ނޫސްވެރީންނަކީ ގޮތް ކިޔާ ބައެއް، ގޮތް ކިޔޭނީ ފޮތް ކިޔައިގެން: އާދަމް ނަސީރު

ނޫސްވެރިންގެ އެންމެ ވަރުގަދަ ހަތިޔާރަކީ މައުލޫމާތު ހޯދައި ލިބިގަތުމާއި އަދި ދިރާސާކޮށް އެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުންކަން ފާހަގަ ކުރެއްވިއެވެ.

އާދަމް ނަސީރު އިބްރާހީމް ރޭ ވާހަކަފުޅު ދައްވަނީ -- ފޮޓޯ/ މި ނޫސް

ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަރައިގެން ދާން ބޭނުން ނަމަ ފޮތް ކިޔުން އިތުރު ކުރުމަށް ދިވެހި ބަހުގެ އުސްތާޒު އާދަމް ނަސީރު އިބްރާހީމް ގޮވައިލައްވައިފި އެވެ. 

އޭނާ މިކަމަށް ގޮވައިލެއްވީ ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން "މި" ނޫސް އިން ރޭ ފެށި ނޫސްވެރިކަމުގެ އަސާސީ ޕްރޮގްރާމް ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. 

ކޯހުގެ ބައިވެރީންނާ މުހާތަބު ކުރައްވާ އާދަމް ނަސީރު ވިދާޅުވީ އެހެން ދާއިރާ ތަކާއި ނޫސްވެރިކަމުގެ ދާއިރާގައި ވަރަށް ބޮޑު ތަފާތެއް އޮންނަ ކަމަށާއި އެހެންކަމުން ނޫސްވެރިންގެ ކިބައިގައި މައުލޫމާތު ހޯދުމުގެ ޝައުގުވެރިކަން ހުންނަންޖެހޭ ކަމަށެވެ. 

ނޫސްވެރިންގެ އެންމެ ވަރުގަދަ ހަތިޔާރަކީ މައުލޫމާތު ހޯދައި ލިބިގަތުމާއި އަދި ދިރާސާކޮށް އެ މައުލޫމާތު ރައްޔިތުންނާ ހަމައަށް ފޯރު ކޮށް ދިނުންކަން ފާހަގަ ކުރައްވައި އާދަމް ނަސީރު ވިދާޅުވީ އެ ތޫނު ކަމަށް އަހުލުވެރި ނުވާ ނަމަ ވަރަށް މުހިއްމު ކަމެއްވެސް އަތްދަށުން ގެއްލިގެން ހިނގައިދާނެ ކަމަށެވެ.  

"އެހެން ދާއިރާ ތަކާއި ނޫސްވެރިކަމުގެ ދާއިރާގައި ވަރަށް ބޮޑު ތަފާތެއް އޮވޭ. ނޫސްވެރިޔާ މަސްކަނޑު ވެސް ބަލަންޖެހޭ. ދަނޑުފަނގު ބަލަންޖެހޭ. މަޖިލިސް ބަލަންޖެހޭ. މުޖުތަމައުގައި ހިނގާ ކަންތައްތައް، ވެއްޓުނު ސައިކަލް ބަލަންޖެހޭ. އެކި ދާއިރާއަށް އެކި ނޫސްވެރީން ޚާއްސަ ކުރެވިފައި ތިއްބަސް ނޫސްވެރިޔާ އަކީ މުޅި މުޖުތަމައު އޭނާގެ ފޮތުގައި އޭނާގެ ސިކުނޑީގައި އޮންނަ މީހެއް. އަދި އޭނާއަށް އެ ފެނުނު ގޮތަށް އެ ކުރަހާ ނެރެދޭ މީހާ،" އާދަމް ނަސީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނޫސްވެރީންނަކީ ކަންކަން ދިރާސާކޮށް މައުލޫމާތު ހޯދައިގެން ހަބަރާއި ރިޕޯޓް ލިޔުމުގެ ފަންނުވެރިކަމާއި ޝައުގުވެރިކަން ހުންނަ ބަޔަކަށް ވާންޖެހޭ ކަމަށާއި އެހެންވެ، ބަހުގެ ހަމަތައް ދަސްކޮށް، ބަސް ބޭނުން ކުރުމުގައި ވެސް ފަރުވާތެރިވާން ޖެހޭ ކަމަށެވެ. 

"ބައެއް ފަހަރު ވާގޮތަކީ އެ ތޫނު ކަމަށް އަހުލުވެރި ނުވެވެންޏާ ކުއްލިއަކަށް ގެންނަންޖެހޭ ހަބަރެއް، އެ ހަބަރުގެ މުހިއްމުކަން ވިސްނާނުލެވި ހުއްޓާ އެ ހަބަރު ގެއްލިގެން ހިނގައިދާނެ. ހަބަރަކީ ވަރަށް އުމުރު ކުރު، ރޯ އެއްޗެއް. އެއީ ފުރިޖުގައި ވެސް ބޭއްވޭ އެއްޗެއް ނޫން. އެހެންވީމަ ތާޒާކޮށް ހުއްޓާ އެ ޖެހޭނެ ރައްދު ކުރަންޖެހޭ ފަރާތަށް ރައްދު ކޮށްދޭން،" އާދަމް ނަސީރު ވިދާޅުވި އެވެ.

ރޭގެ ހަފްލާގައި ނޫސްވެރިކަމުގެ ފަންނު އިތުރުކުރުމަށް ޓަކައި ގިނައިން ފޮތް ކިޔުމަށާއި އަދި މައުލޫމާތު ހޯދައި ކަންކަން ދިރާސާކުރުމަށް އާދަމް ނަސީރު ވަނީ ކޯހުގެ ބައިވެރީންނަށް އިލްތިމާސްކުރައްވައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.