"ނާޖާއިޒް ކަންކަން ކުރީމަ އެވާހަކަ ދައްކާ މީހުންނަށް އަދަބު ދެވިދާނެ. އެހެންނަމަވެސް މަގާމެއް ދިފާއު ކުރުމަށް ބޭއިންސާފަށްދާ ގަޑީގައި ދޫ ބަންދުކޮށްގެން އިނުން އެއީ އަޅުގަނޑު ދަންނަ ތަރުބިއްޔަތެއް ނޫން،" އީވާ އަމިއްލަ ދިފާއުގައި ވިދާޅުވިއެވެ
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ހުށަހެޅީ، އޭރުގެ އެމްޑީޕީގެ ސަރުކާރުން ހިންގި ޖަރީމާތަކާ ދެކޮޅަށް ވަކާލާތު ކުރުމުން އެކަމުގެ އަދަބެއްގެ ގޮތުގައި ކަމަށް އެކަމަނާ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީވާ ވަކިކުރުމުގެ ގަރާރު ހުށަހެޅުމުން ޖަވާބުދާރީވެ ވަޑައިގަތުމަށް އީވާއަށް ވަނީ 30 މިނެޓްގެ ވަގުތު އަރުވާފަފަ އެވެ. އެކަމަނާ މަޖިލީހުގައި ޖަވާބުދާރީވެ ވަޑައިގެން ނިންމަވާލައްވަމުން މިއަދު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އެހެންވެ އެކަމަނާގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ކުރިޔަކަށް ނުގެން ދެވުނެވެ.
މަޖިލީހުގައި ޖަވާބުދާރީވެ ވަޑައިގަތުމަށް ވާހަކަފުޅު ފައްޓަވަމުން އީވާ ވިދާޅުވެފައި ވަނީ އެކަމަނާއަކީ އެމަގާމަށް ނާގާބިލް ބޭފުޅެއް ކަމަށް މަޖިލީހުގެ އެއްވެސް މެމްބަރަކު ދެކެވަޑައިނުގަންވާނެ ކަމަށެވެ. މިހާތަނަށް ގާނޫނުއަސާސީއާ އަދި މަޖިލީހުގެ ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ވެސް ނުވާނެ ކަމަށެވެ.
"ހަގީގަތަކީ ނާގާބިލް ކިބުރުވެރި ސަރުކާރަކާ ދިމާލަށް ނާގާބިލު ކިބުރުވެރިއޭ ބުނުން. އެމްޑީޕީގެ ސަރުކާރަށް ނުރުހުނީމަ އަޅުގަނޑަށް ދިން އަދަބެއް މީ،" އެމްޑީޕީން ވަކިވުމަށް ފަހު އުފެއްދި ދަ ޑިމޮކްރެޓްސް ޕާޓީގެ މެމްބަރު އީވާ ވިދާޅުވި އެވެ.
އީވާ ދެން ދެއްކެވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ މައްސަލަތަކެވެ. ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަށް ގެނައި ވެންޓިލޭޓަރުތަކުން ވައްކަން ކުރި ކަމާއި، ދައުލަތުގެ ދަރަނި އިންތިހާޔަށް ބޮޑުވުމާއި، އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ ނުބެލުން ފަދަ ކަންކަން އެކަމަނާ ފާހަގަ ކުރެއްވި އެވެ. ވިދާޅުވީ އެމްޑީޕީން އެކަމަނާއާ ދެކޮޅުވީ އެ ކަންކަމާ ނުރުހިގެން ސަރުކާރާ ދެކޮޅަށް އަޑުއުފުލުމުން ކަމަށެވެ.
"ނާޖާއިޒް ކަންކަން ކުރީމަ އެވާހަކަ ދައްކާ މީހުނަށް އަދަބު ދެވިދާނެ. އެހެންނަމަވެސް މަގާމެއް ދިފާއު ކުރަން ބޭއިންސާފަށް ދާ ގަޑީގައި ދޫ ބަންދުކޮށްގެން އިނުން އެއީ އަޅުގަނޑު ދަންނަ ތަރުބިއްޔަތެއް ނޫން،" އީވާ އަމިއްލަ ދިފާއުގައި ވިދާޅުވި އެވެ.
އީވާ ވިދާޅުވީ އެމްޑީޕީ އުފެދިގެން އައީ ވަރަށް ވަރުގަދަ އަސާސްތަކެއްގެ މައްޗަށް ކަމަށެވެ. އެމްޑީޕީ އުފައްދަން ކުރި މަސައްކަތްތަކާއި ކުރި މުޒާހަރާތައް ވެސް ފާހަގަ ކުރެއްވި އެވެ. އެ އަސާސްތަކަކީ ރައްޔިތުން ހިތްވަރު ހޯދާ ކަންކަމަށް ވާއިރު، ނިމިދިޔަ އެމްޑީޕީ ސަރުކާރުން މަސައްކަތްކުރީ އެކަންކަމާ ހިލާފަށް ކަމަށް ވެސް ވިދާޅުވި އެވެ.
