އީސީން އެދެނީ ރޯދައިގެ ކުރިން މަޖިލީސް އިންތިހާބު ބާއްވަން

މިސާލަކަށް އެއްމަސް ދުވަސް ހޯދައިގެން އަޅުގަނޑުމެންނަށް ފަށައިގަނެވޭ ގޮތް ވެއްޖިއްޔާ ރޯދަމަހުގެ 20 ގެ ބަދަލުގަ ޝައުބާން މަހުގެ 20 ހިސާބުގަ އަޅުގަނޑުމެންނަށް އިންތިހާބު ބާއްވާ ލެވޭ ގޮތް ވެއްޖިއްޔާ ވަރަށް އޮމާންކޮށް ދާނެ،"

އިލެކްޝަން ކޮމިޝަން މެމްބަރުން މިއަދު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާ ބައްދަލުކުރައްވަނީ --

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މުއްދަތު ގުނާނަމަ، 2024 ވަނަ މަޖިލީސް އިންތިހާބު ބާއްވަން ޖެހޭނީ ރޯދަ މަހު ކަމަށާއި، އޭގެ ކުރިން އިންތިހާބު ބޭއްވޭނެ ގޮތަށް ހައްލެއް ހޯދައި ދިނުމަށް އިލެކްޝަން ކޮމިޝަނުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އެދިއްޖެ އެވެ.

ގާނޫނު ބުނާ ގޮތުގައި، ހިނގަމުން މިދާ ދައުރު ނިމެން 120 ދުވަހަށް ވުމާއެކު، 10 ދުވަހުގެ ތެރޭގައި އިންތިހާބަށް ހުޅުވާލަން ޖެހެ އެވެ. އިންތިހާބަށް ކުރިމަތިލާން 14 ދުވަހުގެ މުއްދަތެއް ދޭން ޖެހެ އެވެ. އަދި، އިންތިހާބަށް ކުރިމަތިލާ މީހުން އިއުލާނުކުރާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހެ އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ގާނޫނުގައި ކަނޑައަޅާފައިވާ ދުވަސްތަކަށް ބަލައިގެން ޓައިމްޓޭބަލް ހަދާއިރު، އިންތިހާބު ބޭއްވޭން އޮތީ ރޯދަ މަސް ތެރޭ ކަމަށެވެ. އެއީ، އަންނަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހެވެ.

ފުއާދު ވިދާޅުވީ ރޯދަ މަހު އިންތިހާބު ބާއްވާނަމަ ކެންޑިޑޭޓުންގެ ކެމްޕޭނުގެ ކަންކަމާއި އަދި އެ ކޮމިޝަންގެ މުވައްޒަފުން މަސައްކަތް ކުރުމަށް ވެސް ބޮޑެތި ދަތިތަކާއި އުނދަގޫތައް ކުރިމަތިވާނެ ކަމަށެވެ. އަދި، މިހާރު ދޭ އުޖޫރައިގައި މަސައްކަތް ކުރާނެ އޮފިޝަނުން ވެސް ނުލިބޭނެ ކަމަށެވެ.

"މިސާލަކަށް އެއްމަސް ދުވަސް ހޯދައިގެން އަޅުގަނޑުމެންނަށް ފަށައިގަނެވޭ ގޮތް ވެއްޖިއްޔާ ރޯދަމަހުގެ 20 ގެ ބަދަލުގަ ޝައުބާން މަހުގެ 20 ހިސާބުގަ އަޅުގަނޑުމެންނަށް އިންތިހާބު ބާއްވާ ލެވޭ ގޮތް ވެއްޖިއްޔާ ވަރަށް އޮމާންކޮށް ދާނެ،" ފުއާދު ހުށަހެޅުއްވި އެވެ.

އިލެކްޝަން ކޮމިޝަން މެމްބަރުން މިއަދު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާ ބައްދަލުކުރައްވަނީ --

އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ގާނޫނު ބުނާ މުއްދަތުގެ ތެރޭގައި އިންތިހާބު ބާއްވަން ބަލާއިރު ނުކުންނަ އަނެއް މައްސަލަ އަކީ، އޯލެވެލް އިމްތިހާނަށް ތައްޔާރުވުމުގެ ގޮތުން ސްކޫލްތަކުގެ މޮކް އިމްތިހާނު ވެސް އެ ދުވަސްވަރު ބޭއްވުމެވެ. އެ ޓެސްޓުތައް މާޗް މަހުގެ 17 އިން 28 އަށް ބާއްވާތީ އިންތިހާބު ބާއްވަން ސްކޫލްތައް ވެސް ނުލިބޭނެކަން ފާހަގަކުރެއްވި އެވެ.

މިކަމަށް ހައްލެއް ގެނައުމަށް އީސީން ވަނީ އިންތިހާބު ބާއްވަން ގާނޫނުގައި ބުނާ މުއްދަތުތަަކަށް ބަދަލު ގެންނަން ދެ ގޮތެއް ހުށަހަޅާފަ އެވެ.

އެއް ގޮތަކީ ކެންޑިޑޭޓުންގެ ލިސްޓު އިއުލާނުކުރުމަށްފަހު ވޯޓުލުމާ ދޭތެރޭ ދޭން ގާނޫނުގައި ބުނާ 30 ދުވަހުގެ މުއްދަތު 20 ދުވަހަށް ކުރު ކުރުމެވެ. އެގޮތަށް ބަދަލުކޮށްފި ނަމަ، ރޯދަ މަސް ފެށުމުގެ ދެ ދުވަސް ކުރިން އިންތިހާބު ބޭއްވޭނެ އެވެ. އެއީ މާޗް ނުވަވަނަ ދުވަހެވެ.

އަނެއް ގޮތަކީ އިންތިހާބު އިއުލާން ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައި 120 ދުވަހުގެ މުއްދަތު 140 ދުވަހަށް އިތުރުކުރުމެވެ. އޭރުން އަވަހަށް އިންތިހާބު ބޭއްވުމުގެ މަސައްކަތް ކޮމިޝަނަށް ފެއްޓޭނެ އެވެ.

އީސީގެ ހުށަހެޅުމަށް މިއަދު ކޮމެޓީން ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ. ގޮތެއް ނިންމާނީ ކޮމެޓީގައި އިތުރަށް މަޝްވަރާ ކުރުމަށްފަހު އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.