އަބްދުﷲ ރަޝީދު މަރުވި ގޮތް ބަލަން ފުލުހުން ވަނީ އާއިލާއާ ދެކޮޅަށް އޮޓޮޕްސީ ވެސް ހަދައިފަ އެވެ. އާއިލާއިން އެކަމާ ދެކޮޅު ހަދާފައި ވަނީ އޮޓޮޕްސީ އިން ފުލުހުންގެ އިހުމާލު ފެންނަން ނޯންނާނެތީ އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ، ގދ. ހޯޑެއްދޫ، އަބްދުﷲ ރަޝިދު މަރުވި މައްސަލައިގައި އިހުމާލުވެފައިވާ ކަމަށް ކަނޑައަޅައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ދައުވާ ކުރަން ފޮނުވައިފި އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުއްޓާ އަބްދުﷲ ރަޝީދު މަރުވެފައި ވަނީ މެޔަށް ތަދެއް އަރައިގެންނެވެ. މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެއްގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޮކްޓޯބަރު 25، 2022 ގައި ހޯޑެއްދޫ އިން ހައްޔަރުކޮށްގެން ލޯންޗެއްގައި ގެންދަނިކޮށް އަބްދުﷲ ރަޝީދު ވަނީ ވެއްޓިފަ އެވެ. އެއަތޮޅު މަޑަވެލި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
ހައްޔަރު ކޮށްގެން ގެންދިޔައިރު މެޔަށް ތަދުވާތީ ޑޮކްޓަރަށް ގެންގޮސްދިއުމަށް އޭނާ އާދޭސްކުރަމުން ދިޔަ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. އެކަމަކު އެއީ ފޭކެއް ކަމަށް ބުނެ ފުލުހުން އަޅާ ނުލީ ކަމަށް އާއިލާ އާއި ހަވާލާދީ ބައެއް މީހުން ކުރިން މައުލޫމާތު ދީފައިވެ އެވެ.
މި މައްސަލައިގައި ފުލުހުން އަމަލު ކުރި ގޮތާ ގުޅޭ ތަހުގީގެއް އެންއައިސީން ވަނީ ހިންގާފަ އެވެ. ތަހުގީގު ނިންމާލުމަށްފަހު އިހުމާލުވި ފަރާތްތަކަށް ދައުވާ ކުރަން މިދިޔަ ހަފްތާ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. ނަމަވެސް ދައުވާ ކުރަން ފޮނުވާފައި ވަނީ ކޮން ކޮން ބައެއްގެ މައްޗަށް ކަމެއް ނޭންގެ އެވެ.
އަބްދުﷲ ރަޝީދު މަރުވި ގޮތް ބަލަން ފުލުހުން ވަނީ އާއިލާއާ ދެކޮޅަށް އޮޓޮޕްސީ ވެސް ހަދައިފަ އެވެ. އާއިލާއިން އެކަމާ ދެކޮޅު ހަދާފައި ވަނީ އޮޓޮޕްސީ އިން ފުލުހުންގެ އިހުމާލު ފެންނަން ނޯންނާނެތީ އެވެ.