އާ ސަރުކާރުން ވަނީ ކުރިން ފަށާފައިވާ މަޝްރޫއުތަށް ކުރިއަށް ގެންގޮސް ނިންމާނެކަމުގެ ޔަގީންކަން ދީފަ އެވެ.
ކުރި ސަރުކާރުން ރަށްރަށުގައި ހިންގަން ހުޅުވާލި މަސައްކަތްތަކުގެ ތެރޭން މި ސަރުކާރަށް ވާރުތަވި ދެ ހޮސްޕިޓަލާއި ހަތަރު ސްކޫލެއް އަލުން ބީލަމަށް ހުޅުވާލައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެތައް ފަހަރެއްގެ މަތިން ބީލަމަށް ހުޅުވާލި ނަމަވެސް މަސައްކަތް ކުރާނެ އެއްވެސް ފަރާތެއް ކުރިމަތިލާފައި ނެތް މަސައްކަތްތަކުގެ ތެރޭން މިފަހަރު ބީލަމަށް ހުޅުވާލާފައި ވަނީ ދިގުރަށުގައި ތިން ބުރީގެ މަލްޓި ޕާޕަސް ހޯލެއް އެޅުމުގެ މަސައްކަތަކާއި ކެޔޮދޫގައި ހަތަރު ބުރީގެ މަލްޓިޕާޕަސް ހޯލެއްގެ އެޅުމުގެ މަސައްކަތެއްގެ އިތުރުން ނޮޅިވަރަންފަރުގައި އާ ސްކޫލެއް އެޅުމުގެ މަސައްކަތެކެވެ. މީގެ އިތުރުން ބީލަމަށް ލާފައިވަނީ މަހިބަދޫގައި ހޮސްޕިޓަލެއް އެޅުމާއި މުލީ ރީޖަނަލް ހޮސްޕިޓަލްގެ މަސައްކަތެވެ.
މި އަހަރުގެ ބަޖެޓުގައި ތަރައްގީގެ މަސައްކަތް ނުވަތަ ޕީއެސްއައިޕީގެ ގޮތުގައި ހަ ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަން ޖެހި އެވެ. އާ ސަރުކާރުން ވަނީ މިހާރު ކުރިއަށްދާ ބަޖެޓުގައި ހުރި ތަރައްގީގެ މަޝްރޫއުތައް ހުއްޓާ ނުލާނެކަމުގެ ޔަގީންކަން ދީފަ އެވެ. ނަމަވެސް އަންނަ އަހަރު ބައެއް މަޝްރޫއުތަށް ނުހިންގާ ހުއްޓާލަން ޖެހިދާނެ ކަމަށް އާ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެފައި ވެއެވެ.
"ބައެއް ޕްރޮޖެކްޓްތަކަކީ މި ވަގުތަށް ކުރިއަށް ގެންދަން އެންމެ ރަނގަޅު ޕްރޮޖެކްޓްތަކަށް ނޫން ވެއްޖެނަމަ އެ އެއްޗެހި [މަޝްރޫއު] ތައް ރީ ޝެޑިއުލް ކުރާނަން،" ޝަފީގު ވިދާޅުވި އެވެ.