ފުލުހުންގެ ޕްރޮމޯޝަންތަކާ ގުޅިގެން ނޫސްވެރިން މިއަދު ފުލުހާ ސުވާލު ކުރަމުން ދެ އެވެ. ނަމަވެސް އެ ހިދުމަތުން ޖަވާބެއް ނުދެ އެވެ.
އަންނަ ހުކުރު ދުވަހު ސަރުކާރު ބަދަލުވެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރު ފެށުމުގެ ކުރީން ގިނަ އަދަދެއްގެ ފުލުހުންނަށް ޕްރޮމޯޝަން ދޭން ފަށައިފި އެވެ.
ރޭ އޮތް ބައްދަލުވުމެއްގައި ފުލުހުންގެ އެއް ބަޔަކަށް ވަނީ ޕްރޮމޯޝަން ދީފަ އެވެ. ރޭ ޕްރޮމޯޝަން ދީފައި ވަނީ އެސިސްޓެން ކޮމިޝަނާގެ މަގާމާއި ޗީފް ސްޕްރިންޓެންޑެންޓުންގެ މަގާމުގައި ތިއްބެވި ފުލުސް އޮފިސަރުންނަށެވެ. އެ ގޮތުން ރޭ އެސިސްޓެންޓް ކޮމިޝަނާ ކަމަށް ހަ ބޭފުޅަކު ޕްރޮމޯޓް ކުރި އިރު ގިނަ އަދެއްގެ އެހެން ފުލުސް އޮފިސަރުންނަށް ޕްރޮމޯޝަން ދީފައި ވެއެވެ.
"މި" ނޫހަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި ޕްރޮމޯޝަން ދިނުމުގެ ބައްދަލުވުމެއް މިރޭ ވެސް އިސްކަންދަރު ކޮށީގައި ބާއްވާނެ އެވެ. ޕްރޮމޯޝަނުގެ މި ދެ ބައްދަލުވުމުން 100 އަށް ވުރެ ގިނަ ފުލުހުންނަށް ޕްރޮމޯޝަން ދޭނެ އެވެ. އޭގެ ތެރޭގައި ޗީފް އިންސްޕެކްޓަރުންނާއި ސަބް އިންސްޕެކްޓަރުންނާއި އިންސްޕެކްޓަރުންގެ ރޭންކްތައް ވެސް ހިމެނެ އެވެ.
ފުލުހުންނަށް ޕްރޮމޯޝަން ދީފައި ވަނީ އެފަދައިން ޕްރޮމޯޝަންތައް ދިނުން މަޑުޖައްސާލަން އިންތިހާބީ ރައީސް / ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން ދުރާލައި އެކަމަށް އެދިފައި ވެސް އޮއްވަ އެވެ. އަދި އެންޓިކޮރަޕްޝަން ކޮމިޝަނުން (އޭސީސީ) އިން ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާ ވެސް ހިލާފަށެވެ.
ޕްރޮމޯޝަންތަކާ ގުޅިގެން ނޫސްވެރިން މިއަދު ފުލުހާ ސުވާލު ކުރަމުން ދެ އެވެ. ނަމަވެސް އެ ހިދުމަތުން ޖަވާބެއް ނުދެ އެވެ.
މި ޕްރޮމޯޝަންތައް ދޭން ފެށި އިރު ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ފުލުހުންގެ ހިދުމަތުން ޝަރަފުވެރި ކަމާއެކު ވަކިވެވަޑައިގަންނަވާނީ މިއަދު އެވެ. ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފް ސޮއިކޮށް ފުލުހުންގެ ކޮމާންޑްތަކަށް ފޮނުވާފައިވާ އެންގުމެއްގައި ބުނެފައިވާ ގޮތުން ސީޕީ ހަމީދު މި މަހުގެ 15 ވަނަ ދުވަހު ފުލުހުންގެ ހިދުމަތުން ޝަރަފުވެރި ކަމާއެކު ވަކިވެވަޑައިގަންނަވާނެ އެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ހަމީދު، ފުލުސް ވަޒީފާއިން ވަކި ކުރެެއްވި އެވެ. އެއީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް އާންމު ކުރެެއްވުމުގެ ތުހުމަތު ގައެވެ. ފުލުހުންގެ އެތެރޭގެ ކަންކަމާއި ސިއްރު މައުލޫމާތު ހަމީދު، އޭރުގެ އިދިކޮޅު ޕާޓީ އެމްޑީޕީއާ ހިއްސާ ކުރުމުގެ ތުހުމަތު އޮވެއެވެ. އެނާ އަނބުރާ ފުލުހަށް ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރު ފެށުމުންނެވެ. -- ހަމީދަކީ ރައީސް ސޯލިހްގެ އަނބިކަނބަލުންގެ ކޮއްކޯފުޅުގެ ފިރިކަލުންނެވެ.