ޕީއެންއެފް މައިގަނޑު އަސާސްތަކަކީ ރައީސް ޔާމީން ދޫކޮށްލެއްވި ޕީޕީއެމްގެ ވެސް އަސާސްތައް ކަމުގައިވާ ގައުމުގެ ސިޔާދަތާ މިނިވަންކަމާއި އިސްލާމްދީން ހިމާޔަތް ކުރުމުގެ އިތުރުން އިގްތިސޯދީ މިނިވަންކަން ކަމަށް މަސައްކަތް ކުރުމެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަލަށް އުފެއްދައްވާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އަންނަ ގޮންޖެހުންތަކުގައި މޭ އައްޑަނަ އަކަށް ދިއްކޮށް މި ސަރުކާރު ވެސް ދިފާއު ކުރާނެ ޕާޓީއެއް ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަދި އާ ޕާޓީ ހެދުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން މަސައްކަތް ކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް އުފައްދަން ހުއްދަ ދިނުމުން ޖަމީލު ނޫސްވެރިންނާ ބައްދަލު ކުރައްވާ މިއަދު މެންދުރު ފަހު ވިދާޅުވީ "އިރާދަ ކުރެއްވިޔާ މި އުފެދިގެން ދަނީ ހަގީގީ މާނައިގައި ރާއްޖޭގެ ރައްޔިތުންނާއި ރައީސް ޔާމީނުގެ ފިކުރު" ގެ ޕާޓީ ކަމަށެވެ.
މީގެ އިތުރުން ޖަމީލު ވިދާޅުވީ "ރައީސް ޔާމީންގެ މި ޕާޓީ ވެގެން ދާނީ މި ސަރުކާރަށް ވެސް [ރައީސް މުއިއްޒުގެ ސަރުކާރަށް] އަންނަ ގޮންޖެހުންތަކުގައި މޭ އައްޑަނައަކަށް ދިއްކޮށްގެން މި ސަރުކާރު ވެސް ދިފާއު ކުރާނެ ޕާޓީއަކަށް" ކަމަށެވެ.
ޕީއެންއެފް މައިގަނޑު އަސާސްތަކަކީ ރައީސް ޔާމީން ދޫކޮށްލެއްވި ޕީޕީއެމްގެ ވެސް އަސާސްތައް ކަމުގައިވާ ގައުމުގެ ސިޔާދަތާ މިނިވަންކަމާއި އިސްލާމްދީން ހިމާޔަތް ކުރުމުގެ އިތުރުން އިގްތިސޯދީ މިނިވަންކަން ކަމަށް މަސައްކަތް ކުރުމެވެ.
ޖަމީލު ވިދާޅުވީ ޕީއެންއެފަކީ އެމްޑީޕީގެ ފިކުރުން ނޫން ކަމަށާއި އެ ޕާޓީއަކީ ޕީޕީއެމްގެ ފިކުރު ކަމަށާއި އެހެންކަމުން ރައީސް މުއިއްޒުގެ ސަރުކާރުން އެ ފިކުރު ގައި ކުރާ ހުރިހާ ކަމެއްގައި ފުރިހަމަޔަށް އެއްބާރުލުން ދޭނެ ކަމަށެވެ.