"އަމީން އާންމު މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ކަނޑައަޅައި ޖަލްސާތައް ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދު ތަސައްވުރު ކުރާ ހަމައެކަނި ގޮތް،"
ރައްޔިތުންގެ މަޖިލީހަށް މިހާރު ދިމާވެފައި އޮތް ހާލަތުގެ ތެރެއިން ޖަލްސާތައް ކުރިއަށް ގެންދެވޭނެ ގޮތަކާމެދު ބަންޑާރަ ނައިބްގެ ލަފަޔަކަށް އެދެން އާންމު ކޮމެޓީން ނިންމާފައި ވަނިކޮށް އެމަނިކުފާނުގެ ލަފާ މިރޭ ހާމަ ކުރައްވައިފި އެވެ.
އެކްސް ގައި ޕޯސްޓްތަކެއް ކުރައްވާ މިހާރު އޮތް ހާލަތާއި އެ ހާލަތަށް އޮތް ހައްލު ކަމަށް ރިފްއަތު ދެކެވަޑައިގަންނަވާ ގޮތް ވަނީ ހިއްސާ ކުރައްވާފަ އެވެ. ރިފްއަތު ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާ ގައިވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް، މަގާމުން ވަކިކުރުމުގެ ގަރާރަކީ މަޖިލީހުގެ ގަވާއިދުގެ 168،167 އަދި 169 ވަނަ މާއްދާގައި ބަޔާން ކުރާ މެންބަރުން ހުށަހަޅާ އާންމު ގަރާރުތަކާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތު ތައް ހިނގާ ގަރާރެއް ނޫން ކަމަށެވެ.
މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރުގައި ފުރިހަމަ ވާން ޖެހޭ ހަމައެކަނި ޝަރުތުތަކަކީ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންނަށް ވުރެ މަދު ނޫން މެންބަރުން، ލިޔެ، ސޮއިކޮށް، މައްސަލަ އެއްގެ ގޮތުގައި ހުށަހަޅާ ގަރާރުގައި ވަކިކުރުމަށް ފެންނަ ސަބަބު ބަޔާން ކުރުން ކަމަށެވެ.
"މެންބަރަކު ޖަލްސާގައި ހުށަހެޅި ނިޒާމީ މައްސަލަ އަކާ ގުޅިގެން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތެރެއިން ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ފަރާތުން ނިންމާފައި ވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް،" ރިފްއަތު ވިދާޅުވި އެވެ.
ރިފްއަތު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަކީ ގާނޫނުއަސާސީގެ 82 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ ގައި ބަޔާން ކުރާ ގޮތުގެ މަތިން ހުއްޓުމެއް ނެތި ކުރިއަށް ގެންދަން ޖެހޭ ޖަލްސާ ތަކެއް ކަމަށާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު ހުށަހެޅުމަށް އެޖެންޑާ ކުރެވޭ ޖަލްސާ އެއްގެ ރިޔާސަތު މަޖިލީހުގެ ރައީސްގެ ނުފޫޒު އޮތް މެންބަރަކު ބެލެހެއްޓުމަކީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ބ) ގައި ބުނާ މަސްލަހަތު ފުށުއެރުމުގެ އުސޫލާ ދިމާ އިދިކޮޅު މާނަ ކުރުމެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ އެއް ބެލުމު ގައި ރިޔާސަތު ބެލެއްޓުމަށް ދެކޮޅު ހަދައި / އުޒުރުވެރިވާ މެންބަރުންނާއި އަދި މަސްލަހަތު ފުށުއަރާ އެއްވެސް ފަރާތެއް ރިޔާސަތުގައި ނުބޭންދުމުގެ މުހިއްމު ކަމަށް އިސްކަން ދޭން ޖެހޭނެ ކަމަށެވެ.
"މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ ބުނާ ގޮތަށް ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ތަރުތީބުން އަމީން އާންމު މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ކަނޑައަޅައި ޖަލްސާތައް ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވާއިދު ތަސައްވުރު ކުރާ ހަމައެކަނި ގޮތް،" ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު ވިދާޅުވި އެވެ.
މަޖިލީހުގައި މިހާރު އޮތް ހާލަތު މެދުވެރިވެފައި ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ ގަރާރު ރިޔާސަތުން ބޭރުކޮށްލުމުންނެވެ. ރިޔާސަތުގައި އިންނެވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. އޭނާ ރިޔާސަތާ ހަވާލުވެވަޑައިގަތީ މަޖިލީހުގެ ރައީސް އީވާ އަބްދުﷲ ސަލާން ފޮނުއްވުމުންނެވެ.
އަފީފް ވަނީ ނަޝީދު ވަކި ކުރަން ހުށަހަޅާފައިވާ ގަރާރަކީ މަޖިލީސް ގަވާއިދާ ހިލާފު ގަރާރެއް ކަމަށް ނިންމަވާފަ އެވެ. އެ ޖަލްސާއަށް ފަހު މިއަދު ދެވަނަ ފަހަރު ބޭއްވި ޖަލްސާގެ ރިޔާސަތާ ހަވާލުވެ ވަޑައިގެން އީވާ ވިދާޅުވެފައި ވަނީ ބޭރު ކޮށްލާފައިވާ ގަރާރެއްގެ މައްސަލަ ކުރިއަށް ނުގެންދެ ވޭނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިއަދު ވަނީ އާންމު ކޮމެޓީ ބައްދަލުވުމެއް ބާއްވާފަ އެވެ. މި ބައްދަލުވުމުގައި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) ހުށަހެޅުއްވީ އެ ކޮމެޓީއަށް ލިބޭ ބާރުގެ ދަށުން މި މައްސަލައިގައި ދެން އަމަލު ކުރާނެ ގޮތުގެ ލަފަޔެއް ހޯދަން ބަންޑާރަ ނައިބަށް ދެންނެވުމަށެވެ. ސީދާ ކޮމެޓީން އެ ލަފަޔަށް ނޭހޭނެތީ އޭނާ ހުށަހެޅުއްވީ އަމީންއާންމުގެ އެހީތެރިކަމާއެކު އެ ލަފާ ހޯދުމަށެވެ.
މެމްބަރުގެ އެ ހުށަހެޅުމަށް ކޮމެޓީއަށް ވަޑައިގެން ތިއްބެވި ދަ ޑިމޮކްރެޓްސްގެ މެމްބަރުން ވަނީ ދެކޮޅު ހައްދަވާފަ އެވެ. އެގޮތުން، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެފައި ވަނީ މަޖިލީހުގެ ތަޅުމުގައި ހިނގާ އެއްވެސް ކަމަކަށް ގޮތް ކިޔާ އަދި ބަންޑާރަ ނައިބްގެ ލަފާ ހޯދުމަކީ އެ ކޮމެޓީއަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.
ނަމަވެސް، ކޮމެޓީއަށް ހާޒިރުވެ ތިބި ހަތް މެމްބަރުންގެ އަޣްލަބިއްޔަތުން ވަނީ ބިގޭގެ ހުށަހެޅުން ފާސްކޮށްފަ އެވެ.
އީވާ އަދި އަފީފް އަމަލު ކުރެއްވި ގޮތުން މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް މިއަދު ބޭއްވި އިމްތިޔާޒާއި ސުލޫކް ކޮމެޓީން ވެސް ވަނީ ފާސްކޮށްފަ އެވެ.