އިންޑިއާ ސިފައިން ތިބި އަދަދު ޖެހޭނީ ބަލައިލަން: ރައީސް

"އަޅުގަނޑު ޖެހޭނީ އިތުރަށް ބަަލައިލަން ތި އަދަދާ ބެހޭ ގޮތުން. [ރާއްޖެގައި އިންޑިއާ ސިފައިން ތިބި އަދަދާ ބެހޭ ގޮތުން]. އަދަދު ޗެކްކޮށްފައި އަޅުގަނޑު ދަންނަވާލާނަން،"

ރައީސް މުއިއްޒު ރާއްޖެ ވަޑައިގަތުން

ރާއްޖޭގައި އިންޑިއާ ސިފައިންގެ ޖުމްލަ 77 ސިފައިންގެ މީހަކު ގާއިމްވެ އެބަ ތިބި ކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފައި ވަނިކޮށް އެ އަދަދު އިތުރަށް ޔަގީން ކޮށްލަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ތުރުކީ އަދި ދުބާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން އެއާޕޯޓްގައި ރައީސް ވަނީ މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފަ އެވެ. ނޫސްވެރީންގެ މައިގަނޑު ސުވާލުތައް އަމާޒު ކުރީ ރާއްޖޭ ގައި ތިބި އިންޑިއާ ސިފައިން ބޭލުމާއި ގުޅޭގޮތުންނެވެ.

ރާއްޖޭގައި އިންޑިއާ ސިފައިންގެ ޖުމްލަ 77 ސިފައިންގެ މީހަކު ގާއިމްވެ އެބަ ތިބި ކަމަށް ދިވެހި ސަރުކާރުން ކުރީން ހާމަކޮށްފައި ވާތީ އެއީ ކެމްޕެއިން ގައި ދެއްކި ވާހަކަތަކުގައި ފާހަގަ ކުރެއްވި އަދަދަށް ވުރެ މާ މަަދު އަދަދެއް ކަމަށް ފާހަގަކޮށް އެކަމާއި ގުޅޭގޮތުން ސުވާލު ކުުރުމުން ރައީސް ވިދާޅުވީ ސިފައިން ތިބި އަދަދު ދެންނެވީ އިތުރަށް ބަލާ ޗެކް ކުުރުމަށް ފަހު ކަމަށެވެ.

"އަޅުގަނޑު ޖެހޭނީ އިތުރަށް ބަަލައިލަން ތި އަދަދާ ބެހޭ ގޮތުން. [ރާއްޖެގައި އިންޑިއާ ސިފައިން ތިބި އަދަދާ ބެހޭ ގޮތުން]. އަދަދު ޗެކްކޮށްފައި އަޅުގަނޑު ދަންނަވާލާނަން،" މާބޮޑަށް ތަފްސީލަށް ވަޑައިނުގެން ރައީސް މުއިއްޒު ވިދާޅުވި އެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު އޮތް ނޫސްވެރީންގެ ބައްދަލްވުމެއް ގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓްރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް ވަނީ ރާއްޖޭގައި އިންޑިއާ ސިފައިންގެ ތަފްސީލް ހާމަ ކުރައްވާފައެވެ. އެ ދުވަހު ފިރުޒުލް ވިދާޅުވީ ރާއްޖޭގައި ތިބީ 77 ސިފައިން ކަމަށެވެ. އެއީ؛

  •  ފުރަތަމަ ހެލިކޮޕްޓަރު ބަލަހައްޓަން 24 ސިފައިން
  •   ދެވަނަ ހެލިކޮޕްޓަރު ބަލަހައްޓަން 26 ސިފައިން
  •   ޑޯނިއާ މަތިންދާބޯޓް ދުއްވުން 25 ސިފައިން
  •   މެއިންޓެނެންސް / އިންޖީނިއަރިން މަސައްކަތަށް ދެ ސިފައިން

