އެމްޑީޕީ ޕީޖީ ދެބައިވެއްޖެ، ސައްލެއާ ދެކޮޅަށް ޖާބިރު ނެރެފި

ތޮއްޑޫ ދާއިރާގެ މެމްބަރު ތެދުވެވަޑައިގެން ޖާބިރުގެ ނަން ހުށަހެޅުއްވީ އެވެ. ޖާބިރުގެ ނަމަށް ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ވަނީ ތާއީދު ކުރައްވާފަ އެވެ.

މެންބަރު ސަލީމް އާއި މެންބަރު އަބްދުﷲ ޖާބިރު: އެމްޑީޕީގެ ޕީޖީ ވަނީ ދެބައިވެފަައި

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސްގެ މަގާމަށް ޕާލިމެންޓްރީ ގްރޫޕުގައި ނެގި ސިއްރު ވޯޓްގައި ކުރި ހޯއްދަވާ، އެމްޑީޕީން ހުށައަޅާނެ ބޭފުޅަކަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ހަމަޖައްސާފައި ވަނިކޮށް ފަހު ވަގުތު މަޖިލީސް ތަޅުމުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ނަން ހުށަހަޅައިފި އެވެ.

މަޖިލީހުގެ ނައިބް ރައީސްގެ މަގާމަށް އެމްޑީޕީން ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ކުރިމަތިލާން ހުޅުވާލުމުން ތިން މެންބަރަކު ކުރިމަތި ލެއްވި އެވެ. އެއީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާއި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

އެކަމާމެދު ގޮތް ނިންމަން މިއަދު ހަވީރު ޕީޖީ ގުރޫޕްގެ މެންބަރުން ވަނީ އެއްވެފައެވެ. ޕީޖީ ގުރޫޕްގެ ހުރިހާ މެންބަރުން -- 55 މެންބަރުން ބައިވެރިވެ ވޯޓް ދީފައިވެއެވެ. ގިނަ ވޯޓް ހޯއްދެވީ މެމްބަރު ސަލީމެވެ. އެއީ 26 ވޯޓެވެ. ރޮޒައިނާ އަށް ލިބުނީ 23 ވޯޓެވެ. ޖާބިރަށް ހަތަރު ވޯޓެވެ.

ނައިބް ރައީސް ހޮވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާދަކުރާނެ ނަންތައް ހުށަހެޅުއްވިއިރު ސަލީމްގެ ނަން ހުށަހަޅުއްވައި ގިނަ މެމްބަރުންތަކެއް ތާއީދު ކުރެއްވި އެވެ. ނަމަވެސް ތޮއްޑޫ ދާއިރާގެ މެމްބަރު ތެދުވެވަޑައިގެން ޖާބިރުގެ ނަން ހުށަހެޅުއްވީ އެވެ. ޖާބިރުގެ ނަމަށް ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ވަނީ ތާއީދު ކުރައްވާފަ އެވެ.

މިއަދު ހަވީރު އެމްޑީޕީ ޕީޖީ ގްރޫޕުން ނެގި ވޯޓުގެ އެންމެ ކުރީގައި އޮތީ ސަލީމެވެ. ޖާބިރަށް ލިބުނީ އެންމެ ހަތަރު ވޯޓެވެ.

  •  ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް - 26 ވޯޓް
  •  އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް - 23 ވޯޓް
  •  ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު - 4 ވޯޓް

ނައިބް ރައީސްގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު އިސްތިއުފާ ދެއްވުމުންނެވެ. އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ދަނިކޮށެވެ. އިސްތިއުފާ ދެއްވީ ޖަވާބު ދާރީވުމުގެ ގޮތުން އަމިއްލަ ދިފާއުގައި ވާހަކަ ދައްކަވާ ނިންމާލަމުންނެވެ.

އީވާ އިސްތިއުފާ ދެއްވުމާއެކު، އީވާ ވަކިކުރުމުގެ ބަހުސް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. އަދި ވޯޓަށް އަހާފައެއް ވެސް ނުވެ އެވެ. އީވާ ދެއްކެވި ވާހަކަތަކަށް ރައްދު ނުދެވުމުން އެމްޑީޕީ ބައެއް މެމްބަރުން ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.