މޯލްޑިވްސް އިމިގްރޭޝަނުން ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ހަ މަސް ދުވަހުގެ މުއްދަތަކަށެވެ. ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ފުލުހުން އެދިގެން ކަމަށް މައުލޫމާތު ލިބެ އެވެ.
ކޮރަޕްޝަންގެ ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ހަ މަސް ދުވަހުގެ މުއްދަތަކަށެވެ. ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ފުލުހުން އެދިގެން ކަމަށް މައުލޫމާތު ލިބެ އެވެ.
އެފްއޭއެމްގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގުގައި އެންމެ ބޮޑު ތުހުމަތެއް އޮތީ ބައްސާމްގެ މައްޗަށެވެ. ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ކުރިން ވިދާޅުވެފައި ވަނީ އެކިއެކި ބޭރުގެ ޖަމިއްޔާތަކުން ފޮނުވާ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވޭ ކަމަށެވެ.
މި މައްސަލައިގައި ހެކި ހޯދަމުން ދާއިރު، ފައިނޭންޝަލް ކަރައިމްތަކުގައި އާންމު ގޮތެއްގައި ވަރަށް ފަސޭހައިން ހެކި ހޯދޭނެ ކަމަށް ޝަމީމް ވިދާޅުވެފައިވެ އެވެ. އެމީހުން ދަތުރުކޮށްފަ ހުރި މަގާއި ވިޔަފާރިކޮށްފައި ހުރި ޝޮޕިން މޯލްތަކަށް ދަންދެން ހޯދޭނެ ކަމަށް ޝަމީމް ވިދާޅުވެފައިވެ އެވެ.
"އެފްއޭއެމްގެ ކަންކަމުގަ އަޅުގަނޑަށް މައުލޫމާތު ލިބެނީ އަޅުގަނޑުމެން ބަލަން ޖެހޭ ކަންކަން އެބަހުރި ކަމަށް. އެވާ ގޮތަކީ ބައެއް ކަހަލަ ލިޔުންތައް ބަލަހައްޓާފަ ހުރީކީ އާންމު ގޮތެއްގަ އިންސާނުން ލިޔުން ބަލަހައްޓާ ގޮތަކަށް ނޫން. އެހެންވީމަ ބައެއް ކަހަލަ ދަތިތައް ހުންނާނެ އެ އެއްޗެހި ހޯދާ ނިއުޅަން،" ތަހުގީގު ލަސްވާ ސަބަބެއްގެ ގޮތުގައި ޝަމީމް ވިދާޅުވި އެވެ.
ބައްސާމަކީ ވަރަށް ގިނައިން ރާއްޖެއިން ބޭރަށް ދަތުރުކުރައްވާ ބޭފުޅެކެވެ. އެކި ގައުމުތަކަށް ޗުއްޓީ ހޭދަކުރައްވަން ވަޑައިގެން ސޯޝަލް މީޑިއާގައި ފޮޓޯތައް އާންމު ކުރެ އެވެ. އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ރާއްޖޭން ފުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ކަމަށް މައުލޫމާތު ލިބެ އެވެ.