައަކީ ދރިއުޅުމަށް ލާފައި ހުރި މީޓަރަކަށް މި ޗާޖް ކުރަނީ އެކަމަކު ބައިވަރު ވިޔަފާރިތައް އެބައޮތް އެ ވިޔަފާތރިތަކުން ހެސް ކިޔާފައި ކުނި އުފައްދާ ރެސްޓޯރެންޓް ކެފޭތަކުން ކުނި އުފައްދާ ވެމްކޯގެ އަަމާޒަކީ އެތަންތަން ވެސް ބިލުގެ ތެރެއަށް ލުން އޭރަށް ވެމްކޯއަށް އިތުރު ފައިސާ ލިބޭން ފަށާނެ، ނިޒާމެއްގެ ތެރެއަށް ކަންކަން ދާނެ،"
މުޖޭ ސިފަކޮށް ދެއްވާ ގޮތުގައި ކުންޏަކީ ކުންޏެއް ނޫނެވެ! އެކަމަކު އެއީ ހަޔާތާ ގުޅިފައިވާ ހަޔާތުގެ ބައެކެވެ. ކުނި އުފެދެނީ ދިރުއުޅުމުގެ އެއް ބައިގެ ގޮތު އެވެ. މީހުން އުޅޭ، މީހުން ގިނަވާ ކޮންމެ އިރަކު، ކޮންމެ ތާކު، ކުނި ވެސް އުފެދި ގިނަވެ އެވެ. އެ ހުރިހާ ކުންޏަކީ ކުންޏެއް ނޫނެވެ. އެއީ މުޅީން ފައިސާ އެވެ.
ވެމްކޯގެ ސެޓަޕް ހިޔާލު އުފަންކޮށް 2015 އައި 2016 ހިސާބުގައި މަސައްކަތް ފެށި އިރު ދުވާލަކު 400 އާ 500 ޓަނުގެ ކުނި ނެގުނެވެ. މިހާރު އެ އަދަދު ދުވާލަކު 1000 އާއި 12،00 ޓަނުގެ ކުންޏަށް ބަދަލުވެފައި ވެއެވެ. އެ ހުރިހާ ކުންޏެއް ގެންދަނީ ތިލަފުއްޓަށެވެ. އެ ރަށަކީ ރަށުގެ އެއް ބައި ކުނި އަޅައިގެން އުފެއްދި އަދި އެއްބައި މެޝިނުން ހިއްކާފައިވާ މީހުން އާބާދު ކޮށްލެވިދާނެ، މުޅީން އިންޑަސްޓްރިއަލް ޒޯނަކަށް ބަދަލު ކުރެވިފައިވަ ރަށެކެވެ. މުޅި އެ ރަށުގެ ބޮޑު ބަޔަކަށް ވަނީ ކުނި އޮއްސާ ފުނިޖައްސާ ފުރާފަ އެވެ.
ކުރީން ކުނި އަންދަމުން ގޮސް ނުކުތް މައްސަލަތަކާއި އުނދަގޫތަކަށް ހައްލެއް ހޯދަން ތިމާވެއްޓާ ރަހުމަތްތެރި ޓްރީޓްމެންޓްތައް ގެންނާން ޖެހުނެވެ. ވެމްކޯ އުފެދިގެން އައިސް ތިލަފުއްޓަށް މޫވް ކުރާ މޮޑެލްގައި ތިލަފުށީގައި ކުނި އެންދުން ވަނީ ހުއްޓާލާފަ އެވެ. އޭގެ ބަދަލަށް ކުރާ ކަމަކީ ކުނި މެނޭޖް ކުރަނީ އެވެ. ކުނި ސެގްރިގޭޓް ކުރަނީ އެވެ. ކުނިވާ ކުންޏާއި ކުނި ނުވާ ކުނި ވަކި ކޮށްލަނީ އެވެ. ކޮންސްޓްރަކްޝަނާއި ޑިމޮލިޝަން ވަކި ކޮށް މެނޭޖް ކުރަނީ އެވެ.
