ކޮލަމް

"މި" ކޮލަމް: ރިޕަބްލިކް އޮފް ޖަނަވާރު ބަގީޗާ!

މި ޤައުމެކޭ ޖަނަވާރު ބަގީޗާ އެކޭ މިހާރު ތަފާތެއް ނެތެވެ. އިސްލާހުގެ ނަމުގައި އެމްޑީޕީ އިސްވެ އޮވެ ގެނައި އިންޤިލާބީ ބަދަލަށް ފަހު ރިޕަބްލިކް އޮފް މޯލްޑިވްސް މިވަނީ ރިޕަބްލިކް އޮފް ޖަނަވާރު ބަގީޗާ އަށް ބަދަލުވެފަ އެވެ. މި ދައުލަތާއި މިސަރުކާރު ސިފަކޮށްދޭން އެންމެ ރަނގަޅުވާނީ ޖޯޖް އޯވެލްގެ މަޝްހޫރު ވާހަކަ "އެނިމަލް ފާމް" އެވެ.

މީގެ އަހަރުތަކެއް ކުރީން އަލުގަނޑުގެ އާއިލީ މީހަކު ވިލަމެންދޫ ރިސޯޓްގެ މެނޭޖަރަކަށް ހުރިއިރު އެރިސޯޓްގެ އިންޖީނުގޭގައި އޮއިލަރ-ބޯއި އަކަށް އުޅުނު ދިވެއްސެއްގެ ވާހަކަ އެވެ. އިހަކަށް ދުވަހު ދެކުނުގެ ރަށެއްގެ ފިހާރައަކުން އެއްކަލަ އޮއިލަރ-ބޯއި އާއި ދިމާވި އިރު އޭނާ ހުރީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ހުދު ކުލައިގެ އަތްދިގު ގަމީހެއް ލައިފަ، ރީދޫ ކުލައިގެ ޓައީ އެއް އަޅާފައެވެ. ބޫޓުން އަރާ އޮފުން ލޯތަރަތަރަ ޖަހާވަރު ވެއެވެ. އަތުކުރީގައި އޮތް ގަޑީގެ އަގު އަޅުގަނޑު ދުއްވާ ސެކަންޑް ހޭންޑް ކާރުގަނޑަށް ވުރެ ބޮޑުވާނެ އެވެ. ޖަހާފަ ހުރީ އެންމެ ފަހުގެ ސެންޓެވެ. ވާހަކަ ދައްކަނީ ވަރަށް އަބުއި ކޮށެވެ. އަޅުގަނޑުގެ އާއިލީ މީހާ ވަރަށް ޝޮކުޖެހިފައި ސުވާލު ކުރިއެވެ. މިހާރު އުޅެނީ ކޮން ރިސޯރޓެއްގައި ތޯއެވެ. ތުންފަތަށް ކުޑަ ބަނޑިއެއް ލައްވާލާފައި ވަރަށް އަބުއި ގޮތަކަށް އޮއިލަރ-ބޯއި ޖަވާބު ދިނެވެ. "މިހާރު އުޅެނީ ރަށު ކޯޓުގެ ގާޒީ އަކަށް!"

ކޮންމެ ތިން ގާޒީއެއްގެ ތެރެއިން ދެމީހަކު ވާނީ ނަރަކައިގައި ކަމަށް ހަދީސެއްވާ ކަމަށާއި އެކަމާ ޖެހިލުން ނުވޭތޯ ސުވާލު ކުރުމުން ގާޒީ އަކަށް ވެގެން ހުރި އޮއިލަރ ބޯއި ބުނީ ތިމަންނާ އެކަހަލަ ގާޒީ އަކަށް ނުވާނެކަމަށެވެ. މިޒަމާނުގައި ކޮންމެ މީހަކަށް ވެސް ދެތިން އަހަރު ކިޔަވާލާފަ ގާޒީ އަކަށް ވެވެއެވެ. ރޭގަނޑު ވަގުތު ކަކުލުން މައްޗަށް ހުންނަ ސޯޓުބުރިއެއް ލައިގެން މަގުމަތީގައި ސިގިރޭޓުބޯން އުޅޭ ޓެކްސީ ޑްރައިވަރަކު ވެސް އިތުރު އާމަދަނީ އެއް ބޭނުން ވުމުން މުދިމު ކަމުގެ ކޯސް ހަދާލާފައި މުދިމަކަށް ވެއެވެ. ދެން އިވެނީ މުދިމަކު ކުޑަ ކުއްޖަކާ ބެހިގެން ހައްޔަރު ކުރި ވާހަކަ އެވެ. ނުވަތަ ގާޒީއަކު އާލަމްގީރު ކައިރިއަށް ވަދެ ލިވާތު ކުރި ވީޑިއޯ އެއް ލީކުވީ ވާހަކައެވެ.