"ހަގީގަތަކީ އެ ވައްކަމުގެ ހާލީގަ އަޅުގަނޑު ތާށި ނުވީ، ހަގީގަތަކީ އެ ވައްކަމުގެ ތެރެއަށް އަޅުގަނޑު ގަންބާ ނުލެވުނީ. އެއީ އަޅުގަނޑަށް އަދަބު މި ދޭ ސަބަބަކީ،" އީވާ ވިދާޅުވި އެވެ.
އީވާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރާއި މަޖިލީހުގެ ސުޕަ މެޖޯރިޓީ ދޫކޮށްލަން ޖެހިވަޑައިގަތީ އެހެންވެ ކަމަށެވެ. ދަ ޑިމޮކްރެޓްސް އުފައްދަން ޖެހުނީ އެތައް ރައްޔިތުންނެއްގެ އުންމީދު ގެއްލިގެން ދިއުމުން ކަމަށެވެ. އެމްޑީޕީން ވަކިވީ ވަގުތީ ގޮތުން މާ ބޮޑު މޮޅެއް ނުވާނެކަން އެނގޭތީ ކަން ވެސް އެކަމަނާ ފާހަގަ ކުރެއްވި އެވެ.
އަދި އެކަމަނާ މަސައްކަތް ކުރައްވަނީ ބޮޑުބޭބެފުޅު ރައީސް މުހައްމަދު ނަޝީދު ދިފާއު ކުރެއްވުމަށް ކަމަށް އެމްޑީޕީން ދައްކާ ވާހަކަތަކަށް ވެސް އެކަމަނާ ރައްދު ދެއްވި އެވެ. ވިދާޅުވީ، ރައީސް ނަޝީދު ވަކިކުރަން ހުށަހެޅި މައްސަލައިގައި އެމަނިކުފާނު ދިފާއު ކުރައްވަން "ޗުއްޕު" ވެސް ވިދާޅު ނުވާ ކަމަށެވެ. އަދި އޭރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވީ ވެސް ބޭބެއެއްކަން ވެސް ފާހަގަ ކުރެއްވި އެވެ.
"މަނިކުފާނުމެން [އަސްލަމް އަދި އެމްޑީޕީ މެމްބަރު] ހުއްޓާ ނުލާ ހަ މަސް ދުވަސް ވަންދެން ޕްރެސް ކޮންފަރެންސްތަކުގައާ ސޯޝަލް މީޑިއާގައި، ބޭބެ ދިފާއު ކުރާށޭ ވިދާޅުވަމުން ގެންދިޔައީމަ އަޅުގަނޑު މި ދަންނަވަނީ، [މިދިޔަ] ވެރިކަމުގައި ވެސް ހުރީ އަޅުގަނޑުގެ ބޭބެ، ދެފަރާތުގެ ބޭބެ، މައިފުށާ ބަފައިފުށުގެ ބޭބެ. ހިލާފު އުފެދިގެންދާ ގަޑީގައި އަޅުގަނޑަކީ އެއް އިރެއްގައި ވެސް ޒާތީ ކަމަކާ އުޅުނު މީހެއް ނޫން، ހިލާފު އުފެދިގެންދާ ގަޑީގައި އަޅުގަނޑު ބާރުގަދަ ބޭބެ ނުވަތަ ދެރަވަރު ބޭބެ ނުވަތަ ފައިސާ ބޭބެ، ޒާތީ ކަންކަން ހިޔާރުކޮށްފައެއް ނޯންނާނެ،" ބޭބެ ދިފާއު ކުރައްވަނީ ކަމަށް ދެއްކެވި ވާހަކަތަކަށް އީވާ ރައްދު ދެއްވަމުން ވިދާޅުވި އެވެ.
އީވާ ވިދާޅުވެފައި ވަނީ ނައިބު ރައީސްގެ މަގާމުގައި ކުރެއްވީ އިހުލާސްތެރި މަސައްކަތްޕުޅެއް ކަމަށެވެ. އެއީ ޝައްކެއް އޮތް ކަމެއް ނޫންކަމަށް ވެސް ވިދާޅުވި އެވެ.
ޖަވާބްދާރީވުމަށްފަހު އީވާ އިސްތިއުފާ ދެއްވުމާއެކު، މިރޭ މަޖިލީހުގެ ނައިބް ރައީސް ހޮވުމަށް ޖަލްސާއެއް ބާއްވާނެކަން އަސްލަމް ވަނީ އިއުލާނު ކުރައްވާ ޖަލްސާ ނިންމަވާލައްވާފަ އެވެ.