މާނައަކީ ކުނި ވަކިކޮށް ބޭލްކޮށް ޕެކް ކުރުމާއެކު ކޮންމެ ބޭލްއެއްގައި 700 ކިލޯގެ ކުނި ހުންނާހެން ޓްރީޓްކޮށް ވަކިން ބަހައްޓަނީ އެވެ. މިހާރު ތިލަފުށިން ވެމްކޯއަށް ލިބިފައި އޮތް ޖާގައިގައި އެއްކޮށް ބޭލް ބަހައްޓާ ވަނީ ފުރިފަ އެވެ. ކުރިޔަށް އޮތް ދިހަ ބާރަށް އަހަރަށް އިތުރު ޖާގަ ވެމްކޯއަށް ބޭނުން ވާނެ އެވެ. އެ ޖާގައަށް ނުވިސްނާ އަދި ކުނި ޓްރީޓް ކުރާނެ ގޮތަކަށް ނުބަލާ ވެމްކޯ ކުރިޔަށް ދާނަމަ ރާއްޖެ ވާނީ މުޅީން ކުންޏެވެ. އެ ކުނި ވާނީ ރާއްޖެއަށް ކުރިމަތިވާ ވިހައިގެ ބޮޑު ތޫފާނަކަށެވެ.
އޭގެ ބަދަލުގައި މިހާރުގެ ވިސްނުން އޮތް ގޮތަށް ކުނި މެނޭޖް ކުރާން ތިލަފުށީގައި އިންސިނެރޭޓާ ސެޓަޕެއް ގާއިމްކޮށް ކުނިން ހަކަތަ އުފައްދާ ނިޒާމެއްގެ ތެރެއަށް ދާން ޖެހެ އެވެ. އޭރަށް އިންސިނެރޭޓާގައި އަންދާ ކުނި ހަކަތައަށް ބަދަލު ކުރެވެ އެވެ. އެ ހަކަަތައިން ކޮންމެ މަހަކު 14 މެގަވޮޓްގެ ކަރަންޓު ޕްރޮޑިއުސް ކުރެވެ އެވެ. ތިލަފުށީގެ ކުނި ހަކަތައިން ތިލަފުށީގެ ކަރަންޓަށް ނަގާފައި ވެސް މާލޭގެ މައި ކަރަންޓު ގްރިޑާ ގުޅާ ވަރަށް ކަރަންޓު ހުންނާނެ އެވެ.
އިތުރުވާ ކަރަންޓް މާލޭގެ ގްރިޑާ ކަނެކްޓް ކުރުމުން މުހިންމު ދެކަމެއް ވެއެވެ. ސްޓެލްކޯއަށް ކަރަންޓް ވިއްކިފައި ވެމްކޯއަށް ކުނިން ފައިސާއަށް ބަދަލު ކުރެވެ އެވެ. އަދި ސްޓެލްކޯއަށް ކަރަންޓް އުފައްދަން ޖެހޭ މިންވަރުން ބައެއް ކުޑަ ވެގެން ދެ އެވެ.
ގްރޭޓާ މާލޭ ރީޖަން ބޮޑުވަމުން "ވޮޑެމުން" އެބަދެ އެވެ. ކަނޑުން ވިޔަސް ގުޅިފަޅުން ވިޔަސް ގިރާވަރު ފަޅުން ވިޔަސް އަދި ރައީސް މުއިއްޒުގެ ސަރުކާރުގެ "ޑްރީމް ޕްރޮޖެކްޓެ" އް ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކައި އުފައްދާ އާ ޒަމާނުގެ ރީތި ސިޓީއަކީ ހުޅުމާލޭގެ ދެ ފޭހުގެ ތިންގުނަ ބޮޑު ސިޓީއަކަށް ވާނެ އެވެ. އެތަންތާނގައި މީހުން އާބާދުވެ، ބައިބޯވެ އެވެ. މީހުން އާބާދުވާ ކޮންމެ ތަނެއްގައި ކުނި އުފައްދާނެ އެވެ. އެ ހިސާބުން ވެމްކޯއާ ޖެހޭނެ އެވެ. ވެމްކޯ ފުރަތަމަ ކުރާން ޖެހޭނެ ކަމަކީ ކުނި މެނޭޖްކުރުމަކީ ގައުމަށް އެންމެ މުހިންމު ކަންތައްކަން ޕްރޮމޯޓްކޮށް އެކަމަށް ވިސްނައި ރަނގަޅު ނިޒާމެއް ގާއިމް ކުރުމެވެ. އެއީ ދެމިގެންދާ ގޮތެއްގައި ކުނީގެ މައްސަލަ ހައްލު ކުރެވޭނެ އަދި ކުނި އެނާޖީއަށް ކޮންވާޓް ކޮށްލައި އެއިން ފައިސާ ނެރެވޭނެ ނިޒާމެކެވެ.