ކޮންމެ މީހަކަށް ވެސް ކިޔަވައިގެން މޮޅު މީހަކަށްވެ، މަތީ މަޤާމް ހޯދިދާނެ އެވެ. އެއީ މައްސަލައެއް ނޫނެވެ. މައްސަލައަކީ މަޤާމް ލިބުމަށް ފަހު މީހުންގެ ކުރިމަތީ ގައި ގަދަރު ހިފަަހައްޓައި، އިޙްލާސްތެރި ނުވާތީ އެވެ. މިސްކިތު މުދިމަކަށް ހުންނަ މީހާ ހުސްގަޑީގައި ސޯޓު ބުރިއެއްލައިގެން، ކޮފީ އަކާއި ސިގިރޭޓެއް ހިފައިގެން ކައްކައް ޖަހާފަ ހޭން އިންނަ މަންޒަރު ފެނުމުން މުދިމުންނަށް ކުރާ އިހްތިރާމް ކުޑަވެއެވެ.

މީގެ 15 ވަރަކަށް އަހަރު ކުރިއާ ޖެހެންދެން ސަރުކާރު މިނިސްޓަރ ކަމަކީ ވަރަށް ގަދަރުވެރި މަޤާމެކެވެ. އުމަރު ޒާހިރު، އަންބަރީ އަބްދުއް ސައްތާރު، ފަތުހުﷲ ޖަމީލް ފަދަ މިނިސްޓަރަކު ފެނިއްޖެނަމަ، ސިޔާސީ ގޮތުން އެބޭފުޅުންނާ ޙިޔާލު ތަފާތު ވިއަސް، އެބޭފުޅުންނަށް މީހުން އިޙްތިރާމް ކުރިއެވެ. ނަމަވެސް 2008 ވަނަ އަހަރު މުހައްމަދު ނަޝީދަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަން ލިބިވަޑައިގަތް ހިސާބުން ގޭދޮށު ކުދީންކޮޅެއް ގެންނަވައި ކެބިނެޓަށް ލައްވައި، ކެބިނެޓް މިނިސްޓަރު ކަމުގެ އަގާއި ޝަހުސިއްޔަތު ވައްޓާލެއްވި އެވެ. އެހެން ބުނުމުން ނަޝީދުގެ ސަޕޯޓަރުން ބުނާނީ ކެބިނެޓު މިނިސްޓަރުން ކޮންމެހެން މާއަބުއި ބަޔަކަށް ވާކަށް ނުޖެހޭ ކަމަށެވެ. މިދައްކަނީ އަބުއިވާވާހަކައެއް ނޫނެވެ. ގައުމުގެ ބޮޑުުން ވާންޖެހޭނީ ހިތް ހެޔޮ، ރައްޔިތުންނާއި ގާތް ބަޔަކަށް ކަން ކަށަވަރެވެ. ނަމަވެސް އެހެނޭ ކިޔާފައި ޖަލްސާތަކުގައި ބޮޑުބެރު ޖަހައި، މަކުނު ނަށާހެން ފަތް ކޯންޏެއް ހިފައިގެން ނަށައި، އޮފީހުގެ ބެލްކަންޏަށް ނިކުމެ ސިގިރެޓު ބޮއެ، ބަންދު ދުވަސް ދުވަހު ރިސޯޓަށް ގޮސް ނަށާކަށް ނުޖެހެއެވެ.

އިހަކަށް ދުވަހުވެސް އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕުގައި ކުރެވުނު ބަހުސެއްގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ދެއްކެވި ވާހަކަ އަކީ މިނިސްޓަރ ކަމުގެ ހައިބަތު މިހާރު ވެއްޓިފައިވާ ވަރު ދައްކައިދިން ދަށުދަރަޖައިގެ ވާހަކަ އެކެވެ. ވަރަށް ޒިއްމާދާރުކަން ކުޑަ، ދަށް ފެންވަރުގެ ވާހަކަ އެކެވެ. ގްރޫޕު ޗެޓުގައި ރައީސް ނަޝީދު މިވިދާޅުވަނީ ރާއްޖެތެރޭ ރަށްރަށުގައި ސިނަމާ ފަދަ މުނިފޫހި ފިލުވާނެ ތަންތަން ނެތް ކަމަށާއި، ރައްޔިތުން މާލެއަށް ހިޖުރަ ކުރަނީ މުނިފޫހި ފިލުވަން ކަމަށެވެ. ނަޝީދުގެ ވާހަކައަށް އަޅުގަނޑު ކޮންމެހެން ތާއީދެއް ނުވެސް ކުރަމެވެ. ނަމަވެސް މިތަނުގައި އަޅުގަނޑުގެ ޕޮއިންޓަކީ ނަޝީދަށް ޖަވާބު ދެއްވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވި ދަށުދަރަޖައިގެ ވާހަކައެވެ. ފައްޔާޒު ވިދާޅުވީ ހުރިހާ ރަށެއްގައި އިންޓަނެޓުގެ ހިދުމަތް ލިބޭ ކަމަށާއި ރައްޔިތުން މުނިފޫހި ފިލުވަން ބަލަނީ "ޕޯން" (އޮރިޔާން ކާޑު) ކަމަށެވެ. މިއީ ކަނޑައެޅިގެން ރައްޔިތުންނަށް ކުރި ފުރައްސާރައެކެވެ. ހާއްސަކޮށް އަތޮޅުތަކުގެ މީހުންނަށް ކުރި ފުރައްސާރައެކެވެ.

