ހާރިޖީ މިޝަންތަކުގެ މަސައްކަތްތައް ބައްޓަން ކުރާނީ އެ ގައުމެއްގައި ތިބި ދިވެހިންގެ ކަންކަމަށް ސަމާލުކަން ދީގެން ކަމަށާ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރާނެ ގޮތަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުން ގައުމަކަށް އާ ސަފީރެއް ހަމަޖައްސަވާއިރު ކުރިއަށް ވުރެ ރަނގަޅަށް ކަންކަން ކޮށްދޭނެ ބޭފުޅުން ހަމަޖައްސާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
އެމަނިކުފާނު އެ ޔަގީންކަން ދެއްވީ ޔުނައިޓެޑް އެރެބް އެމިރޭޓްސް ގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވައި ރޭ ދެއްކެވި ވާހަކަފުޅު ގައެވެ. އެމަނިިކުފާނު ތަކުރާރު ކުރައްވާ ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންނާ އެކީ ގައި ރައްޔިތުންގެ އަޑު އަހައިގެން ކަމަށެވެ. އަދި ކަންކަން ބައްޓަންކޮށް ނިންމުންތައް ނިންމާނީ ރައްޔިތުންގެ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ފަދަ ގޮތަކަށް ކަމުގައި ވިދާޅުވި އެވެ.
އެގޮތުން ކޮންމެ ގައުމެއްގައި ތިބި ދިވެހިންނަށް ދިވެހި ސަރުކާރުގެ ފަރާތުން މިހާރަށް ވުރެ ރަނގަޅަށް ކަންކަން ކޮށްދިނުމުގެ ސިޔާސަތު މި ސަރުކާރުން ގެންގުޅުއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހާރިޖީ މިޝަންތަކުގެ މަސައްކަތްތައް ބައްޓަން ކުރާނީ އެ ގައުމެއްގައި ތިބި ދިވެހިންގެ ކަންކަމަށް ސަމާލުކަން ދީގެން ކަމަށާ ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރާނެ ގޮތަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު މި ސަރުކާރުން ގައުމަކަށް އާ ސަފީރެއް ހަމަޖައްސާއިރު ކުރިއަށްވުރެ ރަނގަޅަށް ކަންކަން ކޮށްދޭނެ ބޭފުޅުން ހަމަޖައްސާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
މިރޭގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކަށް އޮތީ ގައުމިއްޔަތު ދިރުވައި އާލާކުރުން ކަމުގައި ވިދާޅުވެފަ އެވެ. މި ސަރުކާރުން އަލަށް އުފެއްދި މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖްގެ މަސައްކަތްތަކުގެ ތެރެއިން އެމްބަސީތަކާއި ކޮންސިއުލޭޓްތަކާ ގުޅިގެން ރާއްޖެއިން ބޭރުގައި ތިބޭ ދިވެހިންނަށް ވެސް ދިވެހި ބަހާއި އިސްލާމްދީނަށް ލޯބި ޖެހޭނެ ގޮތަށް މަސައްކަތްތައް ރާވައި ހިންގުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް އިސްލާމްދީނުގައި ހުރިކަންކަން ދަސްކޮށްދީ އިސްލާމްދީނުގައި އޮންނަ ރީތި ހަމަތަކުގެ މަތީގައި ކުދިން ބޮޑުކޮށް ހަރުދަނާ އަގީދާ އެއް ގާއިމު ކޮށްދިނުމާ އެކު، އާންމުކޮށް މި އޮންނަ ކޮންސިއުލާ މަސައްކަތްތަކުގެ އިތުރަށް ދިވެހިބަހާއި އެކީގައި ދީނީ ކަންކަން އިސްލާމްދީނުގެ މާއްދާ އާއި ގުޅޭގޮތުން ކިޔަވާދިނުމުގެ ކަންތައްތަކެއް ރާވައިގެން ކުރިއަށް ގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގަމިއްޔަތު ދިރުވައި އާލާކުރުމަށް މި ސަރުކާރުން ފެށި މަސައްކަތަކީ ރާއްޖޭގެ އިމުން ބޭރަށް ދިވެހިން ތިބި ކޮންމެ ތަނަކަށް އެކަން ފުޅާކޮށް ރައްޔިތުންނާ ހަމައަށް ގެންގޮސްދިނުމަށްޓަކައި ކުރަން ވިސްނަވާފައި އޮތް ކަމެއް ކަމަށެވެ. ހަމަ އެއާއެކު އަންނަން އޮތް ޖީލުތަކަށް ދިވެހިވަންތަކަން ވާސިލު ކޮށްދިނުމު ގައި ދިވެހި ރައްޔިތުން ފަހުރުވެރިވާ ފަދަ ގޮތަކަށް މަސައްކަތް ކުރައްވާނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.