އުތުރާއި ދެކުނުން މޯލްޑިވްސް ގޭސް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ތަސައްވުރެއް އޮތް ކަމަށް އެމްޑީ ވިދާޅުވި ނަމަވެސް އެއީ ކޮން އިރަކު ފުރިހަމަ ކުރައްވާނެ ކަމެއް ކަން ސާފުކޮށެއް ނުދެއްވަ އެވެ.
ރާއްޖޭގެ އުރުތާއި ދެކުނުން ފަސޭހަ ކަމާއެކު މޯލްޑިވް ގޭސް ލިބޭނެ އިންތިޒާމެއް ގެނައުމަކީ ތަސައްވުރެއްކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު / މަދަނީ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ގޭސް ފޯރުކޮށް ދެނީ ދަތީގަ އެވެ. އުތުރާއި ދެކުނުންވެސް ގޭސް ބަލާ އަންނަނީ މާލެއަށެވެ.
ގޭހުގެ އާ އެމްޑީ ވިދާޅުވީ އެއީ އެކަން އޮންނަންވީ ގޮތް ނޫން ކަމަށާއި އެ ދަތިތަކަށް ހައްލު ހޯދައިދޭން ސަރުކާރުގައި އޮތް ތަސައްވުރަކީ އުތުރާއި ދެކުނުން އެ ކުންފުނީގެ ގޭސް ލިބޭނެ އިންތިޒާމެއް ގެނައުން ކަމަށެވެ.
"ހއ. ކެލާ މީހަކު ނުޖެހޭ ގޭސް ފުޅި ހުސްވީމަ މާލެއަށް ފުޅި ފޮނުވައިގެން އެ ރީފިލްކުރާކަށް. އައްޑު އަތޮޅަކު ވެސް ނުޖެހޭނެ ހުސް ފުޅި ހިފައިގެން މާލެ އަންނާކަށް. އެ ސަރަހައްދަކުން އެ ހިދުމަތް ލިބެން ހުރުމަކީ ހިދުމަތުގެ އަގު ހެޔޮވެފައި ރައްޔިތުންނަށް އޭގެ ލުއިފަސޭހަކަންވެސް ލިބިގެންދާނެ ކަމެއް" އެމްޑީ މަދަނީ އަބްދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު އޮންނަ ގޮތުން ވާ ދަތީގެ އިތުރުން ގޭސް ލިބޭ އަގުވެސް ބޮޑުވާ ކަމަށެވެ.
އުތުރާއި ދެކުނުން މޯލްޑިވްސް ގޭސް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ތަސައްވުރެއް އޮތް ކަމަށް ވިދާޅުވި ނަމަވެސް އެއީ ކޮން އިރަކު ފުރިހަމަ ކުރައްވާނެ ކަމެއް ކަން އެމްޑީ ސާފުކޮށެއް ނުދެއްވަ އެވެ. ކުރިން އޮތް ރައީސް ސޯލިހުގެ ސަރުކާރުން ވެސް އުތުރާއި ދެކުނުން މޯލްޑިވްސް ގޭސް ލިބޭނެ އިންތިޒާމެއް ހަމަޖައްސާނެ ކަމަށް ވެރިކަމާ ހަވާލުވި ދުވަސްވަރު ބުނަމުން ދިޔަ އެވެ.