އިންސިނެރޭޓާއިން ކުނި އަންދައި ބާކީވާ ބަޔަކީ އާންމުންގެތެރޭ ބަހައްޓަން ރަނގަޅު މާއްދާއެއް ނޫނެވެ. އެކަމަކު އެއީ ފެންވަރުގައި ޓްރީޓް ކޮށް ލެބޯޓަރީ ޓެސްޓްތައް ހަދައި އެ ފައިން ކޮށްފިނަމަ އިންޑްސްޓްރިއަލް މަސައްކަތްތަކަށް ބޭނުން ކުރެވޭ ފެންވަރުގައި ޖިއޯބޭގް ކަހަލަ ސޯ ޕްރޮޓެކްޝަނަށް ބޭނުން އާލާތް އުފެއްދޭނެ އެއްޗެކެވެ. ބިލްޑިން ބްލޮކް / އެޅިގާ އުފައްދައިގެން ވެސް ބާޒާރަށް ނެރެވިދާނެ އެވެ. އެއީ ރަނގަޅަށް ޓްރީޓް ކުރެވުމުން ވަރަށް އުމުރު ދިގު ފައިސާއަށް ބަދަލުކޮށް ވަރަށް ފައިދާ ނެރެވޭ އެއްޗެކެވެ. އެ ކުންޏަކީ ބާކީއެއް ނޫނެވެ. އެއީ ފައިސާ އެވެ.
"އެހެން މީހުނާ ހިލާފަށް އަޅުގަނޑަށް ވެމްކޯ ފެންނަނީ ވަރަށް ފެހިކޮށް! އަދި އަޅުގަނޑަށް ކުނި ފެންނަނީ ރަނުގެ ގޮތުގައި ކުނި އެއީ ފައިސާއަށް ބަދަލު ކުރެވިދާނެ އެއްޗެއް އަދި ދެމެހެއްޓެނިވި ގޮތުގައި ރައްކާތެރި ކަމާއެކު މެނޭޖްވެސް ކުރެވޭނެ ކަމެއް. މިވަގުތު ވެމްކޯ އޮތް ގޮތަށް ބަލާ ކަމަށް ވަންޏާ މި ކުންފުންޏަކީ ފުރަތަމަ މި އޮތް ހާލަތުން އަރައިގަންނަން މަސައްކަތް ކުރަންޖެހޭ ކުންފުންޏެއް. އަޅުގަނޑުގެ ތަސްވުރެއް އެބައޮތް އެ ތަސައްވުރުގައި ވަރަށް ގިނަ ކަންތައްތަކެއް ކުރެވޭނެ އެކަމަކު ފުރަތަމަ ޖެހެނީ ކުންފުނި ތެދު ކުރަން،" މުޖޭ ވިދާޅުވި އެވެ.