އަތޮޅުތަކުގެ މީހުން ކުރާނެ ކަމެއް ނެތިގެން މޮބައިލް ފޯނާއި ކޮމްޕިއުޓަރުން އޮރިޔާން ކާޑު ބަލާނަމަ ބަލަނީ ސަރުކާރުގެ ނުބައި ކަމުންނެވެ. ވާވަރަށް ވަޒީފާ ނުއުފައްދައެވެ. ތަރައްޤީ އަންނަނީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ވޯޓުލާން ވީމައެވެ. ރާއްޖޭގެ މުއާސަލާތީ ބޮޑު ދެކުންފުންޏަށް އޮރިޔާން ކާޑު ހުއްޓުވެން އޮވެމެ ރައްޔިތުން "ޕޯން" ވެބްސައިޓުތަކަށް ވަނުން ނުހުއްޓުވަ އެވެ. ރައްޔިތުންގެ 80 ޕަސެންޓް ޕޯން ބަލާނަމަ އެކަން ހުއްޓުވަން ޖެހެނީ ވެސް އަދި ހުއްޓުވޭނީ ވެސް ސަރުކާރަށެވެ. ދާދި ފަހުން އުރީދޫގެ އިސް ބޭފުޅަކު ވިދާޅުވި ކަމަށް މީޑިއާގައި ރިޕޯރޓް ކޮށްފައި ވަނީ ސަރުކާރުން އަންގައިފި ނަމަ ޕޯން ސައިޓުތަކަށް ނުވަދެވޭ ގޮތް ހަދާނެކަމަށެވެ. މީގެން އެނގޭ އެއް ކަމަކީ މުއާސަލާތީ ކުންފުނި ތަކުން ބޭނުންނަމަ ޕޯން ސައިޓުތަކަށް ނުވަދެވޭ ގޮތް ހެދޭނެ ކަމެވެ. އަދި ސަރުކާރުން ބޭނުންނަމަ ވެސް އެކަން ކުރެވޭނެ ކަމެވެ. ނަމަވެސް އިންޓަނެޓުން އޮރިޔާން ކާޑު ބެލުން ނުހުއްޓުވައެވެ. އޮރިޔާން ކާޑު ވިއްކައިގެން ބަޔަކު މުއްސަނދި ވަނީ އެވެ. އޭގެ ފައިދާ ސަރުކާރަށް ވެސް ލިބެނީ އެވެ. އެކަން އެގޮތަށް ކޮށްފައި، ރައްޔިތުން ވާވައްދައި، މަގު ފުރައްދާފައި، އެންމެ ފަހުން އެކަމާ ގުޅުވައިގެން ރައްޔިތުންނަށް ފުރައްސާރަ ވެސް ކުރަނީ އެވެ. ލަދެއް، އަގަލެއް، ޝަހުސިއްޔަތެއް، ގަދަރެއް ނެތް މީހުން މިނިސްޓަރު ކަމަށާއި އެހެނިހެން މަތީ މަގާމް ތަކަށް ލުމުން ވާނީ މިހެންނެވެ.

