އެ ނިންމެވުން އިއުލާން ކުރެއްވުމުގެ ކުރީން އެ މަނިކުފާނު ވަނީ ޖުމްހޫރީ މައިދާނުގައިވާ ކޯއްޓޭއަށް ނަގާފައިވާ ބޮޑުދިދައާ ދިމާއަށް އެނބުރި ވަޑައިން ދިދައާ މުހާތަބު ކުރައްވާފަ އެވެ.
ދިވެހި ދިދައަށް މީގެ ފަހުން އިރު ނޯއްސޭނެ ކަމަށާއި ފަހުރުވި އެންމެ އިތްޒަތްތެރި ނިޝާނުގެ ގޮތުގައި 24 ގައިޑި އިރު ވިހުރިހުރި ހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރައްވާ މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގެން ރައީސް މިއަދު ދެއްވި ތަގުރީރުގައި ވިދާޅުވީ "މީގެ ފަހުން ތިޔަ ފަހަރުވެރި ދިދައަކީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް 24 ގަޑިއިރު ޝަރަފާއި އިުއްޒަތާއެކު ވިހުރިވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން" ކަމަށެވެ.
ރައީސް މުއިއްޒު ފުރަތަމަ ވިދާޅުވީ އެ މަނިކުފާނުގެ ތަގުރީރު ނިންމަވާލައްވާ ވަޑައިގަތުމުގެ ކުރީން ހުރިހާ ބޭފުޅުން "އެހެރަ ލޮބުވެތި ފަހުރުވެރި ދިވެހި ދިދަޔަށް ބައްލަވައިލަ ދެއްވުން އެދެން" ކަމަށެވެ. އަދި "މި ވަގުތު އެ ޝަރަފުވެރި ދިވެހި ދިދަ އަޅުގަނޑުމެންނާ އެބަ މުހާތަބު ކުރޭ" ކަމަށެވެ.
އަދި އެމަނިކުފާނު ވިދާޅުވި އެވެ:
"އެއީ، މިނިވަންކަމުގެ ދިދަ، އެކަން ދައްކައިދިނުމަށްޓަކައި، އަތްވާއި ވާރޭގައި، ރެޔާއިދުވާލު އެ ދިދަ ވިހުރޭ. އެކަމުން ބުނެދެނީ، މިނިވަންކަން ދެމެހެއްޓުމުގައި ކުރަންޖެހޭ ހިތްވަރާއި، ބަހައްޓަންޖެހޭ ސާބިތުކަމުގެ ވާހަކަ. އެ ދިދައިގައި ކުލަތައް އެތުރިފައި ހުންނަނީ، ވަކި މިންތަކަކުން ވަކި އިންތަކެއްގައި. އެއިން އެނގެނީ މިނިވަންކޮށް މުޖުތަމައެއް ނުވަތަ ގައުމެއް ބޭއްވޭނީ ހަމަތަކަކާއި އުސޫލުތަކެއް ހުރުމާއެކު، ވަކިގޮތަކަށް ތަރުތީބުވެގެން، ވަކި އިންތިޒާމެއްގެ މަތީ އެ ބަޔަކު ތިބެގެންކަން. އެހެންކަމުން، އެ ދިދަ އަޅުގަނޑުމެންނަށް ހަނދާން ކޮށްދެނީ، ދިވެހި ގައުމު ހަގީގީ ދިވެހި ގައުމަށް ވާނީ، ދިވެހި މުޖުތަމައު ދިވެހީންގެ ހަގީގީ ސިފަތަކުން ގުޅި ލާމެހި އެކުވެރި ވެގެންކަން. އެހީތެރިވެގެންކަން. ރަނގަޅު ކަންކަން ދިރުވުމުގައްޔާއި، ނުރަނގަޅު ކަންކަން އިސްލާހު ކުރުމުގައި، އެކަކުއަނެކަކަށް އެއްބާރުލުން ދީގެންކަން"
ރައީސް އެހެން ވިދާޅުވެ އެ ނިންމެވުން އިއުލާން ކުރެއްވުމުގެ ކުރީން އެ މަނިކުފާނު ވަނީ ޖުމްހޫރީ މައިދާނުގައިވާ ކޯއްޓޭއަށް ނަގާފައިވާ ބޮޑުދިދައާ ދިމާއަށް އެނބުރި ވަޑައިން ދިދައާ މުހާތަބު ކުރައްވާފަ އެވެ. ވިދާޅުވަމުން ގެންދެވި އެވެ:
"އޭ ދިވެހީންގެ ފަހުރުވެރި ގައުމީ ދިވެހި ދިދަޔާ! ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން! ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިހުސާސް ކުރަން! ތިޔަ ދައްކައިދެނީ ގައުމު ދިފާއުކުރި މަތިވެރި ޝަހީދުންގެ ލޭފޮދު. ގައުމު ބިނާކުރި އެންމެހައި އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން! ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން! އެހެންވީމާ، އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ! މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ! މީގެ ފަހުން ތިޔަ ފަޚުރުވެރި ދިދައަކީ، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް 24 ގަޑިއިރު ޝަރަފާއި ޢިއްޒަތާއެކު ވިހުރިވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން!"
ރައީސް މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ އިލްތިމާސަކީ ދިވެހީން ދިވެހީންގެ ހަރުދަނާ ގޮތްތައް ކުރިއަށް ނެރުން ކަމަށާއި އެކުވެރިވެ ބައިބައިނުވުން ކަމަށެވެ. އަދި އެ މަނިކުފާނުގެ ހިތުގެ ނިދާޔަކީ، ދިވެހީން ދިވެހީންގެ ރިތީ އަހުލާގު ދައްކުވައިދީ ހެޔޮބަސް ބުނެ ނުބައިބަސް ނުބުނުން ކަމަށެވެ.
"މިއަދު އަޅުގަނޑުގެ އެދުމަކީ، މި ލޮބުވެތި ދިވެހި ފަސްގަނޑުގެ ކޮންމެ ވެލިފުކެއްގެ އަގު ދަސްކުރާށޭ! ފަރުވާކުޑަކޮށް ނުލާށޭ"