ވެމްކޯގެ ފުލީޓް ވަރަށް ބަލެވެ؛ ހާލާކު ވަރަށް ބޮޑުވެފައި ވަރަށް ދަބަރެވެ. އަޅައި ނުލެވި ރިޕެއާ ނުކުރެވި ދިޔަ ފަސް އަހަރަށް ފަހު ވެހިކަލްތަކެއް ދައިގެން ވިިޔަސް ވެމްކޯ ތެދުވާން ޖެހެ އެވެ. އެކަމަށް މާލޭގައި އަތް ނުލާ އޮތް ކޮމާޝަލް ޕްރޮޖެކްޓްތަކުގެ ތެރެއަށް ވަންނަން ޖެހެ އެވެ. ތަންތަން ސާފުކޮށް އެއްވަރު ކޮށް ކޮންސްޓްރަކަޝަނާ ގުޅުން ހުރި ކަންކަމުގެ ތެރެއަށް ވަދެވެ ކުނި ނަގާ ސާފުކޮށް ކޮމާޝަލް ޕްރޮޖެކްޓްތައް ޖައްސަން ޖެހެ އެވެ.
"އަޅުގަނޑު މިތަނަށް އައިސް އޮބްޒާވް ކޮށްލި އިރު ބައިވަރު ފޯން ކޯލްސް ޑެއިލީ އާދޭ ކޮމާޝަލް ސައިޑުން އެއިން ވަރަށް މަދު ކަމަކަށް ކޭޓާ ކުރެވެނީ... އެހެން ބަލާއިރު ސަރުކާރުގެ ހުރިހާ އޮފިސްތަކާ ވުޒާރާތަކާ ކުންފުނިތައް ވެމްކޯގެ ބެލުމުގެ ދަށުން ސާފުކޮށް މެއިންޓަނަސް ކުރުމަކީ ވެސް ވެމްކޯއަށް ކުރެވޭނެ ކަންކަން އެ ފައިސާ މިހާރު އެ ދަނީ ޕްރައިވެޓް ސެކްޓަރަށް."
ކުންޏާ ގުޅޭ އަދި ސާފު ކުރާމާ ގުޅުންހުރި ތިމާވެއްޓާ ރަހުމަތްތެރި ޕްރޮޑްކްޓްތަކެއް މިވަގުތު މާލޭ ބާޒާރަކު ނެތެވެ. ހުއްޓަސް ހުންނަނީ ކެމިކަލް ކޮންޓެންޓް ބޮޑު ސާމާނެވެ. އެއީ ތިމާވެއްޓާ އެހާ ރަހުމަތްތެރި އެއްޗެއްސެއް ނޫނެވެ. އޭގެ ބަދަލުގައި ތިމާވެއްޓާ ރައްޓެހި ޕްރޮޑަކްޓް ހޯދައި ރާއްޖެއަށް ތައާރަފުކޮށް ހާއްސަ އައުޓްލެޓްތައް ހެދުމުގެ ވިސްނުން މުޖޭ ގެންގުޅުއްވަ އެވެ.
މާލޭ އޭރިއާ އާއި އެކި ދިމާގައި ހުރި އެތައް ރިސޯޓަކުން އެތައް ބައިވަރެއް ކުނި ތިލަފުއްޓަށް ގެންދާއިރު އޭގެ ބޮޑު ބައެއް ރިސޯޓުތަކުން އަގު ހެޔޮ ކުރަން ގަސްދުގައި އުކާލަނީ ކަނޑަށެވެ. މުޖޭގެ ވިސްނުންފުޅަކީ އެއާ ހިލާފަށް "ރިސޯޓް ކުނި" އެ އުފެދޭ ހިސާބުން އެއާ ވެމްކޯއިން ހަވާލުވުމެވެ.
"ސީދާ އަޅުގަނޑުމެން ރިސޯޓަށް ގޮސް ކަލެކްޓް ކުރުން އޭރަށް ކަނޑަށް ދާ ބައިން ލިބޭ ގެއްލުން ކުޑަ ކުރެވި ވެމްކޯގެ އިންކަމް އިތުރު ވެގެން ދާނެ،" މުޖޭ ވިދާޅުވި އެވެ.