މިއަދު މިޤައުމުގެ ރައްޔިތުން، ހާއްސަކޮށް ޒުވާނުން، ގަދަރު ކޮށް އިހްތިރާމް ކުރާ ވެރިއެއް ނެތެވެ. ފަނަރަ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ވެސް ޓްވިޓާ ގައި މިނިސްޓަރަަކަށް ހެޓަކަށް ބަވާލަފާނެ އެވެ. ސަބަބެއް ނެތިއެއް ނޫނެވެ. މިނިސްޓަރު ކަމަކީ މިއަދު ކަސްބީންނަށް ވުރެ ދަށުދަރަޖައިގެ ކަމަަކަށް ވެއްޖެއެވެ. އޮއިލަރ-ބޯއި ގާޒީ އަކަށް ވެ، އިންސާފަކީ އެންމެ ބޮޑު އަގަކަށް ނީލަމުގައި ވިއްކާ އެއްޗަކަށް ހަދައިފިއެވެ. މިނިސްޓަރު ކަމުގެ މަޤާމް ތަކަކީ ޕާޓީގެ ލޯޔަލް ބޯއިސް އަށް ބަހާ އެއްޗަކަށް ވެއްޖެއެވެ. އިހްލާސްތެރި ކަމެއް، ތެދުވެރި ކަމެއް، ޤާބިލް ކަމެއް ނެތަސް ވަރިހަމަ އެވެ.

މިނިސްޓަރު ކަމަށް އަންނަ އިރު އަތުކުރީގައި ކެސިއޯ ގަޑިއެކެވެ. ދައުރު ނިމޭ އިރު ރޮލެކްސް ނުވަތަ އޮމެގާ ގަޑިއެކެވެ. ވެންޓިލޭޓަރެއް އެހެން ޓަރެއް ކިޔާނެ ކަމެއް ނެތެވެ. މަޤާމް ލިބުމުން ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ ފުރަތަމަ ފުންމައި ގަންނަނީ އަމިއްލަ އެކައުންޓު ފުރާލާނެ ގޮތެއް ހޯދުމަށެވެ. ދައުލަތުގެ ހަޒާނާއިން ވައްކަން ކޮށް، ރައްޔިތުން ގުނބޯ ހައްދައި، ތަރައްޤީގެ ދަޅަ ދައްކައިގެން ނަގާ ބިޔަ ކަޓުތަކުން ދައުލަތް ދޮވެލުމަށެވެ. މިއީ މިއަދުގެ ދިވެހި ރާއްޖޭގެ ހާލަތެވެ. މިކަން ފެއްޓެވީ 2008 ވަނަ އަހަރު މުހައްމަދު ނަޝީދެވެ. ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެ ހިންގަވަނީ ހަމަ އެމަގުންނެވެ. ކެބިނެޓަށާއި ސަރުކާރު ކުންފުނިތަކަށާއި އެމްބަސީ ތަކަށް ބަލައިލުމުން އެކަން އެގޭނެއެވެ.

އަތްދިގު ހުދު ގަމީހެއް ލައިފަ، ރީނދޫ ކުލައިގެ ޓައީ އެއް އެޅުމުން މިއަދު މި ގައުމުގައި އިބިލީސް ވެސް ވަލީވެރިއަކަށް ވެދެއެވެ. ރައްޔިތުންގެ މަޖުލީހުގައި ވެސް އެފަދަ "އިއްޒަތްތެރި" ވަގުންނެވެ. ކެބިނެޓުގައި ވެސް އެފަދަ "އޮނަރަބަލް" ވަގުންނެވެ. ގާޒިންނާއި ކުންފުނިތަކުގެ މެނޭޖިންގް ޑިރެކްޓަރުންނާއި އެމްބެސެޑަރުންނާއި އެމްބަސީ ތަކުގެ މުއައްޒަފުންގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ އެވެ. ރައީސުލް ޖުމްހޫރިއްޔާގެ ވާހަކަ އަދި އަމުދުން ދެއްކުމުގެ ބޭނުމެއްވެސް ނެތެވެ.

މި ޤައުމެކޭ ޖަނަވާރު ބަގީޗާ އެކޭ މިހާރު ތަފާތެއް ނެތެވެ. އިސްލާހުގެ ނަމުގައި އެމްޑީޕީ އިސްވެ އޮވެ ގެނައި އިންޤިލާބީ ބަދަލަށް ފަހު ރިޕަބްލިކް އޮފް މޯލްޑިވްސް މިވަނީ ރިޕަބްލިކް އޮފް ޖަނަވާރު ބަގީޗާ އަށް ބަދަލުވެފަ އެވެ. މި ދައުލަތާއި މިސަރުކާރު ސިފަކޮށްދޭން އެންމެ ރަނގަޅުވާނީ ޖޯޖް އޯވެލްގެ މަޝްހޫރު ވާހަކަ "އެނިމަލް ފާމް" އެވެ. ރަނގަޅު ވެރިއަކަށް އެދި، އިސްލާހުގެ ނަމުގައި ގެންނަ އިންޤިލާބެއް ނިމިގެން، ވެރިކަން ލިބެނީ ނެޕޯލިއަން ނަމަކަށް ކިޔާ ޙުދުމުހްތާރު އޫރަކަށެވެ. މިޤައުމު ވެއްޓިފައި މިއޮތީ އެދަރަޖަ އަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.