""އަޅުގަނޑު މަޖިލީހުގަ ހާޒިރުވެ ހުއްޓާ، އަޅުގަނޑަކީ އަދިވެސް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް، އެހެން މީހަކަށް ރިޔާސަތު ހަވާލުކުރެވޭނެ ގޮތެއް ވިދާޅުވެ ދެއްވުން އެދެން،" ޝަހީމްގެ މައިކު ކައިރިއަށް ވަޑައިގެން އީވާ ގޮވާލެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ނައިބް ރައީސް އީވާ އަބްދުﷲ އިންނަވަނިކޮށް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާ ރިޔާސަތު ހަވާލުކުރުމުން މަޖިލީސް ހޫނުވެއްޖެ އެވެ.
މަޖިލީހުގައި މިއަދު ސަޕްލިމެންޓްރީ ބަޖެޓްގެ ބަހުސް ކުރަމުން ދަނިކޮށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ވަގުތީ ގޮތުން ޝަރީފާ ރިޔާސަތު ހަވާލުކުރައްވާފަ އެވެ. ރިޔާސަތާ ހަވާލުވެވަޑައިގެން ޝަރީފް ވަނީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމަށް ބަހުސް ކުރައްވަން ފުރުސަތު ދެއްވާފަ އެވެ.
ޝަހީމް ބަހުސް ކުރައްވަން ފެއްޓެވުމާއެކު އީވާ ވަނީ ނިޒާމީ ނުކުތާ ނަންގަވަން އަތް ނަންގުވާފަ އެވެ. ޝަރީފް އެފުރުސަތު ނުދިނުމުން އީވާ ވަނީ އަޑުގަދަ ކުރަން ފަށައިފަ އެވެ. އަދި، ޝަހީމް ވާހަކަދައްކަވަމުން ގެންދަވަނިކޮށް އޭނާގެ މައިކު ކައިރިއަށް ވަޑައިގެން ހަޅޭއްލަވަން ފެއްޓެވި އެވެ.
"އަޅުގަނޑު މަޖިލީހުގަ ހާޒިރުވެ ހުއްޓާ، އަޅުގަނޑަކީ އަދިވެސް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް، އެހެން މީހަކަށް ރިޔާސަތު ހަވާލުކުރެވޭނެ ގޮތެއް ވިދާޅުވެ ދެއްވުން އެދެން،" ޝަހީމްގެ މައިކު ކައިރިއަށް ވަޑައިގެން އީވާ ގޮވާލެއްވި އެވެ.
އެއީ މަޖިލީހުގެ ގަވާއިދާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް އީވާ ގޮވައިލެއްވި އެވެ. އީވާ އަޑުގަދަ ކުރައްވަން ފެއްޓެވުމުން ޝަރީފް ވަނީ އީވާއަށް ނަސޭހަތްތެރިވުމަށްފަހު އެކަން ހުއްޓާ ނުލުމުން ނަން އިއްވައިފަ އެވެ.
އެކަމަކު އޭގެ ފަހުން ވެސް އީވާ އަޑުގަދަކުރައްވައި، ޝަހީމަށް ހުރަސްއަޅުއްވަމުން ގެންދަވާތީ، ރިޔާސަތުން ޝަރީފް ވަނީ ނިޒާމު ގެއްލިފައިވާ ކަމަށް ވިދާޅުވެ، ޖަލްސާ މެދުކަނޑާލައްވައިފަ އެވެ.
އޭގެ ފަހުން ދެން ޖަލްސާ ފެށިއިރު ރިޔާސަތުގައި އިންނެވީ ރައީސް އަސްލަމެވެ.
ރިޔާސަތު ހަވާލުނުކޮށްގެން އީވާ ކޯފާވިއިރު، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިހާރު ވަނީ މަޖިލީހަށް ވައްދާފަ އެވެ.