ފިރުޒުލް ވަނީ ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި އިންޑިއާ ސިފައިން ކޮށްފައިވާ ކަންކަމުގެ ތަފްސީލެއް ވެސް ދެއްވާފަ އެވެ. އެގޮތުން، މެޑިކަލް އިވެކުއޭޝަންގެ ގޮތުގައި 661 އިވެކުއޭޝަނާއި، ސާވަލަންސްގެ 220 މަސައްކަތުގެ އިތުރުން އޮޕަރޭޝަން ސާޗް މިޝަންގެ 100 މިޝަން ފުރިހަމަ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ޑިފެންސާ ގުޅޭ ތަމްރީނުތައް ހިންގުމާއި އެއާ ކްރޫ ޓްރާންސްފާ އަދި ވީއައިޕީގެ އެކި މަސައްކަތްތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ރައީސް މިއަދުވެސް ވިދާޅުވީ ރާއްޖޭގައި އެެހެން އެއްވެސް ގައުމެއްގެ ސިފައިން ތިބެން ފުރުސަތު ނުދެއްވާނެ ކަމަށް ވެވަޑައިގެންފައިވާ ވައުދުގެ މަތީގައި ދެމި ހުންނެވި ކަަމަށެވެ. އިންޑިއާ ސިފައިން ބޭލުމުގެ ވާހަކަ ދެއްކެވީ ކެމްޕެއިން ގައި ވޯޓް ހޯއްދެވުމަށް ނޫން ކަމަށާ އެއީ ދިވެއްސެއްގެ ހައިސިއްޔަތުން އެކަން އެގޮތަށް ވުމަށް އެދިވަޑައިގަންނަވާތީ ދެއްކެވި ވާހަކަފުޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ރައީސް އޮފީސް

ރައީސް ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މަރުހަލާ ގައި ވެސް އިންޑިއާ ސަފީރާއެކު ދެތީން ބައްދަލްވުން ބޭއްވުނު ކަމަށާ އެ ބައްދަލްވުންތަކުގައި އިންޑިއާ ސިފައިންގެ މައްސަލާގައި ސަރުކާރުގެ ވިސްނުމާއި ސްޓޭންޑް ހާމަކޮށް ވަރަށް ތަފްސީލްކޮށް އެ ވާހަކަތައް ދެކެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ސާފުކޮށް 18 ނޮވެންބަރު ގައި -- މާނައަކީ ހުވާކޮށްގެން ދެން ޖެހިގެން އައި ދުވަހު ރަސްމީކޮށް އަޅުގަނޑުމެންގެ ފަރާތުން ދިވެހި ސަރުކާރުގެ ފަރާތުން އިންޑިއާ ސަރުކާރަށް ދެންނެވިން މިތަނުގައި [ރާއްޖޭގައި] ތިބި ބޭރުގެ ސިފައިން އިންޑިއާ ސިފައިން ގެންދަވާށޭ. އެހެންވީމަ ރަސްމީކޮށް އެ އޮތީ ހުށައެޅިފައި،" 

އަދި ވިދާޅުވީ މިއަދާ ހަމައަށް ބޭއްވުނު ހުރިހާ ބައްދަލްވުމެއް ގައި އިންޑިއާ ސިފައިން އަނބުރާ ގެންދާނެ ކަމުގެ ޔަގީންކަން އިންޑިއާ ސަރުކާރުން ދީފައިވާ ކަމަށެވެ. އެ މަސައްކަތްތައް ޓެކްނިކަލް ލެވެލްގައި ހިނގަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

"އިންޑިއާ ސަރުކާރުން އަޅުގަނޑުމެންނާއި އެއްބަސްވެފައި ވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދާނެ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެންމެ އިސްކަން ދެއްވާނީ އެކަމަކަށް ކަމަށް ވިދާޅުވި އެވެ. ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ތިބުމަކީ ގައުމުގެ މިނިވަން ކަމާއި އިސްތިގުލާލަށް އޮތް ހުރަހެއް ކަމަށް ވެސް މުއިއްޒު ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.