މުޖޭ ވިދާޅުވި ގޮތުގައި ވެމްކޯ އަލުންބަލުން ފަށައިގަތުމަށް މަތިމަތީން އެނަލައިޒް ކޮށްލާއިރު ބޭކާރަށް މީހުން ވައްދާފައި ވިޔަސް ވެމްކޯއަށް އިތުރު ކުރަން ޖެހޭ މީހުން ތަކެއް ވެއެވެ. އެންމެ މުހިންމު އޭރިއާއަކީ މެކޭނިކަލް އިލެކްޓްރިކަލް އޭރިއާ އެވެ. އެއީ ވެމްކޯގައި ވަރަށް ވީކު އޭރިއާއެކެވެ. ވެހިކަލްތައް މެއިންޓަނެންސް ނުކުރެވި ދަބަރަށް ވެފައި އޮތީ ވެސް އެ ކެޕޭސިޓީ ނެތުމުންނެވެ.
ވެމްކޯއަށް އޮތް ސިވިލް ޕްރޮޖެކްޓްތައް ގިނަ އެވެ. އެކި އެކި ޑޯނާ ފަންޑިން ޕްެރޮޖެކްޓްތައް ވެސް އޮވެ އެވެ. ޔޫއެންޑީޕީ ޕްރޮޖެކްޓްތަކާއި ވޯލްޑް ބޭންކް ޕްރޮޖެޓްތަކާއި އިސްލާމިކް ޑިވެލޮމެންޓް ބޭންގެ ޕްރޮޖެކްޓްތައް ވެސް ހުރެ އެވެ. އެހެންވެ ކްލައިމެޓް މިނިސްޓަރީއާއެކު ކައިރިން މަސައްކަތް ކުރާން ޖެހެ އެވެ. އެކަން މެނޭޖް ކުރާއިރު ސިވިލް އިންޖިނޭރުންނާއި ޕްރޮޖެކްޓް މެނޭޖްމެންޓްގެ އިލްމުހުރި ބޭފުޅުން ޓީމްތަކާއެކު ތިބެން ޖެހެ އެވެ. އެ އޭރިއާތައް ރަނގަޅު ކުރާއިރު ވެމްކޯގެ ޕްރޮކިއުމެންޓާއި ފައިނޭންސް އޭރިއާ ވެސް ވަރުގަދަ ވާން ޖެހެ އެވެ. ހުރިހާ ރިސޯސެސް ޔުޓިލައިޒް ކުރެވެން ޖެހެ އެވެ.
މިހާރު ވެސް ވެމްކޯ އައްޑޫގައި އޮވެ އެވެ. ފުވައްމުލަކުގައި ހިނގަ އެވެ. ކުޅުދުއްފުއްޓަށް ތައާރަފު ކުރަން އުޅެ އެވެ. މުޖޭ ވިދާޅުވި ގޮތުގައި ރައީސް މުއިއްޒުގެ ތަސްވުރަކީ މުޅި ރާއްޖެއަށް ވެމްކޯ ރަނގަޅަށް ފެތުރި ގަތުމެވެ. އެގޮތަށް ވެމްކޯ ފުޅާ ވެގެން ދާއިރު މޭޖާ ހުރިހާ އޭރިއާއެއްގައި ވެމްކޯގެ ސައިޓްތައް ހުންނާނެ އެވެ. އަދި ކޮމާޝަލީ ވައިބަލް ގޮތަކަށް މެނޭޖް ވާން ފަށައި ކުނި "ރަނަށް" ފައިސާއަށް ބަދަލުވަމުން ވެމްކޯ މުއްސަނދިވަމުން ދާނެ އެވެ.
"އަޅުގަނޑު ދަންނަވާލަން އޮތީ ކުންޏަކީ ކުންޏެއް ނޫނޭ، އެ ޓްރިތްކޮށްގެން ކުރިޔަށް ގެންދާނަމަ އެއީ ބައިވަރެއް ފައިސާއޭ. މި ކުންފުނީގެ ކޮންސެޕްޓަކީ ވެސް އެއީއޭ. އަޅުގަނޑު ޔަގީންކޮށް ދޭނަން، ދެން ވެމްކޯގެ ފެހިކުލަ ގަދަވާނެ، އަދި ކުނި ރަނަށް ބަދަލު ކުރާނެ."