މުވައްޒަފުންނަށް މުސާރަ ނުދީގެން ޝަކުވާ ކުރާ ވާހަކަ އެހުމުން މޫސަ ވިދާޅުވީ ޓޫރިޒަމް ވޯކާސް ގްރޫޕުގައި އެހެން އޮތް ކަމަށް ރައްޓެއްސަކު ބުނި ކަމަށާ، އޭގެ މައުލޫމާތެއް ނެތް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ ރަހާ ރިސޯޓުގެ ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭތާ ގިނަ ދުވަސް ވެގެން ޝަކުވާތައް ބޭރު ކުރަން ފަށައިފި އެވެ.
"މި" ނޫހަށް ވާހަކަ ދެއްކި އެ ރިސޯޓުގެ ބައެއް މުވައްޒަފުން ބުނި ގޮތުގައި ލ. އަތޮޅުގައި އޮންނަ އެ ރިސޯޓްގެ ބައެއް މުވައްޒަފުންނަށް މުސާ ނުދީ ހަތް މަސް އަދި އަށް މަސް ދުވަސް ވެފައިވާ ކަމަށެވެ.
"އެންމެ މަދުވެގެން ވެސް ތިން މަސް ވަރު މުސާރަ ނުދޭ މީހުން އެބަތި. ގިނަވެގެން ހަތް މަސް ދުވަހު މުސާރަ ނުދީ ތިބި މުވައްޒަފުންވެސް އެބަތިބި!" ނަން ނުޖެހުމަށް އެދުނު އެ ރިސޯޓްގެ މުވައްޒަފަކު ބުންޏެވެ.
ރަހާގެ ނަމުގައި ރިސޯޓެއް ހިންގަމުން ގެންދާ ކުރީގެ ފިލްމީ ތަރި، ރީކޯ މޫސަގެ އެ ރިސޯޓުގައި 80 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރެ އެވެ. އޭގެތެރޭން ގިނަ މީހުން ތިބީ މުސާރަ ނުލިބޭތީ ވަރަށް ހާލުގައި ކަމަށް ވެއެވެ.
އެ ރިސޯޓުން "މި" ނޫހާ ވާހަކަ ދެއްކި އެހެން މުވައްޒަފަކު ބުނި ގޮތުގައި ބިދޭސީންގެ ތެރެއިން ގިނަ މީހުންނަށް ވެސް މުސާރަ ނުދެ އެވެ. މުސާރަ ނުދޭތީ ޝަކުވާ ކުރަން ފެށުމުން ބައެއް މީހުން ފޮނުވާލާފައި ވެއެވެ.
"ބައެއް ބޭރު މީހުން މުސާރައިގެ ޝަކުވާ ކުރީމަ ހަދާ ގޮތަކީ ރާއްޖޭން ފޮނުވާލަނީ. މިއީ ވަރަށް ދެރަކަމެއްނު" އެ މީހާ ބުންޏެވެ.
ރީކޯގެ ރިސޯޓުގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަ މިހާރު ވަނީ ޓޫރިޒަމް މަސައްކަތްތެރިންގެ ޖަމިއްޔާ އިން ވެސް އާއްމު ކޮށްފަ އެވެ.
މުސާރަ ނުދީގެން މުވައްޒަފުން ޝަކުވާ ކުރާ މައްސަލާގައި "މި" ނޫހުން ރީކޯ މޫސައަށް ގުޅުމުން ވިދާޅުވީ ގްރޫޕެއްގައި އެހެން ލިޔެފައި އޮތް ކަމަށް އޭނާގެ ރައްޓެއްސަކު ގުޅާފައި ބުނި ކަމަށެވެ. ނަމަވެސް އޭގެ މައުލޫމާތެއް އެނގި ވަޑައިގެންފައި ނެތް ކަމަށެވެ.
އަދި ވިދާޅުވީ އޭނައަކީ "މުވައްޒަފުން ގެންގުޅޭ މީހެއް ނޫން" ކަމަށެވެ. އެފަދަ އެއްވެސް މައުލޫމާތެއް ނެތް ކަމަށެވެ. އޭގެ ފަހުން މޫސަ ވިދާޅުވީ "ގްރޫޕުތަކުގައި ހުންނަ ކޮންމެ އެއްޗެއް ނޫސްތަކުގައި ޖަހަނީ... ވިޔަފާރިއަށް ވެސް ބެލުމެއް ނެތް" ކަމަށެވެ.
މުއްސަނދި ވާ ވަރަކަށް މުސާރަ ނުދެވުމާއި ސަރުކާރަށް ދަރާ އޮންނަ ވަރު ބޮޑުވާނެ. ގިނަ ފްލެޓާއި ގެސްޓް ހައުސް އަދި ގައުމުން ބޭރުގަ ހުރި މުދާވެސް ހިމެނޭހެން